ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 09:02
ގާނޫނީ ވަކީލު މޫސާ ސިރާޖު
ގާނޫނީ ވަކީލު މޫސާ ސިރާޖު
އަޒުމޫން އަހުމަދު
ފަލަ ސުރުހީ
މިނިވަން އިންސާފުވެރި އިންތިޚާބެއް ނުލިބެއޭ ބުނުމަކީ ވޯޓު އޮޅުވާލުމޭ ބުނުމެއް ނޫން:ސިރާޖު
ވޯޓުލުމުގެ ކުރިން މިނިވަންކަމާއެކު ކެމްޕެއިން ކުުރުމުގެ ފުރުސަތު ނުލިބުނު
މި އިންތިހާބަކީ އެންމެ ޝަކުވާ މަދު އިންތިހާބު
ނަތީޖާގެ ކުރިން އިލެކްޝަންސް ކޮމިޝަން އެންމެ ބޮޑަށް ދިފާއު ކޮށް ވާހަކަ ދެއްކެވީ ޕީޕީއެމް އިން

މިނިވަން އިންސާފުވެރި އިންތިޚާބެއް ނުލިބުނޭ ބުނުމަކީ، ވޯޓު އޮޅުވާލި ވާހަކަ ބުނުން ނޫން ކަމަށާއި އެކަންކަން ރައީސް އަބްދުﷲ ޔާމީންގެ ފަހަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެނގިލައްވަންޖެހޭ ކަމަށް ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާއި ގުޅޭ ގޮތުން ޕީޕީއެމްގެ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާ ގުޅިގެން ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ސިރާޖު ވިދާޅުވީ، އިންތިޚާބު އޮޅުވާލި ކަމަށް އެމްޑީޕީން ވެސް ގަބޫލު ކުރާ ކަމަށް ޕީޕީއެމްގެ ބޭފުޅުން ވާހަކަ ދައްކަވަމުން އަންނައިރު، ސިޔާސީ ޕާޓީތަކުން އަބަދުވެސް ހާމަކުރަމުންދިޔައީ މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އިންސާފުވެރި އިންތިޚާބެއް ނުލިބޭނެ ވާހަކައަކީ ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުގައި ހިނގާ ކަންކަމެއް ނޫން ކަމަށާއި އެއީ ވޯޓުލުމުގެ ކުރިން އަންނަ ކަންތައްތައް ކަމަށް ސިރާޖު ވިދާޅުވިއެވެ.

"މިނިވަން އިންސާފުވެރި އިންތިޚާބެއް އެންމެ ބޮޑަށް ނުލިބުނު ކަމަށް ގަބޫލު ކުރެވޭ އެއް ކަމަކީ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ހައްޔަރުކޮށްފައި. މިނިވަންކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ސިޔާސީ ލީޑަރުންނަށް ލިބިވަޑައިގެންފައެއް ނުވޭ. އެހިސާބުން ދިމާވަނީ މިނިވަން އިންސާފުވެރި އިންތިޚާބުގެ މައްސަލަ." ސިރާޖު ވިދާޅުވިއެވެ.

ވޯޓު އޮޅުވާލުމާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުނު ކަމާ މިއީ މުޅިން ތަފާތު ދެ ކަންތައް ކަމަށާއި އެހެން ނަމަވެސް މި ދެ ކަންތައް ޕީޕީއެމްގެ ފަރާތްތަކުން އެކައްޗަކަށް ހަދައިގެން މިއަދު މާނަ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ، މި އިންތިހާބު ފާހަގަ ކުރެވެނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިހާބަށްވުރެ ވެސް އޮމާން ކަމާއެކު ބޭއްވުނު، ޝަކުވާ މަދު އިންތިހާބެއްގެ ގޮތުގައި ކަމަށެވެ.

"ދާއިމީ ނަތީޖާ އިއުލާނު ކުރުމަށްފަހު ވެސް 14 ދުވަހެއް ލިބިގެންދޭ ޝަކުވާ ހުށަހެޅުމަށް. މަގު މައްޗަށް ނިކުތުމަކީ މިކަމުގެ ހައްލެއް ނޫން. ޝަކުވާއެއް ހުރިކަމުގައި ވަނީނަމަ ހުށަހަޅަންވީ،" ސިރާޖު ވިދާޅުވިއެވެ.

މިހާރު ޕީޕީއެމްއިން އިލެކްޝަންސް ކޮމިޝަނަށް އިންތިހާއަށް ފާޑުކިޔަމުންދާއިރު، ސިރާޖު ވިދާޅުވީ، އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ދިފާއުކޮށް އެންމެ ގިނައިން ވާހަކަ ދައްކަވާފައިވަނީ އެ ޕާޓީން ކަމަށެވެ. 

އިންތިހާބުގެ ނަތީޖާއާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެއްވުންތައް ޕީޕީއެމް އިން ކުރިއަށްގެންދާއިރު ޕީޕީއެމް އިން އަންނަނީ އިންތިހާބުގައި ވޯޓަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި ވޯޓާސް ލިސްޓު ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. މިހާރު ޕީޕީއެމްއިން ކުރާ ބައެއް ތުހްމަތުތަކަކީ، ކުރިން ގުޅިފައިވާ ޕާޓީތަކުން ދެއްކި ވާހަކަތަކެވެ. ނަމަވެސް، އޭރު ޕީޕީއެމްގެ އެ ކަންބޮޑުވުންތަކެއް ނެތެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ފާޑެއް ވިދާޅެއް ނުވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް