ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 13:16
ރައީސް މައުމޫން ފައިސަލް ނަސީމާ ބައްދަލު ކުރައްވަނީ
ރައީސް މައުމޫން ފައިސަލް ނަސީމާ ބައްދަލު ކުރައްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ފައިސަލަށް ދޭނެ ނަސޭހަތެއް ނެތް، އަމަލު ކުރައްވާނީ ރަނގަޅަށް: މައުމޫން
ފައިސަލަކީ ގާނޫނުތަކަށް ފަރިތަ ބޭފުޅެއް ކަމަށް ވިދާޅުވި
މުސްލިމް ގައުމެއްގެ ގޮތުގައި އޮތުމަށް ތާއަބަދު މަސައްކަތް ކުރާނަން: ފައިސަލް
މައުމޫން ވަނީ އިބޫ އާއި ފައިސަލާ ވެސް ބައްދަލު ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ފައިސަލް ނަސީމަށް ދެއްވާނެ ނަސޭހަތެއް ނެތް ކަމަށާއި އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަމަލު ކުރައްވާނީ ރަނގަޅަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު، އިންތިހާބީ ނައިބު ރައީސާ އެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ފައިސަލަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފައިސަލަކީ ގާނޫނުތަކާއި އުސޫލުތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން އެމަނިކުފާނު އަމަލު ކުރައްވާނެ ގޮތަކާމެދު ޝައްކު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެމަނިކުފާނަކީ މިކަމަށް ވަރަށް ގާބިލު ބޭފުޅެއް. ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ، ގާނޫނުތަކާއި އުސޫލުތައް ވަރަށް ރަނގަޅަށް ނެދެވަޑައިގަންނަވާ ބޭފުޅެއް. އެމަނިކުފާނު އަމަލު ކުރައްވާނީ ރަނގަޅަށް ކަމާމެދު ޝައްކެއް ނުކުރަން،" ފައިސާލާއެކު ބޭއްވި ބައްދަލުވުމަށްފަހު ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ފަހަތްޕުޅުގައި ތިއްބަވައިގެން ހިންގަވާ ސަރުކާރަކީ ދުވަހަކު ވެސް ނުދެކޭފަދަ ހަމަހަމަކަމާއި އިންސާފު ގާއިމު ކުރެވިގެންދާނެ ކަމަށެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކޮށް، ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ތާއަބަދު މަސައްކަތް ކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑު ވައުދުވަނީ މަނިކުފާނަށް [މައުމޫން] ވެސް އަޅުގަނޑު ދަންނަވާލަން، ދިވެހި އެންމެހައި ރައްޔިތުންނަށް ދަންނަވާލަން ގާނޫނުއަސާސީން އަޅުގަނޑުމެންނަށް މަތިކޮށްފައިވާ އެންމެހައި ޒިންމާތައް ތެދުވެރިކަމާއެކު އިހްލާސްތެރިކަމާއެކު އަދާކުރުމަށްޓަކާ މަސައްކަތްކޮށް، ސައްތައިންސައްތަ މުސްލިމްކަން ދެމެހެއްޓުމަށްޓަކާ އަޅުގަނޑުމެން ތާއަބަދު މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ފައިސަލް ވިދާޅުވިއެވެ.

ރައީސް މައުމޫން ޖަލުގައި ހޭދަ ކުރެއްވި ހަތް މަހާއި 24 ދުވަހުގެ މުއްދަތަށް ފަހު، މިނިވަންވެޑައިގެން އެމަނިފާނު އަންގާރަ ދުވަހު ވަނީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް