ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 14:05
ކޯޓު ލައްވައިގެ އިކްރާމް ޕީއެސްއެމްގެ އެމްޑީ އިކްރާމް  ޚަލީލްއާ އެކު
ކޯޓު ލައްވައިގެ އިކްރާމް ޕީއެސްއެމްގެ އެމްޑީ އިކްރާމް ޚަލީލްއާ އެކު
ރައީސް އޮފީސް
ޕީއެސްއެމްގެ މައްސަލަ
ޕީއެސްއެމްގެ އިސް ވެރިންގެ ހިޔާނާތުގެ ދެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި
 ޕީއެސްއެމްގެ ކުރީގެ މެނޭޖާ ލީގަލް އެންޑް ރެގުއުލޭޓްރީ އެފެއާޒް ހިލްމީ ވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އޭސީސީއަށް ހާޒިރު ކޮށްފައި
އައިޓީޑީބީގެ މައްސަލައަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އަމިއްލަ ފަރާތަކުން އެކަމިޝަނަށް ހުށައަޅާފައިވާ މައްސަލައެއް

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ އިސް ފަރާތްތަކެއްގެ ދެ މައްސަލައެއް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.

އޭސީސީން ބުނީ އެ ކަމިޝަނުން ބަލަނީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ގާއިމްކުރުމަށްޓަކައި ނުހަދައިހުރި އިމާރާތެއްގެ ދެ ފްލޯއެއްގެ ކުއްޔަށް ޕީއެސްއެމްއިން ފައިސާ ދައްކަމުން ދިޔަ މައްސަލައަކާއި ޖަޕާނު ސަރުކާރުގެ އެހީގައި ގާއިމް ކުރަން ހަމަޖެހިފައިވާ އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން (އައިޓީޑީބީ) ގެ ޕްރޮޖެކްޓްގެ ތެރެއިން 41 މިލިއަން ރުފިޔާ ނެގިކަމުގެ މައްސަލައެއްކަމަށެވެ.

އޭގެ ތެރެއިން  ދެ ވަނަ މައްސަލައަކީ ނުހަދާހުރި އިމާރާތެއްގެ ދެ ފްލޯއެއްގެ ކުއްޔަށް ޕީއެސްއެމްއިން ފައިސާ ދައްކަމުން ދިޔަ މައްސަލައިގައި ޕީއެސްއެމްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ހާޝިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލައެކެވެ.

އެ މައްސަލައަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކަމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައެކެވެ. އެހެން ނަމަވެސް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ހުރިކަމަށް ބުނެ އަނބުރާ އެމައްސަލަ އޭސީސީއަށް އޭރު ވަނީ ފޮނުވާލާފައެވެ. އެ ރިޕޯޓްގައި އޭސީސީން ބުނެފައިވަނީ އެ ތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 481،000 (ހަތަރު ލައްކަ އައްޑިހަ އެއްހާސް ރުފިޔާ) ދައްކާފައިވާ ކަމަށާއި އެ ފައިސާ ދައްކާފައިވަނީ ޕީއެސްއެމްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ޑިރެކްޓަރަކަށް ކުރިން ހުރި ހާޝިމް އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެންކަން އޭސީސީއަށް ސާބިތުވާކަމަށެވެ. އެ މައްސަލައިގައި ފުރިހަމަ ކުރަންޖެހޭ ބައިތަށް ފުރިހަމަ ކުރުމަށްފަހު މިދިޔަ މަހުވަނީ އަލުން ޕީޖީއަށް ފޮނުވާފައެވެ.

އެމައްސަލައާއި ގުޅިގެން ޕީއެސްއެމްގެ ކުރީގެ މެނޭޖާ ލީގަލް އެންޑް ރެގުއުލޭޓްރީ އެފެއާޒް އަބްދުﷲ ހިލްމީ ވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އޭސީސީއަށް ހާޒިރު ވެސް ކުރައްވާފައެވެ. އެކަން ހިންގާފައިވާ ގޮތެއްސާފު ކުރުމަށް އޭސީސީއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހިލްމީ ވިދާޅުވީ އޭނާއާ ސުވާލުކުރީ މީޑިއާ އިންޓިޓިއުޝަން ހުޅުވުމަށް ނުނިމި ހުރި އިމާރާތެއް ނިމިއްޖެ ކަމަށް ހަދައިގެން އެތަނަށް ބޮޑު ކުއްޔެއް ދައްކާ މައްސަލަ ފަޅާ އެރި މައްސަލައާ ގުޅިގެން ކަމަށެވެ.

ޕީއެސްއެމްގައި ހިންގާ ޤާނޫނާ ގަވާއިދާ ޚިލާފް ކަންކަމާހުރެ އެތަނުގައި ނޫޅެވިގެން ވަޒީފާ އަމިއްލައަށް ދޫކޮށްލައްވައި މިހާރު ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރެޖިސްޓްރާގެ މަގާމު އަދާކުރައްވާ އަބްދުﷲ ހިލްމީ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރެވެނީ އަދި ރައްދު ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމަށް ކަމަށާއި އޭރު ކަންކަން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވީ އިކްރާމް ކަމަށެވެ. އަދި ޕީއެސްއެމް އިން ހުރިހާ މަސައްކަތެއް ހަވާލުކުރަނީ އިކްރާމްއާ ގުޅުން އޮންނަ މީހުންނަށް ކަމުގެ ޝަކުވާތައް އޭނާ ޕީއެސްއެމްގައި މަސައްކަތް ކުރެއްވި އިރުވެސް އަދި ވަކިވެވަޑއިގެންނެވި ފަހުން ވެސް ލިބޭ ކަމަށެވެ.

އޭސީސީން ބަލަމުންދާ އައިޓީޑީބީގެ މައްސަލައަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އަމިއްލަ ފަރާތަކުން އެކަމިޝަނަށް ހުށައަޅާފައިވާ މައްސަލައެކެވެ. މެމައްސަލާގައި އެމީހާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މި ޕްރޮޖްކެޓުގެ 96 އިންސައްތައަށްވާ 380 މިލިއަން ރުފިޔާ ޖަޕާނު ސަރުކާރުން ދޭގޮތަށް ހަމަޖެހިފައިވާކަމަށާއި  ބާކީ 4 އިންސައްތަ ހަރަދަށްވާ 16 މިލިއަން ރުފިޔާ ދިވެހިސަރުކާރުން ހަރަދު ކުރާގޮތަށް ހަމަޖެހުނު ކަމަށެވެ.  ޕީއެސްއެމްގެ އިސްވެރިންނަށް ފައިދާވާ ގޮތަށް 16 މިލިއަނުގެ ބަދަލުގައި 179 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ހޯދަން ނިންމާ އެފައިސާ ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅިކަމަށެވެ. ނަމަވެސް  އެ އަދަދަކީ ޕްރޮޖެކްޓްގެ ހަތަރު އިންސައްތައަށް ވާ ފައިސާއަށްވުރެ މާ ބޮޑު އަދަދެއް ކަމަށް ބުނެ 57 މިލިއަން ރުފިޔާ ފިނޭންސުން ދޭން ހަމަޖެއްސި ކަމަށެވެ. އަދި 57 މިލިއަން ރުފިޔާއިން އެ ޕްރޮޖެކްޓަށްވާ 16 މިލިއަން ކަނޑާލުމުން ބާކީވާ 41 މިލިއަން ރުފިޔާ ޕީއެސްއެމްގެ އިސްވެރިން ބޭނުން ކޮށްފައިވާކަމަށެވެ.  އަދި އެމައްސަލައިގައި ޕްރޮޖެކްޓް މެނޭޖަރަކަށް ހުރި މީހާ ވަޒީފާއިން ވަކިކޮށް ފަހުން އެތަނުގެ އެހެން އިސް މުވައްޒަފަކާއި ހަވާލުކުރެވުނުކަމަށާއި އަލަށް ހަވާލު ކުރި މުއައްޒަފަށް ވެސް 41 މިލިއަންގެ މައްސަލަ އެނގުނު ހިސާބުން އޭނާ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވާކަމަށް އެސިޓީގައި ވަނީ ބުނެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް