ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 13:24
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މައުމޫނާ ބައްދަލު ކުރައްވަނީ
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މައުމޫނާ ބައްދަލު ކުރައްވަނީ
އެމްޑީޕީ
އިންތިޚާބީ ރައީސް އިބޫ
އިބޫ ޔާމިން އަށް: އިސްވެ ހުންނަވައިގެން މާހައުލު ހަލަބޮލިކުރުމަށް މަސައްކަތް ނުކުރައްވާ
ރައްޔިތުންގެ ނިންމުން މިއަދު ވަރަށް ސާފުކޮށް އެނގެން އެބައޮތް
ރައީސް ޢަބްދުﷲ ޔާމީން ވަނީ ބަލި ޤަބޫލުކުރައްވާފައި
ފުލުހުންނާއި ސިފައިން އެބަޖެހޭ ރައްޔިތުން ނިންމި ގޮތް ދަމަހައްޓަން

ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ޤައުމު ހަލަބޮލި ކުރެއްވުމުގެ މަސައްކަތް ނުކުރެއްވުމަށާއި އެކަން ކަމަށް ދޫދެއްވެން ނެތް ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންގާރަ ދުވަހު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާ ބައްދަލު ކުރެއްވުމަށް ފަހު ދެ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހޯމަ ދުވަހުގެރޭ އެއްވުން މަނާ ސަރަހައްދެއްގައި މުޒާހަރާކޮށް އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ސިލްސިލާ މުޒާހަރާއަކަށް ނުކުރުމަށް ރައީސް ޔާމީނު ވަނީ ގޮވާލައްވާފައެވެ. 

އިބޫ ވިދާޅުވީ އިންތިޚާބު މިވަނީ ނިމިފައި ކަމަށާއި 23 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމި ނިންމުން ވަރަށް ސާފު ކަމަށެވެ. އެ އިންތިޚާބުގެ ނަތީޖާ ވެސް ރައީސް ޔާމީނު ގަބޫލުކުރެއްވުމަށް ފަހު މިހާރު ފެނިގެންދަނީ އެކަން ބަދަލުކުރެއްވުމަށް މަސައްކަތްކުރައްވާ ތަން ކަމަށް އިބޫ ވިދާޅުވިއެވެ. 

"އިންތިޚާބު މިވަނީ ނިމިފައި. ނަތީޖާ މިވަނީ އިއުލާން ކުރެވިފައި. ރައްޔިތުންގެ ނިންމުން މިއަދު ވަރަށް ސާފުކޮށް އެނގެން އެބައޮތް. އަޅުގަނޑާ ވާދަކުރެއްވި މިހާރުގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ އެކަން ޤަބޫލުފުޅު ކުރައްވާފައި. އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވައި އޮޕޮޒިޝަންއެއްގެ ގޮތުގައި ވާދަވެރިއެއްގެ ގޮތުގައި ކުރިއަށް އޮތް 5 އަހަރު ސިޔާސީ މައދާނުގައި މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައި އެބައޮތް. އެހެން ނަމަވެސް އިއްޔެ (ހޯމަ ދުވަހު) އެމަނިކުފާނުގެ ޚިޔާލުފުޅު ބަދަލުވެގެންދާތަން މިފެންނަނީ. އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާ އެކުގައި މިއަދު ރައީސް ޔާމީނަށް ދަންނަވާލަން ބޭނުންވަނީ އިމަނިކުފާނު އިސްވެ ހުންނަވައިގެން މާހައުލު ހަލަބޮލިކުރެއްވުމަށް މަސައްކަތް ނުކުރައްވާށޭ. އެއަކަށް އަޅުގަނޑުމެންނެއް އަދި ރައްޔިތުންނަށް ވެސް ތިބީކީ ތަން ދޭކަށެއް ނޫނޭ. ރައްޔިތުން ރައްޔިތުންގެ ނިންމުން ނިންމައިފި. ރައްޔިތުން ތިބީ އެނިންމުމާ އެކު ކުރިއަށްދާން. އެހެންކަމުން ރާއްޖޭގެ ޤާނޫން ތަންފީޒް ކުރާ ހުރިހާ ފަރާތްތައް ޚާއްޞަކޮށް ފުލުހުންނާ ސިފައިން އެބަޖެހޭ މިކަން ދަމަހައްޓަން. އިންތިޚާބުވެފައިހުރި ރައީސެއްގެ ހައިސިއްޔަތުން އެފަރާތްތަކަށް މި ގޮވާލަނީ އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވުމަށް،" ރައީސް ޔާމިނަށް އިލްތިމާސް ކުރައްވާ އިބޫ ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ރައްޔިތުންގެ ނިންމުން އެއޮތީ ވަރަށް ސާފުކޮށް އެނގެން ކަމަށާއި ނިންމުން ބަދަލު ވެދާނެ ފަދަ ކަމެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ދެމެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަން ޖެހެނީ ސަލާމަތީ ހިދުމަތްތަކުން ކަމަށާއި ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ސަލާމަތީ ހިދުމަތްތަކުގެ ދައުރު އެބަ އޮތް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުން އެއީ އެންމެ މުހިއްމު އެއް ވާޖިބު އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށް އެ ފަރާތްތަކުން ސާބިތުވެ ތިބެންޖެހޭ ކަމަށާއި ކޯޓުތަކުން ވެސް އެ ނިންމުން ބާތިލް ކޮށްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް