ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިހާބު ކުރަންޖެހޭ ގޮނޑީގެ އަދަދު 87 އަރައިފިއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދާއިރާތައް ބެހިފައި ވަނީ 85 ދާއިރާއަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ރިޕޯޓުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 72 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާ އާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައި ވަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރާއަކަށް ދެ މެންބަރުންނެވެ. އޭގެ އިތުރުން ރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ކަމުގައި ވުމެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ބާއްވާ އިންތިހާބުގައި އިންތިހާބީ ދެ ދާއިރާއެއް ވަނީ އިތުރުވެފައެވެ. އެގޮތުން އިންތިހާބީ ދެ ދާއިރާ އިތުރުވެފައި ވަނީ މާލޭސިޓީންނެވެ. މިއާ އެކީ މާލޭ ސިޓީގެ ދާއިރާތަކުގެ އަދަދު 15 އަށް އިތުރުވެގެންދާނެއެވެ. އައްޑޫ ސިޓީގައި ހަތް އިންތިހާބީ ދާއިރާ ހިމެނޭ އިރު ފުވައްމުލަކު ސިޓީގައި ހިމެނެނީ ތިން ދާއިރާއެވެ. މިއީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެދެ ސިޓީގައި އިންތިހާބީ ދާއިރާތައް ބެހިފައިވާ ގޮތެވެ.