ކ. މާލެ
|
29 ސެޕްޓެންބަރ 2018 | ހޮނިހިރު 05:32
ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ކޮންގްރެސްގައި
ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ކޮންގްރެސްގައި
ޕީޕީއެމް
ރައީސް އަބްދުﷲ ޔާމީން
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އޭގެ ގެއްލުން އިންތިޚާބުގައި ލިބުނު: ރައީސް ޔާމީން
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ އެނޫން ގޮތެއް ނެތިގެން
އެކަން ކުރީ ގާނޫނުގައި ހިނގަމުންދާ ބައެއް "ބާރުގަދަ މާއްދާތައް" ވަގުތީގޮތުން ހިފެހެއްޓުމަށް
ރައީސް މައުމޫން ހައްޔަރު ކުރެއްވީ ރައީސް ޔާމީން ނޫންކަމަށް ވިދާޅުވި

ފެބްރުއަރީ 5 ގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭގެ ގެއްލުން ލިބިވަޑައިގެންނެވިކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ އެނޫން ގޮތެއް ނެތިގެން، ފެބްރުއަރީ 1 ގެ ކޯޓް އަމުރާ ގުޅިގެން "ވަގުތީ ގޮތުން" އެކަންކަމުގައި އުޅުއްވި ބޭފުޅުން ނަގަން މަޖުބޫރިވި ކަމަށެވެ. 

"ސުޕްރީމް ކޯޓުގައި ހިނގައިދިޔަ ކަންތަކާ ގުޅިގެން އެސްއޯއީ އިއުލާނުކުރިން. އިއުލާނުކޮށްފައި ވަގުތީ ގޮތުން، އެކަންކަމުގައި އުޅުއްވި ބޭފުޅުން ނަގަން ހާލަތު މަޖުބޫރިކުރި. އެއީ މުޅި ދިވެހިރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު މަސައްކަތެއް،" ރައީސް ވިދާޅުވި އެވެ.  

 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހުނު ސަބަބަކީ ގާނޫނުގައި ހިނގަމުންދާ ބާރުގަދަ މާއްދާތައް ވަގުތީ ގޮތުން ނަމަވެސް ހިފެހެއްޓުމަށް ކަމަށާއި އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަމުންދިޔަ މައްސަލައިގައި އެ ބޭފުޅުން ތަހްގީގީ އިދާރާއަށް ހާޒިރު ކުރެވޭނެ ހަމަ އެއްގޮތެއް ވެސް، ގާނޫނުން ޖާގަނުދޭ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ޖެހުނީ އެހެންގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބަލަމުންގެންދިޔައީ ކީއްވެގެންތޯ އެވަރުގެ އަމުރެއް ނުކުތީ. އެމައްސަލަތަކަށް އެމީހުން ތަހުގީގީ އިދާރާއަށް ހާޒިރު ކުރެވޭނެ ހަމަ އެއްވެސް ގޮތެއް އޭރު ގާނޫނުން ޖާގަ ނުދެނީ. އެހެންވެގެން މިދެންނެވި ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ. އެހެން ހުރި ބައެއް މާއްދާތައް ސަސްޕެންޑް ކުރުމަށްޓަކައި. އެމާއްދާތަކުގެ ބާރު ވަގުތީވގޮތުން ކަނޑުވާލުމަށްޓަކައި. އެއީ ގާނޫނުގެ ތެރެއިން ގެނެސްފައި އޮތް ފަރުވާ. އެކަމަކު އެކަންކަން ހިނގައިދިޔައިމަވެސް އަޅުގަނޑަށް އެނގޭ އޭގެ ގެއްލުން މިފަހަރުގެ އިންތިޚާބުންވެސް އަޅުގަނޑަށް ވީކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި، ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވިޔަފާރިވެރިންނާއި، ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރައްވާ އޮފިސަރުން ގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ހިމެނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރުމަށްފަހު ބައެއް ފަރާތްތަކަށް ވަނީ ހުކުމް ވެސް ކޮށްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވައެވެ. ރައީސް މައުމޫން ގެންދަވަނީ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ޓެރަރިޒަމްގެ ދައުވާ ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫން ހައްޔަރު ކުރެއްވީ އެމަނިކުފާނު ނޫންކަމަށެވެ. އަދި މައުމޫނަށް ހުކުމް ކުރީ ޝަރީއަތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގެ ނަތީޖާއަކަށްވީ އޭރު ވަކިކޮށްފައި ހުރި ޕާޓީގެ ރައީސް އެންމެ ފުރަތަމަ ރައީސް، ރައީސް މައުމޫންވެސް ހައްޔަރު ވެގެން ދިޔުން. އަޅުގަނޑެއް ނޫން ހައްޔަރު ކުރީކީ. ޝަރީއަތުން ހުކުމް ކުރީ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެސްއޯއީ އިއުލާންކުރިން. އިއުލާން ކޮށްފައި ވަގުތީ ގޮތުން އެކަންކަމުގައި އުޅުއްވި ބޭފުޅުން ނަގަން މަޖުބޫރު ކުރި." ރައީސް ޔާމީން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އިއުލާންކޮށް 45 ދުވަސް ވަންދެން ދިގު ދަންމަވާލުމަށްފަހު އެ ހާލަތު ނިމުމަކަށް ގެނައީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް