ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 19:38
އުރީދޫ އިން މިދިޔަ އަހަރު ބޭއްވި ކަލަރ ރަންގެ ތެރެއިން
އުރީދޫ އިން މިދިޔަ އަހަރު ބޭއްވި ކަލަރ ރަންގެ ތެރެއިން
މުހައްމަދު ޝަރުހާން
އުރީދޫ ކަލަރ ރަން
އުރީދޫ ކަލަރ ރަން ދުވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލައިފި
ކަލަރ ރަން އޮންނާނީ ނޮވެމްބަރ 23 ގައި
ރަޖިސްޓަރކުރާ ދުވުންތެރިންގެ ކިޓް ހަވާލު ކުރެވިގެންދާނީ ނޮވެމްބަރ 15 އަދި 16 ވަނަ ދުވަހު

އުރީދޫ ކަލަރ ރަން 2018 އަށް ރަޖިސްޓްރީ ކުރުމަށް އަންގާރަ ދުވަހު ހުޅުވާލައިފިއެވެ.

ތަފާތު ކުލަތަކާ އެކު، އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ދުވުން މި އަހަރު އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ނޮވެމްބަރ 23 ވަނަ ދުވަހު ކައިޓް ފެސްޓިވަލްއަކާއި ފޯރިގަދަ މިއުޒިކް ޝޯ އެއްވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް އުރީދޫ އިން ބުނެއެވެ.

ރީތި ޑިސްޕްލޭތަކާއި، ފޯރިގަދަ މަޑި އެރުވުމުގެ މުބާރާތެއް ހިމެނޭ މި ފެސްޓިވަލަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ވަރަށް ކަމުދާނެ ހަރަކާތަކަށް ވާއިރު، މި ފެސްޓިވަލް ބޭއްވިގެންދާނީ ކަލަރ ރަންގެ ކުރިން އެ ދުވަހުގެ ހެނދުނު ހުޅުމާލޭގައެވެ. އަދި ރަން ނިމުމަށް ފަހު، ރޭގަނޑު 8.00 އަކުން ފެށިގެން، ރާއްޖޭގެ ކުޅަދާނަ މިއުޒިކް އާޓިސްޓުން މިއުޒިކް ޝޯ އެއް ހުށަހަޅާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

"އުރީދޫ ކަލަރ ރަން ފެށިގެންދިޔައީ، ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމުގައި ދުވުމުގެ ފައިދާ އަންގައި ދިނުމުގެ އަމާޒާއި އެކު. މި އަހަރު ކަލަރ ރަން ވެގެންދާނީ މުޅި ދުވަހު ކުރިއަށްދާ، އުފާވެރި ފެސްޓިވަލަކަށް. މިއަދު އަޅުގަނޑުމެން ކަލަރ ރަން އަށް ރަޖިސްޓަރ ކުރަން ހުޅުވާލައި، ރާއްޖޭގެ ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް، އުރީދޫ ކަލަރރަން ގައި ބައިވެރިވުމަށް ދައުވަތު އަރުވަން،" އުރީދޫ މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވިއެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެއެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން  http://ore.do/colorrunމެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރކޮށް، އެބޭފުޅުން ބޭނުންވާ ކަލަރ ރަން ކިޓެއް ހިޔާރުކުރެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ:

ބިބް، ޓީޝާޓް، އަދި ފިނިޝާޒް މެޑަލް ހިމެނޭ 50 ރ. ގެ ސްޓޭންޑަޑް ކިޓް

ބިބް، ޓީޝާޓް، ފިނިޝާޒް މެޑަލް، އަތުގައި އަޅާ ބޭންޑް، ޖިމްސެކް، އަދި ކަރުދާސް ކެޕް ހިމެނޭ 200 ރ. ގެ ސްޓޭންޑަޑް ކިޓް

ރަޖިސްޓަރ ކުރާ ދުވުންތެރިންގެ ކިޓް ހަވާލު ކުރެވިގެންދާނީ ނޮވެމްބަރ 15 އަދި 16 ވަނަ ދުވަހު އުރީދޫ ކަލަރ ރަން އެކްސްޕޯގައި ކަމަށާއި އެކްސްޕޯގެ ބައިވެރިންނަށް ކަލަރ ރަންގެ ޕާޓްނަރުންނާއި ގުޅިގެން ވަރަށް ހާއްސަ ހަރަކާތްތަކެއް ވެސް ހިންގާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން އުރީދޫ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެ ފަރާތަށް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ފަރާތްތައް، އަދި އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ފަރާތްތަކަށް ވެސް، އުރީދޫ ކަލަރ ރަންގައި ބައިވެރިވުމަށް، އުރީދޫ އިން ވަނީ އެދިފައެވެ.

- ކޮމެންޓް