ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 17:49
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ނަތީޖާއަށް ބަދަލު އަންނަ އެއްވެސް ކަމެއް ހިނގާފައި ނެތް ކަމަށް ހޯމް މިނިސްޓަރު ވެސް ވަނީ ވިދާޅުވެފައި: މާރިއާ
ހޯމް މިނިސްޓަރު ވިދާޅުވެފައިވަނީ އިންތިހާބުގެ ނަތީޖާއަށް އަސަރު ފޯރާފަދަ އެއްވެސް "މެޓީރިއަލް"އެއް ނެތް ކަމަށް
އިންތިހާބުގެ ޝަކުވާތައެް ހޯމް މިނިސްޓްރީންވެސް ބަލާފައިވޭ
އޮޑިޓަރ ޖެނެރަލް ޒިޔަތު ވެސް ވިދާޅުވީ އެއްބާރުލުން ދެއްވައި ޓެކްނިކަލް ލަފާވެސް ދެއްވަން ތައްޔާރު ކަމަށް

މިދިއަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ފަދަ އެއްވެސް ކަމެއް ހިންގާފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައިވާ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި މާރިއާ ވިދާޅުވީ އިނތިގާލީ މަރުހަލާގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދެވުމަށް އިންތިހާބީ ރައީސްގެ ފަރާތުން އުފައްދަވާފައިވާ ކޮމެޓީތަކުގެ ތެރެއިން ޑިފެންސް އެންޑް ސެކިއުރިޓީ ކޮމެޓީން ބުދަ ދުވަހު ހޯމް މިނިސްޓަރު އަޒުލީންއާ ބައްދަލު ކުރެއްވި ކަމަށާއި ސަރުކާރު ބަދަލު ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

"ހޯމް މިނިސްޓަރު ވެސް ކަށަވަރު ކޮށްދެއްވި، އިންތިގާލީ މަރުހަލާ އަމާންކަމާއެކު އިންތިހާބީ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް،" މާރިއާ ވިދާޅުވި އެވެ.

މާރިއާ ވިދާޅުވީ އިންތިހާބާގުޅޭ ޝަކުވާތައް ހޯމް މިނިސްޓްރީން ވެސް ބެއްލެވި ކަމަށާއި، އިންތިހާބުގެ ނަތީޖާއަށް އަސަރުފޯރާ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަޒުލީން ވެސް ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. 

"އިންތިހާބާ ބެހޭ ޝަކުވާތަކުގެ މައްސަލަތައް އެބޭފުޅުން ވެސް ބެއްލެވި ކަމަށާއި އިންތިހާބުގެ ނަތީޖާ އަސަރު ފޯރާފަދަ އެއްވެސް ކަމެއް މެޓީރިއަލް ނެތް ކަމަށް،" ހޯމް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. 

މީގެ އިތުރުން ވެސް މާރިއާ ވިދާޅުވީ އިންތިހާބީ ރައީސް އިބޫގެ ފަރާތުން އުފައްދާފައިވާ އިކޮނޮމިކް ކޮމެޓީން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުއާ ބައްދަލު ކުރެއްވި ކަމަށާއި ކަމާގުޅޭ ދާއިރާތަކުން އެއްބާލުން ދެއްވައި އަދި އޮޑިޓާ ގުޅޭ ޓެކްނިކަލް ލަފާ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށެވެ.

މީގެއިތުރުން ފޮރިން ކޮމެޓީގެ ފަރާތުން ވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ހާރިޖީ ގުޅުންތަކާބެހޭ ކަންކަން ކުރަމުންދާ ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ.

މާރިއާ ވިދާޅުވީ އިންތިހާބީ ރައީސް އުފައްދަވާފައިވާ އެކިއެކި ކޮމެޓީތައް ހަރަކާތްތެރިވަމުންދާއިރު، ޑައިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފް ވެސް ސިވިލް ސާރވިސްއާ ގުޅޭ ސަރުކާރު ބަދަލުވުމުގެ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން މިހާރު އެމަނިކުފާނު މަސައްކަތް ކުރައްވާނެ އޮފީހެއް ސްޓެލްކޯ ބިލްޑިންގގައި ގާއިމު ކޮށްފައިވާ ކަމަށެވެ. އަދި އެ އޮފީހުގައި މަސައްކަތް ކުރާނެ މުވައްޒަފުންގެ ކަންކަން ވެސް ހަމަޖެހިގެންދާ ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް