ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 17:41
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރާއްޖެއެމްވީ
އިންތިޚާބީ ރައީސް އިބޫ
ރައީސް ޔާމީން އާއެކު އެއްވެސް ޑީލެއް ނުހަދާނަން: އިބޫ
ގާނޫނީ އިމުން ބޭރުގައި އެއްވެސް ކަމެއް ނުކުރާނަން
ވަކި މީހަކީ ގާނޫނު ނުހިނގާ ނުވަތަ އިސްތިސްނާ ކުރެވޭނެ މީހެއް ނޫން

އިންސާފުން އެއްކިބާވުމަށް ޑީލެއް ހައްދަވަން އުޅުއްވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނާ އެކު ގާނޫނާ ޚިލާފު އެއްވެސް "ޑީލެއް" ނުހައްދަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބަށް ފަހު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، އިބޫ ވަނީ، ރިޔާސީ އިންތިޚާބު ގައި ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބީ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅު ކުރެއްވުމަށް ފަހު، ރޭ ކުއްލި ގޮތަކަށް މުޒާހަރާ އަށް ނުކުމެވަޑައިގަތުމުން ފާޑުވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ބޭނުންފުޅަކީ މުޒާހަރާ ކުރައްވައިގެން، އެމަނިކުފާނަށް ތުހުމަތުކުރާ ގާނޫނާ ޚިލާފު ކަންކަމުން ރެކިވަޑައިގަނެ ނުވަތަ "ޑީލެއްގެ" ދަށުން ނަމަވެސް އިންސާފާ ކުރިމަތި ނުލެއްވޭނެ ގޮތެއް ހޯއްދެވުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ ކަމަށާއި އެފަދަ ކަމަކަށް ޖާގަ ދެއްވާނަންތޯ ރާއްޖެ އެމްވީން ސުވާލު ކުރުމުން އިބޫ ވިދާޅުވީ ގާނޫނީ އިމުން ބޭރުގައި އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް މީހަކު ގާނޫނާ ޚިލާފު އަމަލެއް ހިންގައި މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައި އޮވެއްޖެ ނަމަ އެކަން މުއައްސަސާތަކުން ބަލަން ޖެހޭނެ އެވެ. އަދި ވަކި މީހަކީ ގާނޫނު ނުހިނގާ ނުވަތަ އިސްތިސްނާކުރެވޭނެ މީހެއް ނޫން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީއަކީ އެ ކަހަލަ ޑީލަކަށް ދާކަށެއް ނޫން. އަޅުގަނޑުމެންގެ ކުރިމަތީގައި އޮންނާނީ ގާނޫނުއަސާސީ އާއި ގާނޫނުތައް. ދެން އޮތީ ރައްޔިތުންގެ ނިންމުން. އެއާ އެކީގައި ކުރިއަށް ދާނީ. އެއްވެސް ހާލެއްގައި ޑީލެއް ހަދައިގެން މިކަން ހައްލުކުރާކަށް ނޫން އަޅުގަނޑުމެން މިތިބީ،" އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅަށް ތާއީދު ކުރައްވައި މައުމޫން ވެސް ވިދާޅުވީ ކޯލިޝަން ސަރުކާރު ދެމިއޮންނާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އެންމެ މަސްލަހަތު ހުރި ގޮތަކީ ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައި، ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގަތުން ކަމަށް މައުމޫން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
2 އޮކްޓޯބަރ 2018 | އަންގާރަ 13:01
އަހުމަދު
ޔާމިނަކީފެށުނީއްސުރެއަބަދުވެސްއެކަަހަލަބޭފުޅެއް