ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 07:05
ރާއްޖޭގެ މައްޗަށް ވިލާ އަރާފައިވަނިކޮށް އަންގާރަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް
ރާއްޖޭގެ މައްޗަށް ވިލާ އަރާފައިވަނިކޮށް އަންގާރަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް
މެޓް އޮފީސް
ރާއްޖޭގެ މޫސުން
މިއަދުވެސް މޫސުން ގޯސްވާނެ!
އިއްޔެވެސް 4 ފަހަރު ވައިޓް އެލަރޓް ނެރުނު

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންގާރަ ދުވަހު ވައިޓް އެލަރޓް ނެރެފައިވާއިރު މިއަދުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

ވައިޖެހޭނީ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެބާރުމިނުގައިކަމަށް މެޓް އޮފީހުން ލަފާކުރެެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް އެއިދާރާއިން ބުނެއެވެ. 

ކަނޑުތަކަށް ބަލާއިރު އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށާއި އަދި މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި އެއާއިއެކު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންކަމުން މިސަރަހައްދަކުގެ ރަށްތަކުގެ ރައްޔިތުން އުދައިން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން މުހިއްމެވެ.

އަންގާރަ ދުވަހުގެރޭ 12:45 އިން ފެށިގެން ހެނދުނު 6:45 އާއި ހަމަޔަށްވެސް ތ. އަތޮޅުން ފެށިގެން އުތުރުގެ ހުރިހާ ހިސާބަކަށް މެޓް އޮފީހުން ވަނީ ވައިޓް އެލަރޓް ނެރެފައެވެ. ވައިޓް އެލަރޓް ނެރެފައިވަނީ އެގަޑީގައި ތ. އަތޮޅުން ފެށިގެން އުތުރުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވެ، ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެވެ. އެގޮތުން ގަޑިއަކު 45 މޭލަށް ވައި ގަދަވެދާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. 

 

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނު ރަށްތަކާއި، އެންމެ ގަދަޔަށް ވައި ޖެހުނު މާމިގިލި ދައްކައިދޭ ކުރެހުމެއް

 

އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. މަޑުއްވަރިއަށެވެ. އެރަށަށް 104 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ބ. ގޮއިދޫއާއި، މާލެ އަތޮޅު ދިއްފުއްޓާއި، ގުރައިދޫއަށްވެސް ބޯކޮށް ވާރޭވެހުނެވެ. އިއްޔެ އެންމެ ގަދަޔަށް ވައި ޖެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ އދ. މާމިގިއްޔަށެވެ. އެރަށަށް އިއްޔެ 50 މޭލަށް ވައި ގަދަވެފައިވާކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައެވެ. 

 

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު ވިއްސާކުރަމުން ދަނީ ރާއްޖޭގެ ދެކުނުން 500 ކިލޯމީޓަރުން ދުރުން އުފެދިފައިވާ ލޯވ ލެވެލް ސަރކިއުލޭޝަނެއްގެ ސަބަބުންކަމަށެވެ. އަދި މިވިއްސާރަ ރާއްޖޭގެ ހުޅަނގު ދެކުނަށް ދަތުރުކުރަމުންދާކަމަށް މެޓް އޮފީހުން ބުނެއެވެ. 

 

އިއްޔެ 4 ފަހަރެއްގެ މަތިން މޫސުމަށް ސަމާލުވުމަށް އަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވައިޓް އެލަރޓް ނެރުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް