ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 22:25
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2018
ފަތުރުވެރިކަން ކުރިއެރުވުމަށް ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރަންޖެހޭ: ރައީސް ޔާމީން
ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ރާއްޖޭގެ ސުލްހަމަސަލަސްކަން ގާއިމްކޮށްގެން
ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 އައު ރިޒޯޓް، 7 ހޮޓެލް، އަދި 495 ގެސްޓްހައުސް ހުޅުވިފައި

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދިވެހި އެންމެހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ޚިޠާބުގައި، ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ފަތުރުވެރިކަން ކުރިއަށްދާއިރު، އެ ސިނާޔަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ރާއްޖޭގެ ސުލްހަމަސަލަސްކަން ގާއިމްކޮށް، މި އަޒުމުގައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ހިއްސާއެއް އަދާކުރާ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށްވާއިރު، އެ ސިނާއަތް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން މިވޭތުވެދިޔަ ފަސް އަހަރު ދުވަހު ކުރި މަސައްކަތްތަކުގެ ނަތީޖާއާ ދޭތެރޭ ވަރަށްބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންވާ ކަމަށެވެ.

މިގޮތުން ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 އައު ރިޒޯޓް، 7 ހޮޓެލް، އަދި 495 ގެސްޓްހައުސް ހުޅުވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 4 ޑޮމެސްޓިކް އެއަރޕޯޓް ހުޅުވިފައިވާ ކަމާއި، އަދި 6 ޑޮމެސްޓިކް އެއަރޕޯޓުގެ މަސައްކަތް މިހާރު ކުރެވެމުންދާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން، މިކަންކަމަކީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރަށް ރައީސް ޔާމީން ވިދާޅުވީ ފަތުރުވެރިކަން އަތޮޅުތަކަށް ފުޅާވެ، ވަޒީފާތައް އިތުރުވަމުން ދިޔުމަކީ، ރަށްރަށުގެ ތަނަވަސްކަމަށާއި، އާއިލާތަކުގެ ތަނަވަސްކަމަށް، އެކަމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމުޢިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޓޫރިޒަމް އެންޑް ދި ޑިޖިޓަލް ޓްރާންސްފޮމޭޝަން" އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް