ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 21:34
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝެއިހް އިލިޔާސް ހުސެއިން
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝެއިހް އިލިޔާސް ހުސެއިން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާ މީހުންނާ މެދު ފިޔަވަޅު އަޅަންޖެހޭ: ޝެއިހް އިލްޔާސް
ރައީސް ޔާމީންއަށް ގިނަ ރައްޔިތުން ވަނީ ނޫނެކޭ ބުނެފައި
އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، ރައްޔިތުން ރުޅިއެރުވުމަކީ ލަދުގަންނަން ޖެހޭ ކަމެއް

މިމަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝެއިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، ދާއިމީ ނަތީޖާ އިއުލާންކުރުން ފަސްކުރުމަށް ޕީޕީއެމުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަފައިވާ ދަނޑިވަޅެއްގައި ޝެއިހް އިލްޔާސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގިނަ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.

ޝެއިހް އިލްޔާސް ވިދާޅުވީ ވަރަށް ސާފު ޝަރީހަކޮށް ރައްޔިތުން ގޮތް ނިންމުމުން، އެކަން ގަބޫލުނުކޮށް، ރައްޔިތުން ރުޅިއެރުވުމަކީ ލަދު ގަންނަންޖެހޭ ކަމެއް ކަމަށެވެ.

އެހެން ކަމުން އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، ގަޑުބަޑުކުރަން އުޅޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައިދިނުމަށް ޝެއިހް އިލްޔާސް ވަނީ ގޮވާލައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކުރުމަށް ޕީޕީއެމުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގެ ދާއިމީ ނަތީޖާ މާދަމާ (ހޮނިހިރު ދުވަހު) އިއުލާންކުރާނެ ކަމަށެވެ. އިންތިހާބްގެ ދާއިމީ ނާތީޖާ އިއުލާންކުރާއިރު، ނަތީޖާ އިއުލާންކުރުން ލަސްވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް