ކ. މާލެ
|
29 ސެޕްޓެންބަރ 2018 | ހޮނިހިރު 11:24
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ރާއްޖެއެމްވީ
މިރައީސް ޕްރޮގްރާމް
މިރާއްޖޭގައި އެންމެ ފަސޭހައިން ވެރިކަން ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވީ ރައީސް ޔާމީނަށް: މުސްތަފާ
ވެރިކަން ކުރުމުގައި އެއްވެސް ދަތި އުނދަގޫ ކަމެއް ދިމާ ނުވާއިރު، ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ޔާމީން އަތްފުޅުގައި
ރައްޔިތުންނާއި ގާތުން ވެރިކަން ހިންގަން އެނގުނު ނަމަ މިއަދު ވެސް ނާކާމިޔާބީއާ ކުރިމަތިލާން ނުޖެހޭނެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ މި ރާއްޖޭގައި އެންމެ ފަސޭހަ އިން ވެރިކަން ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވި ރައީސް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "މި ރައީސް" ޕްރޮގްރާމްގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މެންބަރު މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަށް ފުރިހަމަ ބާރާއި، މެޖޯރިޓީ ރައްޔިތުންގެ ފުރިހަމަ ލޯތްބާ އެކު ވެރިކަން ކުރުމުގެ މިނިވަންކަން ލިބިވަޑައިގެންނެވި ކަމަށެވެ. ވެރިކަން ކުރުމުގައި އެއްވެސް ދަތި އުނދަގޫ ކަމެއް ދިމާ ނުވާ ކަމަށާއި، ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ އެމަނިކުފާނުގެ އަތްފުޅުގައި ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ 5 އަހަރުގެ ދައުރު ގައުމު ހިންގީ ވަރަށް ގިނަ ދަތިތަކާއި ދުއްތުރާލާއެކު ކަމަށް އެމަނިކުފާނު ވިދާޅުވަމުން ދާތީ އެކަމަށް ރައްދު ދެއްވާ މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަށް މިގައުމުން ހިންގަން ނޭނގުނު ކަމަށާއި، ބާރާއި، އާރު ލިބުމުން ތަންދޮރު އޮޅުން ނުފިލީ ކަމަށެވެ. މުސްތަފާ ވިދާޅުވީ ޕާޓީގެ މެންބަރުންނާއި، ރައްޔިތުންނާ ގާތުން ވެރިކަން ހިންގަން އިނގުނު ނަމަ މިއަދު ވެސް ނާކާމިޔާބީއާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ގައުމުގެ ވެރިކަމަށް ވަޑައިގެންނެވުނީ ގިނިކަންޏާ މަސައްކަތްކުރައްވައިގެން ނޫން ކަމަށާއި، އެއީ އެތައް ބައެއްގެ ބުރަ މަސައްކަތް ކަމަށެވެ. ނަމަވެސް އަމިއްލަފުޅަށް ބާރުވެރިވާން މަސައްކަތް ކުރެއްވުމުން މިއަދު ރައްޔިތުން ރައީސް ޔާމީން ދުރުކުރީ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"މަޖިލީހުގެ މެޖޯރިޓީ ލިބުނު. ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހަދާނެ ގޮތެއް ހަދަން ލިބުނު. މުޅި ޖުޑިޝަރީ އަތް މައްޗަށް ލިބުނު. އެކަމަކު މި ލިބުނީމަ މީނަ ބުއްދި ފަސްވީ. މީގެ ނާޖާއިޒް ފައިދާ ނަގަން ފެށީ. 58 މެންބަރުން ތިބީމޭ މީނައާ އެކު. ވެރިކަމެއް ކުރަން ބޭނުންވާ ހުރިހާ ބާރެއް ލިބުނު. މީނަ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ހިޔާނަތުގެ ސަބަބުން ވެރިކަން ދަމަހައްޓަން ނޭނގުނީ. ފުރަތަމަ ޖެހިގަތީ މެންބަރުންނާއި، ދެން ޖެހިގަތީ ތިމާގެ އެއްބަނޑު މީހުންނާ" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ރައްޔިތުންނަށް ފައިސާ ދީގެން ރައްޔިތުން ލަންބުވާނެ ކަމަށް އުންމީދު ކުރެވުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އަދި މިއަދު ދިވެހިންނަކީ ވިސްނޭ ތައުލީމީ ބައެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ ގައުމާއި، ދައުލަތް ވަކި މީހެއްގެ ޖީބަށްލާން ފުރުސަތު ނުދޭނެ ކަމަށާއި، ރައްޔިތުންގެ މައުސޫމުކަމުގެ ނާޖާއިޒް ފައިދާ ނުނެގޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް