ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 19:08
ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ގޮވާ ބޭއްވި އެއްވުގެ ތެރެއިން:-އިންތިހާބު ދާއިމީ ނަތީޖާ އިއުލާން ނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރޭ
ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ގޮވާ ބޭއްވި އެއްވުގެ ތެރެއިން:-އިންތިހާބު ދާއިމީ ނަތީޖާ އިއުލާން ނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރޭ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ގޮވާލާ އަޑުއުފުލައިފި
ރައްޔިތުން މާލެ އެރުމަށް ތައްޔާރަށް ތިބުމަށް ބައެއް ބޭފުޅުން ގޮވާލެއްވި

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ލަސްނުކޮށް އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ އާންމު ރައްޔިތުން އަޑުއުފުލައިފި އެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީ ހުކުރު ދުވަހުގެ ހަވީރު ބޭއްވި އެއްވުމުގައި އާންމު ރައްޔިތުން ވަނީ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ނުފޫޒުގައި އިތުރަށް ނުޖެހި ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ގޮވާލާފައި އެވެ. އަދި މި އެއްވުމުގައި އިއްތިހާދުގެ ބޭފުޅުން ވެސް ވަނީ އެކަމަށް ގޮވާލާފައެވެ.  

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދުގެ އެއްވުމުގައި ވާހަކަ ދައްކަވަނީ؛-

މިގޮތުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މައްސަލަތައް އުފައްދައިގެން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން އުޅޭކަން އެނގޭ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ދާއިމީ ނަތީޖާ ޝީޓްގައި ސޮއިކޮށްފި ކަމަށް މެމްބަރުން ހާމަ ކުރަމުންދާ ކަމަށާއި ދެން އެ ނަތީޖާ ނީއްވާ މަޑުކުރަން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ.

"ދުނިޔޭގެ ގައުމުތަކުން އިންތިހާބު ގަބޫލުކޮށްފި. ދިވެހި ރައްޔިތުންގެ ނިންމުން ގަބޫލުކޮށްފި. މި ރާއްޖޭގައި އިތުރު ހަލަބޮލިކަމެއް ގެންނަން މަސައްކަތް ނުކުރައްވާތި. މި ރާއްޖެ ފާލުން ނައްޓާލުމުގެ ފުރުސަތު ރައީސް ޔާމިން ކުރާ ކަމަކުން ދޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. ޔާމިންގެ އަމަލުތައް މި ގޮތައް ހުރިކަމަށްވާނަމަ ރައްޔިތުން ތައްޔާރުވާތި. އޭނާއަށް އެ ޖާގަ ދީގެން ނުވާނެ،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ  ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތް އެއްކޮށް ނިމޭނީ އިންތިހާބުގެ ނަތީޖާ މުއައްސަސާތަކުން އެއްކޮށް ގަބޫލުކޮށް ވެރިކަން ރީތިކޮށް ބަދަލުވުމުން ކަމަށެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަ މިއަދުގެ އެެއްވުގައި ވާހަކަ ދައްކަވަނީ:-

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އިންތިހާބުގެ ދާއިމީ ނަތީޖާ އަކީ ހަތް ދުވަސްވުމުން އިއުލާން ކުރަން އޮންނަ ކަމެއް ނޫން ކަމަށައި ހަތް ދުވަސް ތެރޭގައި ދާއިމީ ނަތީޖާ ސާފުވުމާއެކު އެކަން އިއުލާން ކުރަން ޖެހޭނެ ކަމަށެވެ. އަދި ދާއިމީ ނަތީޖާ މިހާރުން މިހާރުން އިއުލާން ކުރުމަށް އޭނާ ވެސް ވަނީ ގޮވާލާފަ އެވެ.  

"އަޅުގަނޑުމެން ބޭނުމެއް ތިރީސް ސާޅީސް ހާސް ވޯޓު އިތުރަށް ލިބިފައި އޮތް ނަތީޖާއެއް ބަދަލުކުރާކަށް. އެ ނަތީޖާ ބަދަލުކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ތި ބޭފުޅުން ތައްޔާރަށް ތިއްބަވާ. މި ނަތީޖާ އިއުލާން ކުރުމަށް ގޮވާލީ ދިވެހި ރައްޔިތުނަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މި އެއްވުމުގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ނިމިއްޖެ ކަމަށާއި އިންތިހާބުގެ ނަތީޖާއަށް ބަދަލެއް ދެން ނުގެނެވޭނެ ކަމަށެވެ. ދެން ފެންނާނީ ރައީސް ޔާމިންގެ އަތުގައި ބިޑިއަޅުވައިގެން ކޯޓަށް ގެންދާތަން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީ މިއަދު މީހުން އެއްވެސް އަޑު އުފުލަނީ:-

އެމްއާރުއެމްގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ވެސް ވިދާޅުވީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށް، ހުތުރު ގޮތަކަށް އެކަން ދާން އުޅޭހެން ހީވާ ކަމަށާއި ރައީސް ޔާމިނަށް އެ ފުރުސަތު ނުދޭނެ ކަމަށެވެ.

"އެތައް ދުވަހެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުޑަގޮޅިތަކުގައ ބައިތިއްބައިފި. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ އަޑު ނީއްވޭ ގޮތައް ބައިތިއްބައިފި. ދެން އޮތީ ރައީސް ޔާމިން ކޮށްފައި އޮތް ކަންކަން ބެލުން. އެކަން ދިވެހި ރައްޔިތުން ބަލާނެ.،" ނާދިރާ ވިދާޅުވި އެވެ.  

ކޯލިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް އެކަމަށް ގޮވާލާ އެއްވުން ކުރިއަށް ގެންދާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް