ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 22:47
ޤާސިމް އިބްރާހިމާއެކު، ޖުމްހޫރީ ޕާޓީގެ ބައެއް އިސްބޭފުޅުން
ޤާސިމް އިބްރާހިމާއެކު، ޖުމްހޫރީ ޕާޓީގެ ބައެއް އިސްބޭފުޅުން
ޓްވިޓަރ
ޤާސިމް އިބްރާހިމް
ޤާސިމާއި ޖަމީލް ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
އަލީ ވަހީދާއި އަމީންވެސް ރާއްޖެ ވަޑައިގަންނަވާނެ
ޤާސިމް ވަނީ އެކަން ކަށަވަރުކޮށްދެއްވާފައި
ްޤާސިމްގެ ޕާސްޕޯޓްވެސް މިހާރު ވަނީ ދޫކޮށްލާފައި

ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް އާއި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި އެބޭފުޅުން ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ. އެ ޕްރޮގްރާމަށް އާދީއްތަ ދުވަހުގެރޭ ފޯނުން ދެއްވި އިންޓަރވިއުއެއްގައި ޤާސިމް ވިދާޅުވީ، ﷲ އިރާދަފުޅާއެކު އަންނަ ބުދަދުވަހުގެ މެންދުރުފަހު 3 ޖަހާއިރު ހުންނަވާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކަމަށެވެ.

ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި މިވަނީ ކަފާލާތުގެ ދަށުން ޤާސިމް މިނިވަންކުރުމަށް ހައިކޯޓުން އަމުރުކުރެއްވުމާ ގުޅިގެންނެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ، ޖަމީލްގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ހަމަ އެއާއެކު އެމަނިކުފާނުގެ ދެދަރިކަލުން ކަމަށްވާ މުހަންމަދުއާއި، އިސްމާއީލްވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ލީޑަރ އަމީން އިބްރާހީމްވެސް ޤާސިމާއެކު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރާއްޖެ އެމްވީއަށް ވަނީ ކަށަވަރު ވެފައެވެ.

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް މިނިވަންކަމާއި ޑިމޮކްރަސީގެ އިހުސާސްތައް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.

ޤާސިމް އިބްރާހީމް ރާއްޖެއަށް މިވަޑައިގަންނަވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު ޖަރުމަނުވިލާތައް އަމިއްލައަށް އަރުވާލެއްވިގެން ހުންނެވުމަށްފަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމަށްބުނެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ޤާސިމަށް އިއްވާފައިވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ޣައިރު ހާޒިރުގައެވެ.

އާދީއްތަ ދުވަހުގެރޭ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން މިނިވަން ކުރަން ނިންމެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ކަފާލާތުގެ ގޮތުގައި ގާސިމް ކޯޓަށް ދައްކާފައިވަނީ 70،000 ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް