ކ. މާލެ
|
29 ސެޕްޓެންބަރ 2018 | ހޮނިހިރު 05:52
ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ
ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
އިންތިޚާބުން ބަލިވުމުން ރައީސް ޔާމީންގެ އުދާސްތައް ބަންޑުންކޮށްލައިފި!
ކޮންގްރެސް ނިންމި ޖަލްސާގައި ގިނަ ވާހަކަތަކެއް ދެއްކެވި
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ މުޒާހަރާ ކުރައްވާނެ ކަމަށް ވިދާޅުވި

ރިޔާސީ އިންތިޚާބުން ބަލިވުމުން ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅުގައި އުފެދިފައިވާ އުދާސްތައް އެމަނިކުފާނު ބަންޑުންކޮށްލައްވައިފިއެވެ.

ޕީޕީއެމްގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އިންތިޚާބުން ބަލިވުމުން އެމަނިކުފާނުގެ ހިތުގައި އުފެދިފައިވާ ސުވާލުތަކާއި އުދާސްތައް ޕާޓީގެ އާންމު މެންބަރުންނާއި ހިއްސާކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުން ބަލިވި ސަބަބު އަދިވެސް ގަބޫލު ކުރަން ދަތިފުޅު ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުން ބަލިވާންޖެހުނު ސަބަބަކީ ހައެއްކަ އިސް ފަރާތެއް  ކުށްވެރިވެގެން ޖަލުގައި ތިބެންޖެހުމުންތޯ ވަނީ ސުވާލުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ ސަބަބުން އެމަނިކުފާނު ރައްޔިތުން ކުށްވެރިއެއް ނުކުރައްވާ ކަމަށެވެ. އަދި ގައުމަށް ގެނެސްދިން ތަރައްޤީއަށް ފަސްޖެހި އެހެން ބަޔަކަށް ވޯޓް ދިނީ ކޮން ޖާދުލެއްގައި ޖެހިކަން ގަބޫލު ކުރަން ދަތި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑަށް ނުކުރެވުނީ ކޮންކަމެއްތޯ، މީގެ ކުރިން ނުކުޅެދުންތެރި ކުދިންނާއި ކަނބަލުންނާއި ދޮށީ އުމުރުގެ މީހުން ތިބިކަން ހަނދާން ހުރިތޯ؟ މުޅި ގައުމު ހުޅުދާން ކުރި ހަނދާން އެބަހުރިތޯ، މިހާރު މިއާރާސްތު ކުރި ހުރިހާ ހަރުމުދާ ދެން ވިއްކާލާނީތޯ" ރައީސް ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ބެލީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސް ދެއްވުމަށް ކަމަށާއި ނަމަވެސް ރައްޔިތުން ވޯޓް ދެއްވިއިރު އެކަންކަމަށް ބައްލަވާފައި ނުވާ ކަމަށެވެ. 

"ތަރައްގީ މަޝަރ ކޮށްފައި ރައީސް ޔާމީނަށް ވޯޓް ދެއްވުމުގެ ވިސްނުމެއް އެ ބޭފުޅުންގެ ނެތޭ. މުޅިން އެހެން ވިސްނުމެއްގައި ނޫންތޯ ވޯޓު އެދިޔައީ،" ގުޅިފައިވާ ޕާޓީތަކިގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި 58 ޕަސެންޓް ވޯޓް ބަލިވެފައިވާއިރު، އެކަމަށް އިޝާރަތްކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ. 

"ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދިނީމަ ރާއްޖޭގެ ރައްޔިތުން ހަމަޖެހިގެން އުޅޭނޭ، ޒުވާނުންނަށް ލައްކައެއްހާ ގިނަ ވަޒީފާ އުފައްދައި ދިނީމާ ޒުވާނުންނަށް ވަޒީފާ ލިބިގެން އާމްދަނީ ހޯދައިގެން އެ ބައިމީހުން ހިތްހަމަޖެހިގެން އުޅޭނޭ. އެހެނެއް ނުވި ދެއްތޯ؟ ދޮށީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުދިގެން ދިޔައީމާ  އަޅުގަނޑު ހީކުރިން ދޮށީ ރައްޔިތުން ތިއްބަވާނީ ހަމަޖެހިގެންނޭ. އެހެނެއް ނުވި ދެއްތޯ؟ ގައުމުގެ ކޮންމެ މީހެއްގެ ޖީބަށް ވަންނަ ފައިސާ ދެގުނަ ވެގެން ދިޔައީމާ އަޅުގަނޑު ހީކުރީ ދިވެހި ރައްޔިތުން ތިއްބަވާނީ ހިތްޕުޅު ހަމަޖެހިގެންނޭ. އެހެނެއް ނުވި ދެއްތޯ؟ ރަށްރަށުގެ ކުނިގޮނޑުތައް ނައްތާލީމާ ރަށްރަށުގެ ރައްޔިތުން ތިއްބަވާނީ އެކަމާ އުފަލުންނޭ. ރައީސް ޔާމީން މިވަރުގެ ޚިދުމަތއް ކޮށް ދިނީމަ. އެހެންތޯ ވީ؟ މާލޭގެ ކުނިގޮނޑު ނަގައި ސާފުކުރީމަ އަޅުގަނޑު ހީކުރީ ރައްޔިތުން ގަބޫލުކުރައްވާނެއޭ ރައީސް ޔާމީން ހިދުމަތެއް ކޮށްފިއޭ. ހުޅުމާލޭގެ ރައްޔިތުންގެ ދަތުރުފަތުރު ފަސޭހަވީމަ، ދަތުރުފަތުރު އަމާން ވެގެން ދިޔައީމަ އަޅުގަނޑު ހީކުރީ އެ ބޭފުޅުން ގަބޫލުކުރައްވާނެ އޭ ރައީސް ޔާމީން ކަންތައްތަކެއް ކޮށްދީފި ކަމަށް. އެހެނެއް ނުވި ދެއްތޯ؟"

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީ ބައިބައިވެގެން ދިޔުން ކަމަށެވެ. ޕާޓީގެ ހިންގާ ސިޔާސީ ހަރަކާތްތައް ވެސް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔަ ކަމަށާއި ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި ސިޔާސީ ހަރަކާތް ކުރިއަކަށް ނުގެންދެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ތިން އަހަރުން މި ތާރީޚަކީ އެންމެ ހިތް ދަތި ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެދުވަހު ހުންނަވަން ޖެހުނީ ހޮސްޕިޓަލުގައި ކަމަށާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ މައިބަދައިން ބިންދައިގެންދިޔައީ ކިތައް ބަދަކަންވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މީގެ ތިން އަހަރު ކުރިން ސެޕްޓެމްބަރ 28 ވަނަ ދުވަހު އަޅުގަނޑު ހުރީ ހޮސްޕިޓަލްގައި. މިއީ އެންމެ ކައިރީގައި މަސައްކަތް ކުރި މީހުންގެ ސަބަބުން ދިމާވި ކަންތައްތައް. ނަމަވެސް އެއުނދަގުލުން ސަލާމަތް ވެގެން އަޅުގަނޑުމެން މިއައީ." ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ބަދަލުވަމުންދާ ހާލަތެއްގައި އެންމެންގެ ޚިޔާލުތައް މަސްހުނިވާނެ ކަމަށާއި މިވަގުތު މި ހުރެވެނީ ވަރަށް އުނދަގޫ އިހުސާސްތަކެއްގެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ތަންކޮޅެއް އުނދަގޫ ދުވަސްކޮޅެއް ކުރިމަތިވެފައި ވީނަމަވެސް މިއީ މާޔޫސް ވާން ޖެހޭ ވަގުތު ނޫންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 ސެޕްޓެންބަރ 2018 | ހުކުރު 20:09
Hum
Varah professional Koh khabaru genes dheefai vaakan faahaga kurevey
28 ސެޕްޓެންބަރ 2018 | ހުކުރު 18:35
ފާތުމާ
މުޒާޙަރާ ކުރާނެކަމެއް ނެތް! ބަގާޥާތަަކައް ތައްޔާރުވޭ، އެކަމުގެ ތަޖްރިބާ އާޢީ ހުނަރު އެބަ ޙުއްޓެއްނު???