ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 07:19
ޕީޕީއެމުން ކުރި މުޒާހަރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ޕީޕީއެމުން ކުރި މުޒާހަރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
އަވަސް
ރިޔާސީ އިންތިހާބު 2018
ނަތީޖާ ގަބޫލު ކުރުމަށް ފަހު، ހަތް ދުވަސް ފަހުން ވޯޓު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމުން މުޒާހަރާކޮށްފި
މުޒާހަރާ ކުރީ މަދު ބަޔަކާ އެކު
މުޒާހަރާއަށް މީހުން ގެނައީ އެޗްޑީސީ ވެހިކަލެއްގައި
މުޒާހަރާ ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ގަބޫލު ކުރިތާ، ހަތް ދުވަސް ފަހުން ވޯޓު އޮޅުވާލި ކަމަށް ބުނެ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ނުކުމެ، މުޒާހަރާކޮށްފިއެވެ.

ޕީޕީއެމުން ހޯމަ ދުވަހުގެ ރޭ ކުރި މުޒާހަރާއަށް މީހުން ގެނެސްފައި ވަނީ އެޗްޑީސީގެ ވެހިކަލެއްގައެވެ. ހުޅުމާލެއިން ގެނައި މީހުންނާ އެކު އެ މުޒާހަރާ ފެށީ ހޯމަ ދުވަހުގެ ރޭ 9:15 ހާއިރުއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު އިސްވެ ހުންނަވައިގެން ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށް އޭނާ އިސްތިއުފާއަށް ގޮވައި އެއްވި މީހުން އަޑު އުފުލާފައިވެއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ އިސްވެ ހުންނަވައިގެން ފެށި އެ މުޒާހަރާގައި އަޑުއުފުލުންތައް ކުރިއަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ޔާމީން އެތަނަށް ވަޑައިގެންނެވިއެވެ. އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވޯޓާ މެދު ހިތްހަމަޖެހިވަޑައި ނުގެން ވާހަކަފުޅު ދެއްކެވިއެވެ. އަދި އާންމުވެފައިވާ ޝަރީފުގެ އޯޑިއޯގެ ސައްހަކަން ބަޔާންކޮށް އެ ކޮމިޝަނުން ވާހަކަ ދައްކަންޖެހޭނެ ކަމަށް ބުނެ، ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ވޯޓު އޮޅުވާލި ކަމަށް ބުނެ، އަތޮޅު ތެރެ އާއި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ވަނީ އެއްވެފައި ތިބި މީހުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ޔާމީން އެގޮތަށް އިލްތިމާސް ކުރެއްވިއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު އެމަނިކުފާނު ވަނީ އިންތިހާބުގެ ނާކާމިޔާބީ އިއުލާން ކުރައްވާފައެވެ. އަދި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ސަރުކާރުގެ ބާރުތައް ދޫކުރުމަށް ރައީސް ޔާމީން ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ސަރުކާރު ބަދަލުކުރުމުގެ ފުރުސަތު ދިނުމަށާއި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ނުހިންގުމަށް އެ ދުވަހު އެމަނިކުފާނު ވަނީ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް އިންތިހާބުގެ ނާކާމިޔާބީ ގަބޫލު ކުރެއްވިތާ ހަތް ދުވަސް ފަހުން، ހޯމަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ރައީސް ޔާމީން ނުކުމެވަޑައިގެންނެވުމުން ދޭހަވަނީ ވެރިކަމުގެ ބާރުތައް އެމަނިކުފާނު ދޫނުކުރައްވާނެ ކަމަށެވެ.

މުޒާހަރާއަށް ރައީސް ޔާމީން ނުކުމެވަޑައިގެންފައި ވަނީ މުޒާހަރާ ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ސިޔާސީ ޕޯޑިއަމްތަކުގައި އެކި ފަހަރު މަތިން ވިދާޅުވެފައި ވަނިކޮށެވެ. އަދި ވެރިރަށް މާލޭގައި މުޒާހަރާ ނުކުރެވޭ ގޮތަށް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައި، ތަސްދީގު ކުރެއްވީ ވެސް ރައީސް ޔާމީންނެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ދޮށަށް އެއްވި މީހުން އެ ސަރަހައްދުން ދުރަށް ޖައްސާފައި ވަނީ އެސްއޯ ފުލުހުންނެވެ. އެސްއޯ ފުލުހުން އެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އޮފީސް ކުރިމަތީގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ.

ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ މުޒާހަރާ ނިންމާލީ ހޯމަ ދުވަހުގެ ރޭ 11 ޖެހި ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 އޮކްޓޯބަރ 2018 | އަންގާރަ 06:03
ހެއްރަބެ
ދެން ބަކަތެޅުމުގެ މާނައެއްނެތް....ހަމަ އަރާނީ ފޮނު ހަމައެކަނި ފޮނުއެރުވުމުގެ ބޭނުމުގާ ބަކަ ތަޅާނީ ކުޑަކުދިން....މިރައީސް ތަންކޮޅެއް ހަރުދަނާ ވާނެކަމަށް ހީކުރިން
2 އޮކްޓޯބަރ 2018 | އަންގާރަ 02:48
ސަޓޯ
ގާނޫނާއި ހިލާފަށް ހުއްދަނޫންތަންތާގައި ޔާމީނުއައް މުޒާހަރާކުރެވޭނެބާ މިގައުމް ޔާމީން ހިތުހުރިހާާގޮތަކަށް ދޫކޮއްލާގޮތަކަނޫން ރައްޔިތުން މިތިބީކީ