ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 18:50
ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި އިންތިހާބުން ބަލިވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީން
ޗައިނާގެ ރައީސް ޝީ ޖިން ޕިން އަދި އިންތިހާބުން ބަލިވެވަޑައިގަތް ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
ނާކާމިޔާބީ ޔާމީން ބޮލަށް ކަނޑާލައި ޗައިނާ އިން ކޮޅު ބަދަލުކޮށްފި
ޗައިނާގެ ދައުލަތުގެ މީޑިއާގެ ރާގު މިހާރު ވަނީ ބަދަލުވާން ފަށާފައި
މި ފަސް އަހަރުގެ ތެރޭގައި ޗައިނާ އިން ވަނީ ރައީސް ޔާމީނުގެ ސަރުކާރުގެ ގިނަ މަޝްރޫއުތަކަކަށް ފަންޑްކޮށްދީފައި
އަވަށްޓެރި އިންޑިއާގެ ބަދަލުގައި ރައީސް ޔާމީނު ވެސް އިސްކަން ދެއްވީ ޗައިނާއަށް

މިދިޔަ އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލައްވަންޖެހިވަޑައިގެންނެވީ އެމަނިކުފާނުގެ އަމަލުތަކުގެ ސަބަބުން ކަމަށް ބުނެ ޗައިނާ އިން ކޮޅު ބަދަލުކޮށްފިއެވެ.

މީގެ ކުރިން ރައީސް ޔާމީނުގެ ސަރުކާރަށް ސަނާކިޔަމުން އައި ޗައިނާގެ ދައުލަތުގެ މީޑިއާގެ ރާގު މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. މި ފަސް އަހަރުގެ ތެރޭގައި ޗައިނާ އިން ވަނީ ރައީސް ޔާމީނުގެ ސަރުކާރުގެ ގިނަ މަޝްރޫއުތަކަކަށް ފަންޑްކޮށްދީފައެވެ. އަދި އަވަށްޓެރި އިންޑިއާގެ ބަދަލުގައި ރައީސް ޔާމީނު ވެސް އިސްކަން ދެއްވީ ޗައިނާ އަށެވެ. އޭގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން މިއިން ދުވަހަކު ނުދާހާ ދަށަށް ގޮސްފައިވެއެވެ.

އިންތިހާބާ ކުރިމަތިލި އިރު ވެސް ރައީސް ޔާމީނުގެ އެންމެ ބޮޑު ސަޕޯޓަށްކަށްވީ ޗައިނާ އިންނެވެ. އެ ގޮތުން ހުޅުލެ އާއި މާލެއާ ދެމެދު އަޅަމުން ދިޔަ ބްރިޖްގެ މަސައްކަތް ހަލުވިކަމާ އެކު ނިންމައި އިންތިހާބުގެ ކުރިން ހުޅުވުމުގައި ޗައިނާ އިން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އެހެންނަމަވެސް ރާއްޖެ ޗައިނާ އަށް ދަރަނިވާ މިންވަރު ބޮޑުވުމުގެ ސަބަބުން ފާޑުކިޔުންތައް ދިޔައީ އަމާޒުވަމުންނެވެ.

ދަ ގްލޯބަލް ޓައިމްސްގައި ބުނެފައި ވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ޗައިނާގެ ސަބަބުން ނޫން ކަމަށާއި މި ސަރުކާރު ބަލިވީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި އެއްވެސް ހަމައެއް ލަމައެއް ނެތި އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް އަނިޔާ ދިނުމުގެ ސަބަބުން ކަމަށެވެ. އަދި ޑިމޮކްރަސީގެ ހަމަތަކާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުމުގައި ފެއިލްވެގެން ކަމަށް ވެސް ޗައިނާގެ ދައުލަތުގެ މީޑިއާ އިން ތުހުމަތުކޮށްފައި ވެއެވެ.

އެގޮތުން ފަނޑިޔާރުން ހައްޔަރުކުރުމާއި އިދިކޮޅު ޕާޓީތަކުން ގުޅި އެކުގައި މަސައްކަތްކުރުމަކީ ވެސް ޔާމީންގެ ނާކާމިޔާބީގެ ސަބަބުތައް ކަމަށް އެ ނޫހުގެ އޯޕެޑްގައި ވެއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަން ބޮޑުވި ނަމަވެސް ކެމްޕެއިންގެ ފޯކަސް އެކަމަށް ނުހުއްޓޭ ކަމަށާއި އިދިކޮޅުން ވެސް އަދި އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހު ވެސް ޗައިނާ އަށް ބަހުގެ ހަމަލާތައް ނުދެއްވާ ކަން އެ ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ ދެން އުފެދޭ ސަރުކާރަކުން އިންޑިއާއާ ގުޅުން ބަދަހިކޮށްފާނެ ކަމަށާއި ނަމަވެސް ހާރިޖީ ސިޔާސަތު މުޅިން އިންޑިއާ އަށް ދީލައިނުލާނެ ކަމަށެވެ. އަދި އިންޑި އާއި ރާއްޖޭގެ ގުޅުން ގޯސްވުމުގައި ޗައިނާގެ ދައުރެއް ނެތް ކަމަށާއި އެއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލައެއް ކަމަށް ބުނެފައި ވެއެވެ. ރިޔާސީ އިންތިހާބުގައި 58 ޕަސެންޓާ އެކު އިބޫ އިންތިހާބު ކާމިޔާބުކުރެއްވުމުން ޗައިނާ އިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް