ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 23:17
މިނިވަންވުމާއެކު ފާރިސް މައުމޫން ސަޕޯޓަރުންނާއި ސަލާމްކުރައްވާ އުފާފާޅުކުރައްވަނީ
މިނިވަންވުމާއެކު ފާރިސް މައުމޫން ސަޕޯޓަރުންނާއި ސަލާމްކުރައްވާ އުފާފާޅުކުރައްވަނީ
މުހައްމަދު ޝަރުހާން
އަހުމަދު ފާރިސް މައުމޫން
މި ކޯލިޝަނަކީ ފަސޭހައިން ރޫޅިގެންދާނެ ކޯލިޝަނެއް ނޫން، މިއީ ރައްޔިތުންގެ ކޯލިޝަނެއް: ފާރިސް
މިއަދު ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން ފާރިސް މިނިވަން ކުރައްވާފައި
ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި އަދި ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިފެންނަނީ
އިންތިހާބީ ރައީސް އިބޫއަކީ ތަފާތު ފިކުރުގެ މީހުން ގެންގުޅުމުގެ ގާބިލްކަން ލިބިފައިވާ ބޭފުޅެއް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ކޯލިޝަނަކީ ފަސޭހައިން ރޫޅިގެންދާނެ ކޯލިޝަނެއް ނޫންކަމަށާއި އެއީ ދިވެހި އެންމެހާ ރައްޔިތުންގެ ކޯލިޝަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ކަފާލާތުގެ ދަށުން މިނިވަންކުރުމާއެކު މީޑިއާއަށް މައުލޫމާތުދެއްވަމުން ފާރިސް ވިދާޅުވީ މިއަދު މިކުރެވޭ އުފާވެރި އިހުސާސް ޖަލުގައި ހުންނެވިއިރު، ވަރަށް އަވަހަށް ލިބޭނެ ކަމުގެ އުއްމީދު ކުރެވުނު ކަމަށެވެ. 

"ވަރަށް އުފާވޭ، ވަރަށް ހިތްހަމަޖެހޭ. ﷲ އިރާދަފުޅުން އަޅުގަނޑު އަބަދުވެސް އުއްމީދުކޮށްގެން ހުރީ މިދުވަސް އަންނާނެ ކަމަށް. މިދުވަސް އަންނާނީ ކޮންއިރަކުންކަން ނޭނގެނީ. އެކަމަކު އަބަދުވެސް، އެންމެ ދުވަހަކުވެސް އަޅުގަނޑު އުއްމީދުގައި ނޫން ހާލަތެއްގައި ނުހުންނަން. އެތާ ޖަލުގައި ހުރި ހުރިމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިރާއްޖެއަށް ކޮށްދެވުނު ކޮންމެވެސް ހިދުމަތެއްގެ ގޮތުގައި އަޅުގަނޑު ދުށީ. އެކަމުން ހިތްވަރު ލިބިގެން، އަޅުގަނޑުގެ އާއިލާ އަދި ހާއްސަކޮށް އަޅުގަނޑުގެ ބައްޕާފުޅާމެދު އެކި ގޮތްގޮތުން ކަންތައްތައް ކުރެވެމުންދިޔައިރުވެސް އަޅުގަނޑުމެން މިތިބީ ހައްގުގެ މަގުގައިކަމުގެ ކަށަވަރުކަން އަޅުގަނޑުގެ ހިތުގައި ޔަގީންކަން އޮންނާތީ މިހާހިސާބަށް އަޅުގަނޑުމެންނަށް މިތިބެވުނީ." ފާރިސް ވިދާޅުވި އެވެ.   

މިނިވަންވުމާއެކު ފާރިސް މައުމޫން ސަޕޯޓަރުންނާއި ސަލާމްކުރައްވާ އުފާފާޅުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ފާރިސް ވިދާޅުވީ ކޯލިޝަން މިހިސާބަށް އާދެވުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލިމެންޓް މެމްބަރުން އެކުގައި މަސައްކަތް ކުރުމުގެ ރޫހުއޮތުން އެއީ ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޕާޓީތަކުގެ އިސް ބޭފުޅުންގެ އިތުރުން ދިވެހި ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތުން މިއަދު ވަނީ ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރެވިފައި ކަމަށާއި ދެން ކުރިއަށް އޮތީ ގައުމު ހަމަމަގަށް އެޅުވުމާއި ދިވެހި ރައްޔިތުންނަށް ފާގަތި އުފާވެރި ދުވަސްތަކެއް ހޯދާދިނުން ކަމަށް ފާރިސް ވިދާޅުވި އެވެ. 

"މިހިސާބަށް ކޯލިޝަން ދެހެއްޓުމުގެ ސިއްރަކީ ދިވެހި ރައްޔިތުން. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި އަދި އެބޭފުޅުންގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ހަތަރު ޕާޓީގެ ލީޑަރުން، ހާއްސަކޮށް، ރައީސް މައުމޫން، އެމްޑީޕީގެ ރައީސް ނަޝީދު އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާންގެ ދައުރު ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ،" ފާރިސް ވިދާޅުވި އެވެ. 

މިނިވަންވުމާއެކު ފާރިސް މައުމޫން ސަޕޯޓަރުންނާއި ސަލާމްކުރައްވާ އުފާފާޅުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

މީގެއިތުރުން ފާރިސް ވިދާޅުވީ ހަތަރު ސިޔާސީ ލީޑަރުުންނާއި ތަފާތު ފިކުރުތަކުގެ ބޭފުޅުންގެ މެދުގައި އިތުބާރު އުފެއްދުމަށްޓަކައި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތަކީ މިކޯލިޝަން މިއަދު މިގޮތަށް ދެމިއޮތުގެ އަސްލު ކަމަށެވެ.

"އިރުބާރު އުފެއްދުުމުގެ މަރުހަލާގައި ވަރަށް ބިރަ މަސައްކަތްތަކެއް ކުރެވުނު. އަޅުގަނޑުމެންނަށް ވެސް އިތުބާރުކުރަން ދަތިވި ކަންތައްތައްހުރި. އެކަމަކު ތަކުރާރުކޮށް އެބޭފުޅުންގެ ބަހާއި އަމަލާއި ދިމާވާކަން ފެނުމުން، އަދި އެބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ ބަހާ އަމަލާ ދިމާވާތަން ފެނުމުން އެއިތުބާރު އުފެދިގެން ދިޔައީ، އެހެންވީމާ މިއީ އެއްދުވަހަކުން ދެދުވަހަކުން ކުރެވުނު މަސައްކަތެއް ނޫންމިއީ، މިކަމުގެ ފަހަތުގައި ޖުމްލަކޮށް މުޅި ދިވެހި ރައްޔިތުން އެބަތިބި. އެހެންވީމައި އަޅުގަނޑު މިހުރީ ވަރަށް އުއްމީދީ ހާލަތެއްގައި ކުރިމަގާމެދު. މިކޯލިޝަނަކީ ފަސޭއިން ރޫޅިގެންދާނެ އެއްޗެއް ނޫން، إن شاء الله," ފާރިސް ވިދާޅުވި އެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އުފެއްދުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ޕީޕީއެމް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ފާރިސް ވަނީ ޕީޕީއެމުން ވަކިކޮށް، އެޕާޓީގެ ދިދައާއި ލޯގޯ ބޭނުން ކުރެއްވި ކަމަށްބުނެ ދައުވާކޮށް ޖަލަށްލާފަ އެވެ. ނަމަވެސް އާދިއްތަ ދުވަހު ވަނީ ހައިކޯޓުން ކަފާލަތުގެ ދަށުން ފާރިސް މިނިވަން ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް