ކ. މާލެ
|
7 އޮކްޓޯބަރ 2018 | އާދީއްތަ 17:17
އެންވަޔަރަންމަންޓް މިނިސްޓްރީ ޕްރެސް ކޮންފަރެންސްއެއްގައި މިނިސްޓަރު ތޯރިގާއި އެ މިނިސްޓްރީގެ އިސްވެރިން
އެންވަޔަރަންމަންޓް މިނިސްޓްރީ ޕްރެސް ކޮންފަރެންސްއެއްގައި މިނިސްޓަރު ތޯރިގާއި އެ މިނިސްޓްރީގެ އިސްވެރިން
ސިމާހާ ނަސީމް
އޮޑިޓް ރިޕޯޓު 2017
ޖޫރިމަނާ ފައިސާ ހޯދަން އީޕީއޭއިން މަސައްކަތް ކޮށްފައެއް ނުވޭ!
މިކަމާ ގުޅޭ ބައެއް ލިޔެކިޔުން ވަނީ ނައްތާލާފައި
ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔާގެ ދަށުން މަސައްކަތްތަކެއް ކުރެވިފައެއް ނުވޭ

ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދަން އެކަށީގެން މަސައްކަތެއް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮށްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ 2011 ވަނަ އަހަރު ޅ. ކޮމަންޑޫ ފަރަށާއި "ދެ ދުމަށިދޭތެރޭ" ނަމަކަށް ކިޔާ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އުރިގެން ލިބުނު ގެއްލުންތަކާ ގުޅިގެން، ކޮށްފައިވާ 17.7 މިލިއަން ރުފިޔާ ލިބިފައި ނުވާއިރު އެ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެކަށީގެން ފިޔަވަޅު ތަކެއް އީޕީއޭއިން އަޅާފައިނުވާ ކަމަށެވެ.

މި މިކަމާ ގުޅިގެން ހޯދަން ބޭނުންވި އެއްވެސް ލިޔެކިޔުމެއް ފޯރުކޮށްދީފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ފޯރުކޮށްދެވިފައި ނުވަނީ އީޕީއޭގެ ލިޔެކިޔުންތަކެއް ބަހައްޓާފައިވާ ގުދަނެއް، ހައުސިންގ މިނިސްޓްރީން ސާފުކުރި އިރު ގިނަ އަދަދެއްގެ ލިޔެކިޔުންތައް ނައްތާލާފައިވާތީ ކަމަށް ފަހުން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން 2017 ވަނަ އޮފީހަށް ލިބިފައިވާ ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެކަށީގެންވާ އަވަސް މުއްދަތެއްގައި ޖަމާކޮށްފައި ނުވާއިރު ބައެއް ފަހަރު ފައިސާ ޖަމާނުކޮށް އެތައް މަސް ދުވަހެއް ހޭދަވެފައިވާ ކަމަށް އޮޑިޓް އޮފީހުން ފާހަގަކުރެއެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ޖަމާނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާ ކަމުގައިވާނަމަ، އެފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ބޮޑުވުން އެކަށީގެންވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

އެގޮތުން ބައެއް މަޝްރޫއުތައް ހަވާލު ކުރުމުގައި ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅާފައިނުވުމުގެ މައްސަލަތަކެއްވެސް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ހަތް މިލިއަން ރުފިޔާ ހަރަދު ކުރި މަޝްރޫއުއަކަށް ކ.ހުރާގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކުރިއަށްގެންގޮސްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ހާމަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް