ކ. މާލެ
|
6 އޮކްޓޯބަރ 2018 | ހޮނިހިރު 17:41
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ އަދި ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒު
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ އަދި ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒު
މުހައްމަދު ޝަރުހާން
އިންތިގާލީ މަރުހަލާ
ސަރުކާރު ބަދަލުކުރުމުގެ މަރުހަލާއަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހެއްދެވީ މިނިސްޓަރު ޝައިނީ އާއި ޑރ. މުއިއްޒު!
ސަރުކާރު ބަދަލުވުމުގެ މަރުހަލާއަށް ނުފަރިތައީ: ޝާހިދު
އެއީ މާބޮޑަށް އަޅާލާނެ ކަމެއް ނޫން: ޝާހިދު
ބޭނުންވަނީ ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހވެސް ރައްޔިތުންނަށް ރަނގަޅަށް ހިދްމަތް ދިނުން: ޝާހިދު

ރިޔާސީ އިންތިހާބަށް ފަހު ސަރުކާރު ބަދަލުކުރުުގެ މަރުހަލާ ކުރިއަށްދާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދެ މިނިސްޓަރަކު އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް އެއްބާރުލުން ދެއްވުމަށް ދެކޮޅު ހައްދަވާކަން ހާމަވެއްޖެއެވެ. 

ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރެއްވުމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ވެރިކަން ބަދަލުމުގެ މަރުހަލާގެ ގާނޫނުގެ ދަށުން އައްޔަން ކުރައްވާފައިވާ ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފެވެ. 

ސަރުކާރު ބަދަލުމުގެ މަރުހަލާގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވުމަށް ސްޓެލްކޯގައި ހުންނަ ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ސަރުކާރުގެ 15 މިނިސްޓްރީއެއްގެ ތެރެއިން 09 މިނިސްޓްރީއަކާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. 

ދެ މިނިސްޓްރީއަކުން އެއްބާރުލުން ދިނުމަށް ދެކޮޅު ހެދިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން "ރާއްޖެއެމްވީ" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ ދެ މިނިސްޓްރީއަކުން އެފަދަ މައްސަލައެއް ދިމާވި ކަމަށެވެ.

"ދެ މިނިސްޓްރީއަކުން ކުޑަ ހައްސާސްކަމެއް ދިމާވި. އަޅުގަނޑަށް ހީވަނީ އެގޮތަށް އެ ދިމާވަނީ ޓްރާންސިޝަން، މިބަދަލު އަޅުގަނޑުމެންގެ ތެރޭގައި ނުފަރިތައީހެން. އަޅުގަނޑުމެން ސިޔާސީ މީހުންނަކީ، ރައްޔިތުން ނޫނެކޭ ބުނީމައި، ރައްޔިތުން ރުހޭ މީހުންނާ ވެރިކަން ހަވާލުކޮށްފަ ދުރައްޖެހިލަންޖެހޭ މީހުން. އެހެންވީމައި ސިޔާސީ ކަންތައްތަކުގައި ނުފަރިތަ ވީމާ އެހެން ދިމާވެދާނެ. އަޅުގަނޑުމެން އެކަން އެހާ ބޮޑަކަށް ނުނަގަން. އެ އަށް ވުރެ މާބޮޑަށް ރައްޔިތުންނަށް ދޭންޖެހޭ ހިދްމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭނެ ގޮތަކީ ކޮބައިތޯ ބަލައި، އެކަމަށް އަޅުގަނޑުމެން ފޯކަސް ކުރަމުންގެންދަނީ،" ޝާހިދު ވިދާޅުވި އެވެ.

އެއްބާރުލުން ދޭން ދެކޮޅު ހެއްދެވި ކަމަށް ބުނާ ދެ މިނިސްޓަރުގެ ނަމެއް ޝާހިދު ހާމައެއް ނުކުރައްވައެވެ.

ނަމަވެސް "ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އިންތިހާބީ ރައީސް ސޯލިހުގެ ފަރާތްޕުޅުން އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުން، ސަރުކަރު ބަދަލުކުރުމުގެ މަރުހަލާއަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހައްދަވާފައިވަނީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ. 

ޝާހިދު ވިދާޅުވީ އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ފުރަތަމަ މިނިސްޓްރީތަކަށް ކުރައްވަނީ އިހުތިރާމުގެ ޒިޔާރަތެއް ކަމަށެވެ. އޭގެ ފަހުން ކަމާގުޅޭ ދާއިރާގެ ބޭފުޅުން ހިމެނޭ ކޮމެޓީން އެ މިނިސްޓްރީއެއް ނުވަތަ އެ އިދާރާއެއްގެ އިސްވެރިންނާ ބައްދަލު ކުރައްވާ، ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ގުޅިގެން ކުރިއަށް ގެންދަވަނީ ކަމަށެވެ. 

ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިހުތިރާމުގެ ޒިޔާރަތް ނުކުރެއްވިވާ ހަ މިނިސްޓްރީއަށް ޒިޔާރަތް ކުރެއްވުމަށް ފަހު، ސަރުކަރު ބަދަލުކުރުމުގެ މަރުހަލާގެ ކަމާ ބެހޭ ކޮމެޓީގެ ބޭފުޅުން އެ އިދާރާތުގެ ބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ބޭނުންފުޅުވަނީ ސަރުކާރު ބަދަލުކުރުމުގެ މިމަރުހަލާ ވީހާ ވެސް އަމާންއޮމާންކަމާ އެކު ކުރިއަށް ގޮސް، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް މެދުކެނޑުމެން ނެތި، ރައްޔިތުންނަށް ހިދްމަތް ފޮރުކޮށްދިނުން ކަމަށާއި، އަދި ހިދްމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 އޮކްޓޯބަރ 2018 | ހޮނިހިރު 19:58
ސައްޕޭ
ވެދާނެ އެއީ އެއްމެ ކޮރަޕްޓް ދެމިނިސްޓްރީ ކަމަށް،
6 އޮކްޓޯބަރ 2018 | ހޮނިހިރު 15:00
ނިޒާމް
10 އޮކްޓޯބަރ ގައި ހައުސިންގ އަށް އަންނަނީ. އަދި ނާދެ