އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް އަދި މިހާރު ފެޝަން ޑިޒައިނަރ، ކާންޔޭ ވެސްޓް ވަނީ ދާދި ފަހުން 'ސަޓަޑޭ ނައިޓް ލައިވް' ނުވަތަ އެސްއެންއެލްގައި ޕަރފޯމް ކޮށްފައެވެ.
ހޮނިހިރު ދުވަހު ގެނެސްދޭ މި ކާމިޔާބު ޝޯވގައި ޕަރފޯމް ކުރުމުގެ އިތުރުން ކާންޔޭވަނީ ޝޯވ ނިންމާލުމަށްފަހު، ރައީސް ޑޯނަލްޑް ޓްރަމްޕަށް ތާއީދުކޮށް ސްޕީޗެއް ދީފައެވެ. ކުރިން ވެސް ޓްރަމްޕަށް ތާއީދުކޮށް ވާހަކަ ދައްކާ ކާންޔޭ ޓްރަމްޕަށް ތާއީދު ކުރުމުން ގިނަ ފަރާތްތަކެއް ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް، ކާންޔޭއާކީ ކަޅު ނަސްލަށް ނިސްބަތްވާ މީހަކަށް ވާއިރު، ޓްރަމްޕަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހެއްކަމަށް މީހުން ދެކޭތީއެވެ.
މީގެ ކުރިން، ޓްރަމްޕަށް ތާއީދުކޮށް ވާހަކަ ދެއްކުމުގެ ތެރޭގައި ކާންޔޭ ބުނެފައިވަނީ 400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތިކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ. މިކަމާ ގުޅިގެން އޭނާއަށް އަމާޒުވި ފާޑު ކިޔުންތައް އިތުރުވިއެވެ.
އެސްއެންއެލްގެ ނިމިގެން ދިޔަ ހަފްތާ ބަންދުގައި ގެނެސްދިން ޝޯވއިން އެނގުނު ގޮތުގައި އޭނާ ދިން ސްޕީޗަކީ އެއްވެސް ވަރަކަށް ރޭވިގެން ދީފައިވާ ސްޕީޗެއް ނޫނެވެ.
ކޮންމެ އެޕިސޯޑެއް ނިންމާލަމުން ގެނެސްދޭ "ދަ ވީކްއެންޑް އަޕްޑޭޓް"ގައި މިކަން ފާހަގަކޮށް، ޝޯވގެ ލިޔުންތެރިއެއް އަދި ކޮމީޑިއަން ޕީޓް ޑޭވިޑްސަން ވަނީ ކާންޔޭގެ ސްޕީޗާއި އުޅުމަށް ވަރަށް ފާޑު ކިޔާފައެވެ.
އަމިއްލައަށް އޭނާއަކީ ޖީނިއަސްއެއްކަމަށް ބުނަމުންދާ ކާންޔޭއަކީ 'މިއުޒިކީ ޖީނިއަސް'އެއް ކަމަށް އެއްބަސްވަމުން ޕީޓް ބުނެފައިވަނީ، އެހެން ކަންކަމުގައި ކާންޔޭގެ ހިޔާލު ހުރިގޮތް އިނގެން ބޭނުންނުވާކަމަށެވެ.
މީގެ އިތުރުން، ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާކަމަށް އެތައް ފަހަރެއްގެ މަތިން ބުނެފައިވާ ކާންޔޭވަނީ ބައްޔަށް ބޭސް ނެގުން ހުއްޓާލާފައިވާކަމަށް ބުނެފައެވެ. އެއަށް ރައްދު ދެމުން ޕީޓް ބުނެފައިވަނީ، އޭނާއަކީ ވެސް ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއްކަމަށާއި، ނަގަން ޖެހޭ ބޭހެއް ނެގުމަކީ ލަދުގަންނަން ޖެހޭކަމެއް ނޫންކަމަށެވެ.
އެސްއެންއެލްގެ އެޕިސޯޑްތައް މަޝްހޫރު އެކި ތަރިން ހުށަހަޅާއިރު، ކޮންމެ އެޕިސޯޑެއްގައި ޕަރފޯމް ކުރަނީވެސް ތަފާތު އެކި އާޓިސްޓުންނެވެ.
ކާންޔޭއަށް ފާޑުކިޔާފައި ގެނެސްދިން އެޕިސޯޑްގައި އާޓިސްޓެއްގޮތަށް ފެނިގެން ދިޔައީ ކާންޔޭގެ އަނބިމީހާ، ކިމް ކާޑޭޝިއަން ވެސްޓްގެ އެންމެ ހަގު ކޮއްކޮ ކައިލީ ޖެނަރގެ ލޯބިވެރިޔާ، ޓްރެވިސް ސްކޮޓެވެ.
ދައްތަގެ ފިރިމީހާއަށް ފާޑު އަމާޒުވާ ފަދަ ޝޯވއެއްގައި ބައިވެރިވި ސަބަބާ ގުޅޭ ގޮތުން އެއިން އެއްވެސް ފަރާތެއް އެއްޗެއް ބުނެފައި ނުވާއިރު، 'ދަ ޓުނައިޓް ޝޯވ ސްޓާރިން ޖިމީ ފެލަން'އަށް ދިން އިންޓަވިއުއެއްގައި ޓްރެވިސް ބުނެފައިވަނީ އެސްއެންއެލްގައި ޕަރފޯމް ކުރުމަކީ އޭނާގެ 'ހުވަފެނެއް' ކަމަށް ބުނެފައެވެ. އެހެންކަމުން، އޭނާ އެ ޝޯވގައި ޕަރފޯމް ކުރި ސަބަބަކީ އެއީކަމަށް ވެދާނެއެވެ.
އެސްއެންއެލްގެ އެޕިސޯޑަށް ފަހު ކާންޔޭވަނީ ސޯޝަލް މީޑީއާއިން ގެއްލިފައެވެ. ނަމަވެސް އެކަމާ، ޝޯވގެ ސަބަބުން އޭނާއަށް އަމާޒުވި ފާޑު ކިޔުމާ ގުޅުމެއް ވާކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ދެން ފާހަގަ ކުރެވުނު އިތުރުކަމަކީ، ކިމްގެ މަންމަ އަދި ހުރިހާ ދަރިންގެ މެނޭޖަރ، ކްރިސް ޖެނަރ އިންސްޓަގްރާމްގައި ޕޯސްޓް ކުރި އިޝްތިހާރެކެވެ.
ދާދީ ފަހުން، ކިމްވަނީ އޭނާއަށް ހެދުން އިޝްތިހާރު ކުރުމަށް ލިބުނު އެއް މިލިއަން ޑޮލަރުގެ ފުރުސަތު ދޫކޮށްފައިވާކަން ހާމަކޮށްފައެވެ. ސަބަބަކީ އެ ކުންފުންޔަކީ ކާންޔޭގެ ކުންފުނި 'ޔީޒީ'ގެ ހެދުންތައް ކޮޕީކުރާ ތަނަކަށް ވުމުންނެވެ. އޭގެ ބަދަލުގައި ކާންޔޭވަނީ ޔީޒީގެ އޯނަރުން ތެރޭގައި ކިމް ހިމަނާފައެވެ.
ކިމްއަށް އެއް މިލިއަން ޑޮލަރުގެ ޑީލެއް ހުށަހަޅާފައިވަނީ 'ފެޝަނޯވާ' ކިޔާ ކުންފުންޔަކުންނެވެ.
ކްރިސް ހޯމަ ދުވަހު ޕޯސްޓްކޮށްފައިވަނީ ފެޝަނޯވާގެ އިޝްތިހާރެކެވެ.
މިއިން އެއްވެސް ކަމަކުން ކާންޔޭއާ ކިމްގެ އާއިލާގެ ފަރާތަކާ މައްސަލަ ޖެހިފައިވާކަން ޔަގީން ނުވި ނަމަވެސް، ކިމްގެ އާއިލާގެ ގިނަ ފަރާތްތައް ވަނީ އެކި ފަހަރު މަތިން ޓްރަމްޕަށް ފާޑު ކިޔާފައެވެ.
އަދި ކުރިން މިފަދަ ކަންކަމުގެ ސަބަބުން ކިމް އޭނާ ދޫކޮށްފައި ހިނގައިދާނެ ކަމުގެ ބިރުގަތްކަމަށް ކާންޔޭ ބުނެފައިވީ ނަމަވެސް، އޭނާގެ އެފަދަ އަމަލުތަކުގެ ސަބަބުން ކިމްއާ މައްސަލަ ނުޖެހޭކަމަށް ކިމް ބުނެފައިވެއެވެ. އަދި އެއީ ފިރިމީހާގެ ހިޔާލުކަމަށާއި، ބައެއް ފަހަރު އެކަހަލަ ކަންކަމުގައި ދެ މީހުން ހިޔާލު ތަފާތުވުމަކީ އެކަށީގެންވާކަމެއް ކަމަށް ކިމް ބުންޏެވެ.
ކާންޔޭ ރައީސް ޓްރަމްޕަށް ތާއީދުކޮށް އެކި ސްޓޭޖްތަކުގައި ވާހަކަދައްކަމުން ދާއިރު، ކިމް މިހާރު ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ ނުހައްގުން ޖަލަށް ލާފައިވާ މީހުން މިނިވަން ކުރުމުގެ މަސައްކަތެވެ. އެގޮތުން، އޭނާގެ މަސައްކަތުން މިހާތަނަށް އެކަކު މިނިވަންވެފައިވާއިރު، ކިމް ދަނީ ވައިޓް ހައުސްއާ ގުޅިގެން އިތުރު ފަރާތްތައް މިނިވަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިކަމާ ގުޅޭ ގޮތުން ކިމް ވަނީ ޓްރަމްޕާވެސް ބައްދަލުކޮށްފައެވެ.
ކާންޔޭ ވަނީ 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.