ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 19:05
ރައީސް ވަހީދު ރައީސް ޔާމިންއާއެކު
ރައީސް ވަހީދު ރައީސް ޔާމިންއާއެކު
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
ނޮވެންބަރު މަހުގެ 11 ގައި އިބޫއަށް ރައީސް ކަމުގެ ހުވާކުރެއްވޭނެ ގޮތް ހަމަޖައްސަވައިދެއްވާ: ރައީސް ވަހީދު
2013 ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށުން ލަސްވީ ދިމާވި ހާލަތްތަކެއްގެ ސަބަބުން
ރައީސް ޔާމީންގެ ސިޔާސީ ތަޖުރިބާގެ އަލީގައި ނޮވެމްބަރު 11 ގައި އިބޫ ހުވާ ކުރެއްވުމުގެ ފުރުސަތުދޭން ޖެހޭ

މިމަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު، ކާމިޔާބު ކުރެއްވި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނޮވެމްބަރު 11 ގައި ރައީސް ކަމުގެ ހުވާކުރެއްވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާ ރިޔާސީ ދައުރު ގުނަމުން އައި ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ރިޔާސީ ދައުރު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 17 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަން ކޮމިޝަނުން މިހެން ބުނެފައިވަނިކޮށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީޤް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ފެށިފައި ވަނީ ނޮވެމްބަރު 11، 2013 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު އިއުލާން ކޮށްފައިވާ ކަމަށެވެ. އަދި އެ އިއުލާނުގެ ކޮޕީ ވެސް ފުވާދު ވަނީ ޓްވީޓް ކުރައްވާފައެވެ.

ފުވާދުގެ މި ޓްވީޓަށް ޖަވާބު ދެއްވައި، ރައީސް ވަހީދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށުން ލަސްވީ ދިމާވި ހާލަތްތަކެއްގެ ސަބަބުންކަމަށެވެ. މި އަހަރުގެ ނޮވެމްބަރު 11 އަކީ ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ ދުވަސްކަން ފާހަގަކުރައްވައި ރައީސް ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސީ ތަޖުރިބާ އާއި ހެޔޮވިސްނުންފުޅުގެ ތެރެއިން ނޮވެމްބަރު 11 ގައި އިބޫ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ފުރުސަތުދޭން ޖެހޭ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި 233،877 ފަރާތަކުން ވަނީ ނިކުމެ ވޯޓްލާފައެވެ. އެ ގޮތުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 134،616 ވޯޓް ލިބުނު އިރު، އެމަނިކުފާނާ ވާދަ ކުރެއްވި ރައީސް އަބްދުﷲ ޔާމީނަށް ލިބިފައި ވަނީ 96،132 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް