ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 02:46
ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކުރި މުޒާހަރާއަށް ނުކުތް މީހުން އެޕާޓީގެ އޮފީސް ކުރިމަތީގައި
ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކުރި މުޒާހަރާއަށް ނުކުތް މީހުން އެޕާޓީގެ އޮފީސް ކުރިމަތީގައި
ޙުސައިން ޙަސަން
ރިޔާސީ އިންތިހާބު 2018
އިބޫއަކީ އިންތިހާބީ ރައީސް ނޫން ކަމަށް ބުނެ ޕީޕީއެމް، މުޒާހަރާގައި ގަރާރެއް ފާސްކޮށްފި
އެ ގަރާރު ހުށަހެޅީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން
އެކަން ކުރީ އަމިއްލަ ހައިސިއްޔަތުން ކަމަށް މުއާޒު ވިދާޅުވި
މުޒާހާރާއަށް ނުކުތީ މަދު ބަޔަކު

ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރައްވައި ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ އިންތިޚާބީ ރައީސް ނޫން ކަމަށް ބުނެ، ޕީޕީއެމްއިން ގަރާރެއް ފާސްކޮށްފިއެވެ.

މަދު ބަޔަކާއެކު، ޕީޕީއެމް އޮފީސް ކުރިމަތީގައި އަންގާރަ ދުވަހުގެ ރޭ ކުރި މުޒާހަރާގައި އެ ގަރާރެއް ހުށަހަޅައި ފާސް ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (މުއާ) އެވެ. އެ ގަރާރު ހުށަހަޅައި، އެގޮތަށް ފާސް ކުރަން އަތް މައްޗަށް ނަގާފައި ވަނީ އެ ވަގުތު އެތަނުގައި ތިބި މަދު ބައެކެވެ.

ޕީޕީއެމް މުޒާހަރާއަށް މަދު ބަޔަކު ނުކުމެ، އެފަދަ ގަރާރެއް ފާސްކުރި ސަބަބާ ގުޅޭ ގޮތުން "ރާއްޖެ.އެމްވީން" ސުވާލު ކުރުމުން މުއާޒު ވިދާޅުވީ އެތަނަށް އެއްވެ ތިބީ، ހައްގު ނިގުޅައިގެންފައިވާ ކަމަށް ބުނެ، މީޑިއާގެ ކުރިމައްޗަށް މޫނު ދައްކާލަން ކެރޭ މީހުން ކަމަށެވެ.

"މިތަނުގައި މި ތިބީ މިވަގުތަށް އާދެވެން ތިބި، އެފަރާތްތަކުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް މީޑިއާގެ ކުރިމައްޗަށް މިވަގުތު ވެސް މޫނު ދައްކާލަން ކެރިވަޑައިގަންނަވާ ދިވެހި ރައްޔިތުން މި ތިއްބެވީ. މި ހުށަހެޅި ގަރާރު އެތައް، އެތަން އެއްވުންތަކަަކަށް ބެހިގެންދާނެ. ކުރިއަށް އޮތް ތަނުގައި ވެސް، ރައްޔިތުން މި ދަނީ އެދެމުން ތިމަންނާމެންނަށް އިންސާފު ގާއިމުކޮށްދެއްވާށޭ،" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ޕީޕީއެމުން ކުރި މުޒާހަރާއަށް ގަރާރު ހުށަހެޅީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން ނޫން ކަމަށާއި އޭނާ އެ ގަރާރު ހުށަހެޅި އަމިއްލަ ހައިސިއްޔަތުން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ސަރުކާރުން ބުނާއިރު، އެކަން ތަހުގީގު ކުރުމަށް ސަރުކާރުން ބާރު ނާޅަނީ ކީއްވެގެންތޯ ރާއްޖެ.އެމްވީއިން ސުވާލު ކުރުމުން މުއާޒު ދެއްވީ ފިނި ޖަވާބެކެވެ. މުއާޒު ވިދާޅުވީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަވާނަމަ، އެ މައްސަލަތައް ހިފައިގެން އަންނަ މީހުންނަށް ޕާޓީއެއްގެ ފެންވަރުން އެހީތެރިވެދެއްވާނެ ކަމަށެވެ.

"މައްސަލަތަކެއް ހުރިއްޔާ ޕާޓީއެއްގެ ފެންވަރުން، ރައްޔިތުން ގެންނަ ޝަކުވާތައް، އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް އެހީތެރިވާން އަޅުގަނޑުމެންގެ ޕާޓީން ކުރެވެން ހުރި މަސައްކަތްތައް ކުރާނެ،" މުއާޒު ވިދާޅުވިއެވެ.

މަދު ބަޔަކާއެކު ނުކުމެ، ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފައި ވަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ސިލްސިލާ މުޒާހަރާތަކެއް މާލެ އާއި ރާއްޖެތެރޭގައި ކުރިއަށް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވާފައި ވަނިކޮށެވެ. ބޮޑު ފަރަގަކުން އިންތިހާބުން ނާކާމިޔާބު ވެވަޑައިގެންނެވި ރައީސް ޔާމީން އެގޮތަށް ގޮވާލެއްވުމުން ވެސް މަދު ބަޔަކު މުޒާހަރާއަށް ނުކުތުމުން އެނގިގެން ދަނީ އެމަނިކުފާނު ތާއިދު ގެއްލިފައިވާ މިންވަރު ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
3 އޮކްޓޯބަރ 2018 | ބުދަ 05:07
ޕިސް ޕިސް
މޮޔަ ވެގެން އުޅޭ ބައެއް ހަޖަމު ބޭސް ކާންވީ ނުން ...ޔާމީނޫޫޫޫޫޫ.