ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 07:06
ފުވައްމުލަކު ޖަގަހއިގާ ރޭ އުފާ ފާޅުކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން
ފުވައްމުލަކު ޖަގަހއިގާ ރޭ އުފާ ފާޅުކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އިންތިޚާބުގެ ކާމިޔާބީ އުފާ ފާޅުކުރުން ފުވައްމުލަކު މާލޭ ޖަގަހައިގައިވެސް ބާއްވައިފި
މި ހަރަކާތުގައި އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވި

މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބު ވުމުގެ އުފާ ފާޅުކުރުން މާލޭގައި ހުންނަ ފުވައްމުލަކު ޖަގަހައިގައިވެސް ބާއްވައިފިއެވެ.

"ޖަޒީރާ ފުވައްމުލައް" ޖަގަހައިގައި މިހަފްލާ އޮތީ ހޮނިހިރު ދުވަހުގެ ރޭ 10:30 ގައެވެ. މިހަފްލާގައި ފުވައްމުލަކަށް އުފަންވެވަޑައިގެންނެވި، އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމްއާއި ދާދިފަހުން ބަންދުން ދޫކޮށްލެއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ފުވައްމުލަކު ރައްޔިތުންގެ ތެރެއިން ބައެއް މީހުންނާއި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގައި ހިމެނޭ އެހެން ޕާޓީތަކުގެ ބައެއް ޢާއްމު މެމްބަރުންވެސް ބައިވެރިވިއެވެ.

އުފާ ފާޅުކުރުމަށް ބޮޑު ހަފްލާއެއް އަދި ބާއްވާނެ ކަމަށާއި ހޮނިހިރު ދުވަހުގެ ރޭ ބޭއްވީ މައިގަނޑު ގޮތެއްގައި ކެމްޕެއިންގައި އުޅުނު މީހުން އެއްވެ ކާމިޔާބީ ފާހަގަކުރުމުގެ ހަރަކާތެއް ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ގުޅިގެން މާލެއާއި އަތޮޅުތެރޭގައި ދަނީ އުފާފާޅުކުރުމުގެ ހަފްލާތައް ބާއްވަމުންނެވެ. މިއިންތިޚާބު އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމް ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. ވޯޓުލީ މީހުންގެ 58.4 ޕަސެންޓް މީހުން އިބޫ އަށް ތާއީދުކޮށްފައި ވެއެވެ. އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް