ކ. މާލެ
|
29 ސެޕްޓެންބަރ 2018 | ހޮނިހިރު 15:46
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ސަރުކާރުން ތަރައްގީ ކުރަމުންދާ ކޯޒްވޭ
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ސަރުކާރުން ތަރައްގީ ކުރަމުންދާ ކޯޒްވޭ
ރާއްޖެއެމްވީ
މަޑަވެލި-ހޯނޑެއްދޫ
މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭ ރައްޔިތުން ނުކުމެ ކަނޑާލައިފި
ކޯޒްވޭ ކަނޑާލީ ކޯޒްވޭ މަތިން، ރަށު ތެރެއަށް ލޮނުގަނޑު އަރައި، ގިނަ ގެއްލުންތަކެއް ވާތީ
ހޯޑެއްދޫއަކީ ދަނޑުވެރި ރަށަކަށްވާއިރު، މިމައްސަލައަށް ހައްލު ހޯދުމަށް ކޯޒްވޭ ކަނޑާލަން މަޖުބޫރު
ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލުކަމަށް މިމައްސަލަ ގެނައި ނަމަވެސް މިކަމަށް ހައްލު ހޯދައިދީފައި ނުވޭ

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ސަރުކާރުން ތަރައްގީ ކުރަމުންދާ ކޯޒްވޭ ހޯޑެއްދޫ ރައްޔިތުން ނުކުމެ ކަނޑާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހޯޑެއްދޫ ރައްޔިތުން ނުކުމެ ކޯޒްވޭ ކަނޑާލީ ކޯޒްވޭ މަތިން، ރަށުގެ ތެރެއަށް ލޮނުގަނޑު އަރައި، ގިނަ ގެއްލުންތަކެއް ވާތީއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒު ވިދާޅުވީ މޫސުން ގޯސްވެ ކަނޑު ގަދަވާ ކޮންމެ ފަހަރަކު ކޯޒްވޭއިން ލޮނުގަނޑު ރަށުތެރެއަށް އަރާ ކަމަށާއި، ތިން ފަހަރެއްގެ މަތިން ރައްޔިތުންނަށް ގެއްލުންވާ މިންވަރަށް ރަށުތެރެއަށް ލޮނުގަނޑު އަރާފައިވާ ކަމަށެވެ.

އަޔާޒު ވިދާޅުވީ އޮއިބާރު، ވަރަށް ބޮޑަށް ފެން ދެމޭ އެ ސަރަހައްދު ބައްދާލައި، ވެލީގެ ފާލަމެއް އެޅުމުން، ފެން ދައުރުވާނެ ގޮތެއް ނެތް ކަމަށެވެ. އަދި ކޯޒްވޭ މަތިން ލޮނުގަނޑު އަރާ ކަމަށާއި، ފެން ދައުރު ކުރުމަށް، ތިން ސަރަހައްދެއް ކަނޑާފައި ހުރި ނަމަވެސް، އެތަން ކުޑަވުމުގެ ސަބަބުން، އެކަށީގެންވާ ގޮތެއްގައި އެތަނަކުން ފެނެއް ދައުރު ނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

ހޯޑެއްދޫއަކީ ދަނޑުވެރިކަމަށް ބަރޯސާވެފައި އޮންނަ ރަށެއްކަން ފާހަގަކުރައްވައި އަޔާޒު ވިދާޅުވީ އެ ރަށު ރައްޔިތުން ދަނޑު ހައްދާ ސަރަހައްދަށް ފެން އަރަން ފެށުމުން، ކޯޒްވޭ ކަނޑާލަން މަޖުބޫރުވީ ކަމަށެވެ. އަދި އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ކަނޑާލީ ހޯޑެއްދޫއާ ކޯޒްވޭ ގުޅޭ ހިސާބު ކަމަށާއި، ދެން އެދޭތެރެއިން ފެން ދައުރުވެ، ރަށަށް ލޮނުގަނޑު އެރުން ކުޑަ ކަމަށް އޭނަ ވިދާޅުވިއެވެ.

"ރައްޔިތުން މުހިންމީ. ކާންބޯން ކުރާ މަސައްކަތް މިއީ. ގެއްލުންވަންޏާ ހައްލުކުރަންޖެހޭނެ. މިކަން ކޮށްގެން އަދަބު ދެންޏާ ހަމަދޭންވީ. ރައްޔިތުންގެ ހައްގުގައި ކައުންސިލުން އަބަދު ވެސް ބަސް ބުނާނަން. މީގެ ކުރިން ވެސް ފެންގަނޑު ރަށުތެރެއަށް ވަނީމަ ރައްޔިތުން ނުކުމެ ރަށުތެ އާންމު ހާލަތަށް ގެނައީ. ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެއްވެސް ކަމެއް ނުވި" އަޔާޒު ވިދާޅުވިއެވެ.

އަޔާޒު ވިދާޅުވީ ރަށު ތެރެއަށް ލޮނުގަނޑު ވަންނަ މައްސަލަ ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީގެ ސަމާލުކަމަށް ގެނެސް، ކޯޒްވޭގެ އޮއިދެމޭ ބައި ބޮޑުކުރުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުކޮށް ކޯޒްވޭގެ މައްޗަށް އިތުރަށް ފަސް އަޅައި އެތަން އުސްކުރީ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ސަރުކާރުން ތަރައްގީ ކުރަމުންދާ ކޯޒްވޭ ކަނޑާލާފައި

މިއީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުންކަން ފާހަގަކުރައްވައި އަޔާޒު ވިދާޅުވީ މިކޯޒްވޭ އަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތް ހޯދައިދިނުމަށް ސަރުކާރުން ގާއިމުކުރި ތަނެއް ނޫން ކަމަށާއި، އެތަން ހަދާފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ރައްޔިތުންނަށް އެކަމުގެ ގެއްލުން ބޮޑު ގޮތަށް ކަމަށެވެ.

އަޔާޒު ވިދާޅުވީ ކޯޗްވޭގެ މަސައްކަތް ކުރިއަށްދާތާ 3 އަހަރު ވެފައިވާ ކަމަށާއި، މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބާއި ގުޅިގެން އަދިއްތަ ދުވަހު އެމްޓީސީސީން މަސައްކަތް ފެށި ކަމަށް ވެސް އޭނަ ވިދާޅުވިއެވެ. އަޔާޒު ވިދާޅުވީ ކޯޗްވޭ ނިމިފައިހުރީ 80 އިންސައްތަ މަސައްކަތް ކަމަށެވެ.

ހޯޑެއްދޫ އާއި މަޑަވެލި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުން މަސައްކަތް ނިންމާ ގޮތަށް 29 މިލިއަން ރުފިޔާ އަށެވެ. މިދެރަށް ދެތެރޭ ހަދާ ކޯޒްވޭގެ ދިގުމިނަކީ 440 މީޓަރެވެ. އަދި ކޯޒްވޭގެ ފުޅާމިނުގައި ހަތް މީޓަރު ހުންނާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް