އިނގިރޭސިވިލާތުގެ މާލީ ދާއިރާ ރެގިއުލޭޓް ކުރާ ފަރާތުން ޓެސްކޯ ބޭންކް 16.4 މިލިއަން ޕައުންޑުން ޖޫރިމަނާ ކޮށްފިއެވެ.
އިނގިރޭސިވިލާތުގެ މާލީ ދާއިރާ ރެގިއުލޭޓް ކުރާ ފަރާތުން ބޭންކް ޖޫރިމަނާ ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭންކް އަށް ދިމާވި ސައިބަރ ހަމަލާގެ ކުރިން ބޭންކްގެ ކަސްޓަމަރުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އަހަންމިއްޔަތުކަން ނުދެވުނު ކަމަށް ބުނެއެވެ.
އެ އަމަލު ހިންގި ފަރާތުން ވަނީ 2.26 މިލިއަން ޕައުންޑް ވަގަށް ނަގާފައެވެ. ޓެސްކޯ ބޭންކްގެ ފަރާތުން ބުނީ އެ ހުރިހާ ކަސްޓަމަރުންނަށް އެ ފައިސާ އަނބުރާ ރައްދުކޮށްދީފައި ވާނެ ކަމަށެވެ.
ސައިބަރ ހަމަލާއާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ މާލީ ދާއިރާ ރެގިއުލޭޓް ކުރާ ފަރާތުން ބުނީ އެ ހަމަލާ އަކީ ކުރިން ފިޔަވަޅު އެޅުނުނަމަ ރައްކާތެރިވެވޭނެ ކަމެއް ކަމަށާއި އެހެންނަމަވެސް ޓެސްކޯ ބޭންކުން އެކަމަށް ދޭންޖެހޭ އަހަންމިއްޔަތުކަން ދީފައިނުވާ ކަމަށެވެ. އަދި ކަސްޓަމަރުން މިކަހަލަ ކަންތައްތަކުން ބޭންކުތަކުން ރައްކާތެރި ކުރެވެން ޖެހޭނެ ކަމަށާއި ބޭންކުތަކުން މިކަހަލަ ރިސްކްތަކުން ދުރާލާ ރައްކާތެރި ނުކުރެވޭ ކަމުގައިވާނަމަ އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމައް ނޫން ކަމަށް ވެސް އިނގިރޭސިވިލާތުގެ މާލީ ދާއިރާ ރެގިއުލޭޓް ކުރާ ފަރާތުން ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުގެ މާލީ ދާއިރާ ރެގިއުލޭޓް ކުރާ ފަރާތުން އިތުރަށް ބުނީ ސައިބަރ އެޓޭކަރުން ވަނީ ބޭންކުގެ ޑެބިޓް ކާޑުގެ ޑިޒައިންގެ ހުރި އުނިތަކާއި ފައިނޭންޝަލް ކްރައިމް ކޮންޓްރޯލް ސިސްޓަމުގައި ހުރި އުނިކަންތައްތައް ދެނެގަނެފައި ކަމަށެވެ.
މި ސައިބަރ ހަމަލާގެ ސަބަބުން ކަސްޓަމަރުންގެ އެއްވެސް ޑޭޓާތަކެއް ގެއްލިފައިނުވާއިރު ބައެއް ކަސްޓަމަރުންގެ އެކައުންޓުތަކުން ވަނީ 34 ޓްރާންސެކްޝަން ހިންގާ ފައިސާ ނަގާފައެވެ.
އެ ބޭންކުން ވަނީ ދިމާވި އެ ކަންތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި އެ ބޭންކުން އެންމެ މުހިންމު ކަމެއް ދެނީ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ޓެސްކޯ ބޭންކުން ބުނެއެވެ.
އިނގިރޭސިވިލާތުގެ މާލީ ދާއިރާ ރެގިއުލޭޓް ކުރާ ފަރާތުން ޓެސްކޯ ބޭންކް އެންމެ ފުރަތަމަ ޖޫރިމަނާ ކުރީ 33.6 މިލިއަން ޕައުންޑުންނެވެ. އެހެންނަމަވެސް އެ އަދަދު ވަނީ ފަހުން 16.4 މިލިއަން ޕައުންޑަށް ކުޑަ ކޮށްފައެވެ.
ޓެސްކޯ ބޭންކަކީ 1997 ވަނަ އަހަރު އުފެއްދި އިނގިރޭސިވިލާތުގެ ރީޓެއިލް ބޭންކް އެކެވެ.