ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 17:11
ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް (މ) މިއަދު ކަރެކްޝަންސްގައި
ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް (މ) މިއަދު ކަރެކްޝަންސްގައި
ޓްވިޓަރ
ރައީސް މައުމޫނު
ރައީސް މައުމޫން ގެއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ސީދާ ޖަވާބެއް ނުލިބުނު: ނަސްރީނާ
ދެކެވޭ ވާހަކަތައް ކަރެކްޝަންސް އިން ދޮގުކޮށްފަ އެއް ނުވޭ
ސިއްހީ ހާލަތު ހުރި ގޮތުން އެ ކަނި ޖަލުގައި ބޭއްވުމަކީ ރައްކާތެރިކަމެއް ނޫން

ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ޑިޕާރޓްމަންޓް އޮފް ކަރެކްޝަނަލް ސާވިސް އިން ސީދާ ޖަވާބެއް ނުލިބުނު ކަމަށް ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރަން ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށް މީޑިޔާތަކުން ރިޕޯރޓްކުރަމުން އަންނާތީ އެކަން އޮޅުންފިލުވުމަށް ކަރެކްޝަންސް އަށް ވަޑައިގެން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ނަސްރީނާ ވިދާޅުވީ ކަރެކްޝަންސްގެ އިސް ބައެއް ވެރިންނާ ބައްދަލުވި ކަމަށާއި، ނަމަވެސް ރައީސް މައުމޫން ގެއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ޖަވާބެއް ނުލިބުނު ކަމަށެވެ.

ރައީސް މައުމޫންގެ ޤާނޫނީ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ މެޑިކަލް ބޯޑުން ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ކަރެކްޝަންސް އިން މިހާތަނަށް ދޮގުކޮށްފައި ނުވަ ކަމަށެވެ.

"މީޑިޔާތަކުން ފެނިގެންގޮސްފައި ވަނީ މެޑިކަލް ބޯޑުން ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް. ދޮގެއް ކަމުގައިވާ ނަމަ އިންކާރުކުރައްވާށޭ. އެބޭފުޅުން  އެކަމަށް އިންކާރު ނުކުރައްވާ. ޤާނޫނީ ގޮތުން ލާޒިމް ކަމެކޭ މެޑިކަލް ބޯޑުން އެގޮތަށް ނިންމާފައި އޮތިއްޔާމު ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކުރަމަކީ މެޑިކަލް ބޯޑުން އަންގާފައިވަނިކޮށް އެ ގޮތަށް،" ފައިސަލް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވަކީލް ވިދާޅުވީ ކޮމިޝަނާރއާ މިއަދު ބައްދަލުކުރެވިފައިނުވާ ކަމަށާއި، ލިޔުމަކުން އެޕޮއިންޓްމަންޓަކަށް އެދިފައިވާނެ ކަމަށެވެ.

ރައީސް މައުމޫން  ވާރޓިގޯ" ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނައިރު އެ މަނިކުފާނުގެ ސިއްހީ ހާލަތު ހުރި ގޮތުން އެކަނި ޖަލުގައި ބޭއްވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެ މަނިކުފާނު ބައްލަވަމުން ގެންދަވާ ޑޮކްޓަރުން ވިދާޅުވަމުން ގެންދަވާ ކަމަށް ތަކުރާރުކޮށް އާއިލާއިން ދަނީ ބުނަމުންނެއެވެ.

ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށް ފަހުއެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލިއެވެ. ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.

އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވުމާ ގުޅިގެން ރައީސް މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް