ކ. މާލެ
|
6 އޮކްޓޯބަރ 2018 | ހޮނިހިރު 18:52
އިންތިހާބީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަވާ ކޮމެޓީތަކުގެ ބައްދަލުވުމެއްގެ ތެރެއިން
އިންތިހާބީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަވާ ކޮމެޓީތަކުގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
އިންތިގާލީ މަރުހަލާ
އަންނަ އަހަރަށް ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އެބަދޭ: ޝާހިދު
ބަޖެޓް ހުށަހަޅާނީ ސަރުކާރުން، ބަޖެޓާ ގުޅޭ މައުލޫމާތު ދޭނީ ވެސް ސަރުކާރުން
ބަޖެޓް މަޖިލީހަށް ހުށަހެޅުމުން އަޅުގަނޑުމެންނަށް އެއްޗެއް ދަންނަވަން އެނގޭނީ: ޝާހިދު
ސަރުކާރާއި ޕީޕީއެމުން ބުނެފައި ވަނީ އެއްބާރުލުން ދޭނެ ކަމަށް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔާރުކުރުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ސޯލިހު)ގެ ފަރާތުން ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ކުރެއްވުމަށް ސިޔާސީ ބޭފުޅެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވުމަށް ހޮނިހިރު ދުވަހު ސްޓެލްކޯގައި ހުންނަ ޑިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދުގެ އިތުރުން ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް (ސީވިޑް ލަތީފް) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން ވަކި ބަޖެޓެއް ކަނޑައެޅި މުވައްޒަފުން ވެސް ހިމެނޭ ގޮތަށް ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއަށް އޮފީހެއް ސަރުކާރުން ގާއިމުކޮށްދޭން ޖެހެއެވެ. އެ އޮފީސް ކުރިއަށްދާނީ އިންތިހާބީ ރައީސް މަގާމުގެ ހުވާ ކުރައްވާ ދުވަހާ ހަމައަށެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އާ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ފެށިގެން ކުރިއަށް ދާތީ ބަޖެޓާ މެދު މިވަގުތު އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ އެކު ކުރިއަށްދާ ކަމަށާއި ބަޖެޓާ މެދު އެއްޗެއް ދަންނަވަން އެނގޭނީ ބަޖެޓް މަޖިލީހަށް ފޮނުވުމުން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރަކު ވެސް ކުރިއަށް އޮތް އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައި، މަޖިލީހުން އެ ބެޖެޓް ދިރާސާކޮށް، ފާސް ކުރަންޖެހެއެވެ. މަޖިލީހަށް ބަޖެޓް ފޮނުވާނީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ފަހު ދައުރުގައި ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ ބަޖެޓް ދިރާސާ ކުރުމާއި ފާސްކުރުމެވެ. މިހާރު ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުއެވެ. މިދައުރު ކުރިއަށްދާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. 

ޝާހިދު ވިދާޅުވީ ބަޖެޓް މަޖިލީހަށް ހުށަހެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތައް ބުނާ ގޮތުން އެވަގުތަކު އޮންނަ ސަރުކާރަކުން ކުރާ ކަމަކަށް ވާތީ ބަޖެޓާ ގުޅޭ މައުލޫމާތު މިވަގުތު ހާމަކުރާ ނަމަ އެކަން ކުރާނީ ސަރުކާރުން ކަމަށެވެ.

އިންތިހާބީ ރައީސް ސޯލިހު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލުމުގައި އާ ސަރުކާރުގެ ސިޔާސަތުތައް ހިމެނޭ ގޮތަށް އަދި ގުޅިގެން އެމަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ.

އިންތިހާބީ ރައީސް ސޯލިހު އެގޮތަށް ވިދާޅުވުމާ ގުޅިގެން، އާ ސަރުކާރުން ބޭނުންވާ ގޮތަށް ފުރިހަމަ ބަޖެޓެއް ފޮނުއްވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ އެދިވަޑައިގެންފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމާއި ފާސްކުރުމަށް ސަރުކާރުން ހިންގާ ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވެސް އެވާހަކަތައް ދެކެވިފައި ވެއެވެ. 

އިންތިހާބީ ރައީސް ސޯލިހު އާއި އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމްއަކީ މާލިއްޔަތު ކޮމެޓީގެ މެމްބަރުންނެވެ. އެންމެ ފަހުން އެކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެ ދެ ބޭފުޅުންވެސް ވިދާޅުވެފައިވަނީ ރައީސް ކަމުގެ ހުވާ ކުރައްވަންދެން މަޖިލީހުގެ ޖަލްސާތަކުގައާއި ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް