ހޮނިހިރު ދުވަހުގެ ރޭ މީސް މީޑިއާގައި އެންމެ ގިނައިން ފެނުން އެއް ފޮޓޯ އަދި ވީޑިއޯއަކީ ދިރާގު ހެޑް އޮފީސް ބިލްޑިންގގައި ދިއްލާފައިވާ ހިތެވެ.
އެ ހިތްގައިމު މަންޒަރު ދިރާގުން ދައްކުވައިދޭން ބޭނުންވި ސަބަބަކީ ބައިނަލްއަގުވާމީ ހިތުގެ ދުވަސް ފާހަގަކުރުމަށް ހޭލުންތެރިކަން އިތުރު ކުރުން ކަމަށް ދިރާގުން ބުނެއެވެ.
ކޮންމެ އަހަރެއްގެ ވެސް 29 ސެޕްޓެމްބަރަކީ ވޯލްޑް ހާރޓް ޑޭގެ މުނާސަބަތުގައި ދުނިޔޭގެ މަޝްހޫރު ބިނާތަކާއި އިމާރާތްތައް ރަތް ކުލައިން ދިއްލާލާ ދުވަހެވެ. ރާއްޖޭގައި އުފަންވުމުގައި ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ އެންޖީއޯ، ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސްގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 40 އިންސައްތަ ބޮޑެތި މީހުން އަދި ކުޑަ ކުދިން ޕްރިމެޗްއަރކޮށް މަރުވާ ސަބަބީ ހިތާއި ލޭނަރުތަކުގެ ބަލިތަކެވެ. މި ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރުމަށް ބޭނުން ވެފައިވާ ކަމަށް ވެސް ޓައިނީ ހާރޓްސް އިން ބުނެއެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އަށް އެއްބާރުލުން ދީ އަދި އެ އެންޖީއޯއާ ގުޅިގެން މީގެ ކުރިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ދިރާގުން ފާއިތުވި ރޯދަ މަހަށް ހާއްސަކޮށްގެން ވަނީ މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް ތައާރަފް ކޮށްފައެވެ. އަދި ހަމަ އެއާއެކު އެ ބަންޑަލްތަކާ އެކު ދިރާގުން ވަނީ ކޮންޖެނެންޓަލް ހާރޓް ޑިޒީޒް އަށް ހޭލުންތެރި ކުރުމުގެ ގޮތުން ހާއްސަ ވީޑިއޯއެއް ވެސް މީސް މީޑިއާގައި ތައާރަފްކޮށްފައެވެ.
އެ ޑޭޓާ ބަންޑަލްތައް އެންމެ ހާއްސަ ކަމަކީ ބަންޑަލްތަކުގެ ޕަސަންޓެއް ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކުރުމެވެ. އެ ޑޭޓާ ބަންޑަލްތަކުން ލިބުނު 411,068ރ. ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފުލާއެއްގައި ވަނީ ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކޮށްފައެވެ.
"ދިރާގުގެ ފަރާތުން މި ހާއްސަ ޕެކޭޖްގެ ޒަރިއްޔާއިން ވަރަށް ހާއްސަ ގޮތަކަށް ދިވެހި ރައްޔިތުން މެދުވެރިކޮށް ވެދެއްވި އެހީ އަކީ އެ މުއައްސަސާގެ ފަރާތުން މިހާތަނަށް ޓައިނީ ހާރޓްސް އަށް ވެދެއްވި އެންމެ ބޮޑު އެހީ. އަދި މީގެ ސަބަބުން ދުޅަ ހެޔޮ މުގުތަމައުއެއް ބިނާ ކުރަން ޓައިނީ ހަރޓްސް އިން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމެއް. ޓައިނީ ހާރޓްސް ގެ މެނޭޖްމެންޓާއި އަދި ކުދިންގެ ފަރާތުން ވަރަށް ބޮޑަށް ދިރާގަށް ޝުކުރު އަދާ ކުރަން" ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް ޖީހާން އަހުމަދު ވިދާޅުވިއެވެ.