ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 13:09
މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
މުހައްމަދު ޝަރުހާން
12 މެމްބަރުންގެ ގޮނޑީގެ މައްސަ
މެމްބަރު ވައްޑެގެ ގޮނޑީގެ މައްސަލަ: ދައްކާނެ އިތުރު ވާހަކައެއް ނެތް, ދެން އޮންނާނީ ހުކުމް ކުރުން!
މެމްބަރުންގެ ގޮނޑީގެ މައްސަލަތައް މާދަމާ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާނެ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ ކޮމިޝަނުގެ އެ ނިންމުން ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ވަހީދުގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހެމެއް ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ބާއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަނުން އެނިންމުން ނިންމާފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ އުސޫލުތަކާއި ހިލާފުވެފައިވާ ކަމަށް ބުނެ އެޕާޓީގެ ސްލޫކީ ކޮމެޓީން އެ 12 މެމްބަރުން ވަކި ކުރުމަށް ނިންމައި، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެނިންމުންތައް ބާތިލު ކުރުމަށް އެ 12 މެމްބަރުން ވަނީ ވަކިވަކިން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ.

ހޯމަ ދުވަހު މެމްބަރު ވަހީދުގެ އަޑުއެހުން ފެށުމުގެ ގޮތުން އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސްފަނޑިޔާރު އަދި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މިއީ އެ މެމްބަރުންގެ މައްސަލަތައް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައި ވާތީ އާއި ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައި ވާތީ އިޖުރާއަތުތައް ފުރިހަމަކުރުމުގެ ގޮތުން ބޭއްވި އަޑުއެހުމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައްކާފައިވާ ވާހަކަތައް ބަލައިގަނެ، މި މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އިތުރު ކަމެއް ހުށަހަޅަން ބޭނުންވާ ނަމަ އެފުރުސަތު ދެއްވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް މެމްބަރު ވަހީދުގެ ގާނޫނީ ވަކީލު އިބްރާހީމް ރިފްއަތު އާއި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލާ އަދި އެޓާރނީ ޖެނަރަލްގެ އޮފީހުގެ ވަކީލާ ވެސް ވިދާޅުވީ އިތުރު ވާހަކައެއް އަދި ހުށަހެޅުމެއް ނެތް ކަމަށެވެ. 

އެހެންކަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވަހީދުގެ މައްސަލައިގައި ބޭއްވި އަޑުއެހުންތައް ނިންމާލި ކަން އިއުލާން ކުރައްވާފައެވެ. ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ހުކުމް އިއްވާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެއެވެ.

ވަހީދުގެ ގޮނޑީގެ މައްސަލަ މިހާރު ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުއެވެ.

ހޯމަ ދުވަހު ދެން އޮންނާނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑީގެ މައްސަލައެވެ.

އަންގާރަ ދުވަހަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑީގެ މައްސަލަ ވެސް ވަނީ ތާވަލް ކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް