ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 13:38
އަހުމަދު ފާރިސް މައުމޫން
އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސް މައުމޫންގެ ޝަރީއަތް
ފާރިސްގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމާމެދު މިއަދު ގޮތެއް ނިންމަނީ!
ފާރިސްގެ މައްޗަށް އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް
ހުކުމް އިއްވާފައިވަނީ މިދިއަ ޖޫން މަހު
އިސްތިއުނާފު ކޮށްފައި ވަނީ މިދިއަ ޖުލައި މަހު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމާ މެދު ހައި ކޯޓުން އާދިއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ބުނެފި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ފާރިސްގެ މައްޗަށް ހަތަރު މަހާ 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ޖޫން މަހު ކުރި ހުކުމް، މިހާރު ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ މައްސަލައަށް ގޮތެއް ނިމެންދެން އެހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދެއްވުމަށް ފާރިސް ވަނީ ހައިކޯޓުގައި އެދިލައްވާފަ އެވެ.

މިދިއަ ޖުލައި މަހު ފާރިސް ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބޭއްވިއިރު، ދައުވާ އިއްވުމަށް ފާރިސްގެ ގާނޫނީ ވަކީލުންނަށް ފުރުސަތު ދެއްވުމާއެކު، ފާރިސްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރާ މެދު ގޮތެއް ނިންމައި ދިނުމަށް އެދިފަ އެވެ. އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެކަމާ މެދު އާދިއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށެވެ. 

އިސްތިއުނާފުގެ މައްސަލަ ހުށަހަޅުއްވަމުން ފާރިސްގެ ފަރާތުން ވަނީ 27 ނުކުތާއެއް ފާހަގަ ކުރައްވާފަ އެވެ. 

ފާރިސްގެ މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރަކީ މުހައްމަދު ފައިސަލް އެވެ. ދެން ހިމެނިވަޑައިގަންނަވަނީ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު އަދި ފަނޑިޔާރު ހަސަން އަލީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް