ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 14:34
ރައީސް މައުމޫން ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ: ބަލި ޤަބޫލް ކުރުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައި
ރައީސް މައުމޫން ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ: ބަލި ޤަބޫލް ކުރުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައި
ގޫގުލް
ކުރީގެ ރައީސް މައުމޫން
ރައީސް ޔާމީން ބަލި ޤަބޫލްކުރެއްވުމަށް ރައީސް މައުމޫން ގޮވާލައްވައިފި
2008 ގައި ބަލި ޤަބޫލުކުރީ ގާތުގައި ތިބި ބައެއް މީހުން އެކަން ނުކުރުމަށް އެދެމުން ދަނިކޮށް
ބަލި ޤަބޫލް ނުކޮށްފި ނަމަ ޤައުމު ދާނީ ހަލަބޮލި ކަމެއްގެ ތެރެއަށް
ފިތުނައަކަށް ގައުމު ވައްޓާ ނުލާ ރީތިކޮށް ވަޑައިގަންނަވާ

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ބަލިޤަބޫލު ކުރެއްވުމަށް ރައީސް ޢަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.

ޖަލުން ސަލާމަތްވުމަށް ފަހު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވަނީ 2008 ގައި އެމަނިކުފާނު ކުރެއްވި ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވުމާ އެކު، މައުމޫންގެ އަރިސް ބައެއް ބޭފުޅުން، އެ ނަތީޖާ ގަބޫލުނުކުރެއްވުމަށް ދެންނެވި ކަމަށް ވިދާޅުވިއެވެ.

އެކަމަކު މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ވުރެ މާ ކުޑަ ތަފާތަކުން 2008ގެ އިންތިހާބުން ބަލިވެވަޑައިގަތަސް، އެރޭގެ ދަންވަރު އެބަލި ގަބޫލުކުރައްވައި، ރައީސް ނަޝީދަށް ގުޅުއްވާ މަރުހަބާ ދެންނެވި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ރައީސް މައުމޫންގެ އިސްނެންގެވުމަކަށް ރައީސް ނަޝީދާ ބައްދަލު ކުރެއްވި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އެހެން ނުހަދާނަމޭ. އެހެން ހަދައިފިއްޔާ ޤައުމު ދާނީ ހަލަބޮލި ކަމެއްގެ ތެރެއަށޭ. އަޅުގަނޑު ބުނިން އަޅުގަނޑު ބަލި ޤަބޫލް ކޮށްފީމޭ. އަދި އޭރު ފަރަގު މާ ކުޑަ," ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ޑިމޮކްރަސީ އެންމެ ވޯޓަކުން ބަލިވި ނަމަވެސް ވާނީ ބަލި ކަމަށާއި ބަލި ގަބޫލުކޮށް ރައްޔިތުން ފިތުނައަކަށް ވައްޓަ ނުލާ ރީތިކޮށް ވަޑައިގެންނެވުމަށް ރައީސް ޔާމީނަށް ގޮވާލައްވާ ކަމަށެވެ. އިންތިހާބުގެ ބަލި ގަބޫލުކޮށް ފިތުނައަކަށް ގައުމު ވައްޓާ ނުލާ ރީތިކޮށް ވަޑައިގެންނެވުމަށާއި އިދިކޮޅު ފަރާތްތަކުން ތިބީ ދޫދޭން ނޫން ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވިއެވެ.

"އޭރު އަޅުގަނޑު މައްސަލައެއް ނުޖައްސަން. އަޅުގަނޑު ކޮންމެހެން މޮޅު ވާހަކައެއް ދައްކަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ މިއެއްޔޭ ކަންތައް އޮންނަން ވީ ގޮތަކީ ޑިމޮކްރަސީއެއްގައި. އެންމެ ވޯޓަކުން ބަލިވިޔަސް ބަލި ގަބޫލުކުރާށޭ، މައްސަލަ ނުޖައްސާށޭ. ރައީސް ޔާމީން ބަލިގަބޫލުފުޅު ކުރައްވަން ޖެހިވަޑައިގަންނަވަނީ ރައްޔިތުން އަނެއްކާވެސް ފިތުނަގަނޑެއްގެ ތެރެއަށް ވައްޓާނުލުމަށް. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނަތީޖާ ގަބޫލުކޮށްގެން، ހިނިތުންވެލައި، ރީތިކޮށް ހިނިތުންވެގެން ހުރެ، ރައްޔިތުންނަށް އަލްވަދާއުކިޔާފައި ދާށޭ،" 2013 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނަވަން އެންމެ ބުރަ މަސައްކަތެއް ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް