ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 17:45
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ކޯޓުން ނިކުމެވަޑައިގެން އުފާ ފާޅުކުރައްވަނީ
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ކޯޓުން ނިކުމެވަޑައިގެން އުފާ ފާޅުކުރައްވަނީ
މުހައްމަދު ޝަރުހާން
މަހްލޫފް މިނިވަންވުން
މަހްލޫފްގެ މައްޗަށް ކުރާ ދެ ދައުވާއެއް ބާތިލްކޮށްފި
މަހްލޫފްގެ މައްޗަށް އިއްވި ދެ ދައުވާއެއް ބާތިލްކޮށްފައިވާއިރު، އަދިވެސް ދެ ދައުވާއެއް ކޯޓު މަރުހަލާގައި އެބަ އޮތް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލް ކޮށްފި އެވެ. 

ކްރިމިނަލް ކޯޓުން ބާތިލްކޮށްފައިވަނީ މަހްލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އާއި ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާ އެވެ. އޭގެތެރެއިން މަހްލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ މާފުށީ ޖަލު ކުރިމަތީ މުޒާހަރާކުރި މައްސަލާގަ އެވެ. އަނެއް ދައުވާ ކުރީ ކުރީގެ ނައިބް ރައީސް އަހުުމަދު އަދީބް މަރާލަން އުޅޭ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. 

ދައުލަތުން މަހްލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ބާތިލް ކޮށްފައިވަނީ އެ ދައުވާ ކޮށްފައިވަނީ އެކަށީގެންވާ ޤާނޫނީ މާދާއަކަށް ނުވާތީ އެވެ. އެގޮތުން ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ދައުވާ ކޮށްފައިވާއިރު، އެއީ އެންމެ އެކަށީގެންވާ ޤާނޫނީ މާއްދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ. 

އެ ދައުވާ ބާތިލް ކުރަމުން ގާޒީ ވިދާޅުވީ އެ ދައުވާ ކުރަން ޖެހޭނީ ޤާނޫނުލް އުޤޫބާތުގެ ދަށުން ކަމަށެވެ. އެގޮތުން ކުރަންޖެހޭނީ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ދައުވާ ނޫނީ ޖަލަކަށް ވަންނަން އުޅުމުގެ ދައުވާ ނޫނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދަތިކުރުމުގެ ދައުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. 

އޭގެއިތުރުން މަހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާ ބާތިލް ކުރަމުން ގާޒީ ވިދާޅުވީ ތަހުޤީޤް ހިނގަންޖެހޭ ގޮތަށް ހިނގާފައިނުވާ ކަމަށެވެ. އެގޮތުން ޖިނާއީ މައްސަލަތަކުގައި ތަހުގީގު ހިންގަންޖެހޭ މިންވަރަށް މަހުލޫފް ކުރެއްވި ޓްވީޓްގެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދައުވާ ކޮށްފައިއޮތްގޮތުން ބޮޑެތި ފުރުށުއެރުންތަކެއް އަރާފާނެ ކަމަށް ގަބޫލުކުރެވޭކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އޭގެއިތުރުން އެ ދައުވާ ބާތިލްކުރުމުގައި ބޮޑެތި ކުށުގެ ތުހުމަތުވާ މީހުންނަށް އަދަބު ދިނުމުގައި މުޖުތަމައުގެ ހައްޤު ގެއްލިގެންދާ ފަދަ ގޮތަކަށް ދައުވާ ކޮށްފައިވާކަމަށް ވެސް ގާޒީ ވިދާޅުވެފައިވެއެވެ. 

އިންތިހާބުގެކުރިން ގޭ ބަންދުގައި ހުންނެވި މަހްލޫފް މިނިވަން ކޮށްފައިވަނީ ރިޔާސީ އިންތިހާބްގެ ނަތީޖާއަށް ފަހު ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި މަޖިލީހުގަ އެވެ. މަހްލޫފްގެ މައްޗަށް އިއްވި ދެ ދައުވާއެއް ބާތިލްކޮށްފައިވާއިރު، އަދިވެސް ދެ ދައުވާއެއް ކޯޓު މަރުހަލާގައި އެބަ އޮތެވެ. 
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް