ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 16:27
ޕީޕީއެމްގެ ކެމްޕެއިންގައި އެޗްޑީސީގެ ވެހިކަލްތަކާއި މުވައްޒަފުން ބޭނުންކުރަނީ
ޕީޕީއެމްގެ ކެމްޕެއިންގައި އެޗްޑީސީގެ ވެހިކަލްތަކާއި މުވައްޒަފުން ބޭނުންކުރަނީ
ރާއްޖެ އެމްވީ
އެޗްޑީސީ
ކެމްޕެއިން ތެރޭގައި އެޗްޑީސީން 200 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދީފި
އެ މުވައްޒަފުން ވަޒީފާ ދާއިމީ ކޮށްދޭނެ ކަމަށް އެޗްޑީސީގެ ވެރިން ވިދާޅުވެފައިވޭ
ކެމްޕެއިން އަށް ދިމާކޮށް ވަޒީފާ ނުދިނުމަށް ކޯލިޝަނުން ކުރިން ވަނީ ގޮވާލައިފައި
އެހެން ކުންފުނިތަކުން ވެސް ކެމްޕެއިންނަށް ވަޒީފާ ދިން

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 200 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް އެ ކުންފުނީގެ އިސްވެރިޔަކު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެމްޕެއިންގެ އެންމެ ފަހު ދުވަސްކަމުގައިވި ބުރާސްފަތި ދުވަހު އެކަނިވެސް އެ ކުންފުނިން ގިނަ ބަޔަކަށް ވަޒީފާ ދިން ކަމަށާއި އެއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު މި ކުންފުންޏަށް 400 އަށް ވުރެ ގިނަ މުވައް×ޒަފުން ވައްދައިފި. އޭގެ ތެރެއިން ގިނަ މުވައްޒަފުން، 200 އަށް ވުރެ ގިނަ މުވައްޒަފުން ވެއްދީ ކެމްޕެއިން ތެރޭގައި. ކެމްޕެއިންގެ އެންމެ ފަހު ބުރާސްފަތި ދުވަހު ވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްދި، ކޮންޓްރެކްޓް އުސޫލުން،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި އެޗްޑީސީގެ އިސްވެރިން ކެމްޕެއިންގައި ހަރަކާތްތެރިވަމުން ގެންދެވިއިރު، ކެމްޕެއިންގައި އެ ކުންފުނީގެ ވަސީލަތްތަކާއި ތަކެތި ވެސް ބޭނުންކުރި ކަމަށް ތުހްމަތުކުރެ އެވެ.

ގިނަ އަދަދެއްގެ ބަޔަކަށް އަލަށް ވަޒީފާ ދިނީ އެ މީހުން ކުރާނެ މަސައްކަތެއް ވެސް ނެތި ކަމަށް ވެސް ރާއްޖެއެމްވީއާ ވާހަކަ ދެއްކި މުވައްޒަފު ވިދާޅުވި އެވެ. 

އިތުރަށް ވަޒީފާ ދިން ކޮންމެ މީހެއްގެ އެވްރެޖް މުސާރައަކީ 10،000 ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ކެމްޕެއިންތެރޭގައި ވަޒީފާ ދިން މުވައްޒަފުންގެ ވަޒީފާ ދާއިމީ ކޮށްދޭނެ ކަމަށް އެ މުވައްޒަފުން ގާތު ކުންފުނީގެ ވެރިން ބުނެފައިވާ ކަމަށް އެޗްޑީސީގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ. ނަމަވެސް ކެމްޕެއިންއާ ދިމާކޮށް ވަޒީފާ ނުދިނުމަށާއި އެގޮތަށް ދޭ ވަޒީފާތައް ބޭނުން ނުކުރުމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.

ކެމްޕެއިން ތެރޭގައި އެޗްޑީސީގެ އިތުރުން އެހެން ބައެއް ކުންފުނިތަކުން ވެސް  ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް