ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 07:45
ރައީސް ޔާމީނާއި ސްރީ ލަންކާގެ އަސޭލާ
ރައީސް ޔާމީނާއި ސްރީ ލަންކާގެ އަސޭލާ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ރައީސް ޔާމީން އެހުންނެވީ އަމިއްލަފުޅަށް ޖެއްސެވި މަޅީގައި ތާށިވެފައި: ޝާހިދު
ރައީސް ޔާމީން އިސްވެ ހުންނަވައިގެން މުޒާހަރާއަށް ގޮވާލުމަކީ ވަރަށް ހުތުރު އަމަލެއް
ރިޔާސީ އިންތިޚާބުގެ ނަތީޖާ މުޅި ދުނިޔެއިން ވަނީ ބަލައިގަނެފައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެހުންނެވީ އަމިއްލަފުޅަށް ޖެއްސެވި މަޅިއެއްގައި ތާށިވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ޝާހިދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައި ބަލި ގަބޫލުކުރެއްވުމަށްފަހު، މަގު މައްޗަށް މީހުން އެއްކޮށް މުޒާހަރާ ކުރުމަށް ގޮވާލުމަކީ ލަދުވެތިކަމެއް ކަމަށެވެ. މިއަދު ދިވެހި ރައްޔިތުންގެ އަޑު އިއްވާފައިވާ ކަމަށާއި، ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އޭނަ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާގެ ސައްހަ ކަމާމެދު ސުވާލު އުފައްދާ މުޒާހަރާ ކުރަން ނުކުންނެވީ ރައީސް ޔާމީން އަމިއްލަފުޅަށް ޖެއްސެވި މަޅިއެއްގައި އެމަނިކުފާނު ތާށިވެގެން ކަމަށާއި، އިންތިޚާބުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން މުޒާހަރާއަށް ގޮވާލުމަކީ ވަރަށް ހުތުރު އަމަލެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ނަތީޖާ މުޅި ދުނިޔެއިންނާއި، ރާއްޖޭގެ ހުރިހާ ރައްޔިތުން ބަލައިގަނެފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެ ރައްޔިތުންގެ ބަސް އިއްވުމުން ސަރުކާރުގެ ހުރިހާ މުއައްސަސާއެއް ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކާފައިވާ ކަމަށާއި، ގައުމުގެ ސަލާމަތީ ބާރާއި، ސަލާމަތީ ޚިދުމަތްތަކުން އިންތިޚާބީ ރައީސްގެ އަރިހަށް ޒިޔާރަތްކޮށް އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ކަންކަން ތަރުތީބު ކުރައްވަމުން ގެންދަވާ ތަން ފެންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިއްޖެ ދައުލަތުގެ ސެންޓަރަލް ބޭންކް ގަވަރުނަރު އިންތިޚާބީ ރައީސްގެ އަރިހަށް ޒިޔާރަތްކުރައްވާ އެކަން ވެރިކަން ބަދަލުވުމުގެ ނިޒާމާއި، އަދި ވެރިކަމާއި ހަވާލުވެވަޑައިގަތީމަ ކަންތައްތައް ގެންދާނެ ގޮތުގެ މަޝްވަރާތައް ކުރައްވަމުން ގެންދަވާ މަންޒަރު. އަޅުގަނޑުމެންނަށް ފެނީ ހުދު ސަރުކާރުގެ ވަޒީރުން މިވެރިކަން ބަދަލުކުރުމަށް އެއްބާރުލުން ދެއްވަމުން ގެންދަވާތަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިފަދަ މަންޒަރުތަކުން ދޭހަ ކޮށްދެނީ ޑިމޮކްރަޓިކް ނިޒާމް ހިންގުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ މިންވަރު ކަމަށާއި،  ކިތަންމެ ވަރަށް ގަޑުބަޑު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ރައްޔިތުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

"އެހެންވީމަ ދެން އަޅުގަނޑުމެން މަސައްކަތް ކުރަންވީ މި ޑިމޮކްރަޓިކް ނިޒާމު ވަރުގަދަ ކުރެވޭތޯ. އެނިޒާމު ވަރުގަދަ ކުރުމުގެ ތެރޭގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް ގޮތަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުޅުވާލާނަން. އެހުޅުވާލީމަ އޭގެ ތެރެއިން އަބްދުﷲ ޔާމީން އަބްދުގައްޔޫމަށް ވެސް ވާހަކަފުޅު ދައްކަވާ އެކަންތައްތަކުގެ އެމަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭ ކަންތައްތައް ފާޅު ކުރުމުގެ ފުރުސަތު އަޅުގަނޑުމެން އަރުވާނަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އޮމާންކަމާއެކު މިދައުލަތުގެ ކަންތައް ކުރިއަށް ގެންދަން ކަމަށާއި، ރައްޔިތުން ހަލަބޮލި ކަމެއް ބޭނުންނުވާ ކަމަށެވެ. މިއަދު ރައްޔިތުން ގަބޫލުކުރީ ކޯލިޝަންގެ މެނިފެސްޓޯއާއި، ކޯލިޝަންގެ ބަސް ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް