ކ. މާލެ
|
6 އޮކްޓޯބަރ 2018 | ހޮނިހިރު 17:35
އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ތިން އަހަރު އުޅުއްވުމަށް ފަހު، ރާއްޖެވަޑައިގެން ޑރ. ޖަމީލު މީޑިއާއަށް މައުލޫމާތު ދެއްވަނީ
އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ތިން އަހަރު އުޅުއްވުމަށް ފަހު، ރާއްޖެވަޑައިގެން ޑރ. ޖަމީލު މީޑިއާއަށް މައުލޫމާތު ދެއްވަނީ
ރާއްޖެ އެމްވީ
ޑރ. ޖަމީލު
ރައީސް ޔާމީނަށް މައާފު ކުރުމާ މެދު ގޮތް ނިންމާނީ ރައްޔިތުން: ޑރ. ޖަމީލު
އިންތިހާބުން ބުނެދިނީ އަމާނާތްތެރިކަން ބޭނުންވާ މިންވަރު ކަމަށް ވިދާޅުވި
ވެރިކަމުގެ އެންމެ ބޮޑު ގެއްލުމަކީ ގިނަ ބަޔަކު ބަންދުކުރުން
މި ކޯލިޝަން ދިގު ދެމިގެންދާނެ: ގާސިމް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ފަރާތްތަކަށް ދިން އަނިޔާތަކާ ގުޅިގެން، އެމަނިކުފާނަށް މައާފު ކުރުމާ މެދު ގޮތް ނިންމާނީ ރައްޔިތުން ކަމަށް ޕީޕީއެމް ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް މައާފު، ކުރައްވާނަންތޯ ރާއްޖެޓީވީން ޖަމީލަށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ ވެރިކަމަކީ އަމާނާތެއް ކަމަށާއި ރައީސް ޔާމީނާ މެދު މައްސަލައެއް ނެތް ކަމަށެވެ. ރާއްޖެޓީވީން ކުރި ސުވާލަކީ ހަމައެކަނި އެމަނިކުފާނަށް އަމާޒުވާ ސުވާލެއް ނޫން ކަމަށާއި ރައީސް ޔާމީން ވެރިކަމަށް ގެނައީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ފައުންޑާ ގާސިމް އިބްރާހިމްގެ މަސައްކަތްޕުޅުން ކަމަށް ޖަމީލު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީން ވެރިކަމުގެ އަމާނާތާ މެދު އަމަލު ކުރި ގޮތާ މެދު ގޮތް ނިންމާނީ ރައްޔިތުން ކަމަށް ޖަމީލު ވިދާޅުވިއެވެ.

"އަޅުގަނޑުގެ މައްސަލައެއް ނޫން. އަޅުގަނޑު މި ދެންނެވީ ދެއްތޯ ވެރިކަމަކީ އަމާނާތެކޭ. އަޅުގަނޑާއި ޔާމީނާއި ގާސިމާއި މައުމޫނާއި އަޅުގަނޑުމެން އެންމެން އެކީގައި މިކަމަށް މި އައީ. އަޅުގަނޑުގެ އެކަނި ސުވާލެއް ނޫން. އަމާނާތުގެ ސުވާލެއް މިއީ. އެކަމަށް [މައާފު ކުރުމާ މެދު] ދިވެހިރައްޔިތުން ހިސާބު ކުރާނެ. އޭގެ ޖަވާބު މިދިނީ އިންތިހާބުން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރައީސް އަބްދުﷲ ޔާމީންގެ ނާއިބު ރައީސެއްގެ ގޮތުގައި އެއް އަހަރާއި ފަސް މަސް ވަންދެން މަސައްކަތްޕުޅު ކުރެއްވި ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ރިޔާސީ އިންތިހާބުން ރައްޔިތުން ބުނެދިނީ ހަމަހަމަކަމާއި އިންސާފާއި އަމާނާތްތެރިކަން ބޭނުންވާ މިންވަރު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ފަސް އަހަރު ދުވަހު ލިބުނު އެންމެ ބޮޑު ގެއްލުމަކީ ރައްޔިތުން ޖަލަށްދާން ޖެހުމާއި ގައުމުން ބޭރުގައި އުޅެން މަޖުބޫރުވުން ކަމަށެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި ދިމާވި މައްސަލައަކީ ރާއްޖޭގައި ތިބި ހުރިހާ ލީޑާޝިޕެއް ދުއްވާލަން މަސައްކަތް ކުރުން ކަމަށެވެ. އެ ލީޑާޝިިޕާ ނުލައި މަސައްކަތް ކުރަން އުޅުމުން ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާއަށް މައުލުމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ފައުންޑާ ގާސިމް އިބްރާހިމް ވިދާޅުވީ ޖަމީލު ރާއްޖެ ވަޑައިގެންނެވުމަކީ ޖުމްހޫރީ ޕާޓީއަށާއި އެމަނިކުފާނުގެ އަމިއްލަ ނަފްސަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ޖުމްހޫރީ ޕާޓީ ކުރިއަށް ގެންދިއުމުގައި ޖަމީލު ވަރަށް ބޮޑު ހިއްސާއެއް އަދާ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމެއްގައި ދެރަ ގޮތެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން އޮތްކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ކޯލިޝަން ދިގު ދެމިގެންދާނެ ކަމަށެވެ.

"ބަލަ ކޮކްޓެއިލް ވެސް ވަރަށް މޮޅު އެއްޗަކަށްވޭ ބައެއް ފަހަރު. ވަރަށް ބައިވަރު އެއްޗެއްސަކީ ވެސް ރަނގަޅު ކޮކްޓެއިލް. އެކަން މިއޮތީ އެމަނިކުފާނަށް ވެސް ސާބިތުވެފައި. އެމަނިކުފާނު ވިދާޅުވި އަޅުގަނޑުމެން ތަޅައިގެންފައި އެއް ކެންޑިޑޭޓަކު ނުނެރެވޭނެއޭ،" ގާސް ވިދާޅުވިއެވެ.

ތިން އަހަރު ދުވަހަށް ފަހު، އިނގިރޭސީ ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު ޑރ. ޖަމީލު ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެންނެވުމުން، ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން ވަނީ އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. އަދި ޖަމީލުގެ އުފަން ރަށް، ފުވައްމުލަކުގެ ގިނަ ބަޔަކު އެއާޕޯޓަށް ޖަމާވެ، އެމަނިކުފާނަށް މަރުހަބާ ދަންނަވާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް