ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 09:56
ގާނޫނީ ވަކީލު ހުސައިން ޝަމީމު
ގާނޫނީ ވަކީލު ހުސައިން ޝަމީމު
މުހައްމަދު ޝަރުހާން
ގާނޫނީ ވަކީލު ހުސައިން ޝަމީމް
ގާނޫނީ ވަކީލު ޝަމީމުގެ ސަސްޕެންޝަން އުވާލައިފި
ސަސްޕެންޑް ކުރީ މިމަހުގެ 13 ވަނަ ދުވަހު، ތިން މަސް ދުވަހަށް
ޝަމީމު ސަސްޕެންޑްކޮށްފައި ވަނީ އޭނާކުރި ޓްވީޓަކާ ގުޅިގެން
ޝަމީމަކީ މިފަހުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލު

މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޝަމީމު ސަސްޕެންޑް ކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުންނެވެ. ސަސްޕެންޝަން އުވާލައިފައިވާ ކަމަށް ޝަމީމަށް އަންގަވާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ޑިޕާޓުމެންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޝަމީމު ސަސްޕެންޑް ކޮށްފައި ވަނީ ޝަމީމުގެ ނަމުގައި ހިންގަމުން ގެންދާ ޓްވިޓަރ އެކައުންޓަކުން ޖުޑިޝަރީއާ ބެހޭ ގޮތުން ކޮށްފައިވާ ޓްވީޓަކާ ގުޅިގެން ކަމަށެވެ.

އެ ޓްވީޓާ ގުޅޭ ގޮތުން ޝަމީމުއާ ސުވާލު ކުރުމަށް ފަހު، އެ އަމަލަކީ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ 3.2 ގެ (ހ) އާ ހިލާފު އަމަލަކަށް ވާތީ، އެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ)ގެ ދަށުން ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގައި ވަކާލާތުކުރުން ތިން މަސް ދުވަހުގެ މުއްދަތަށް މަނާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޝަމީމު ގަވާއިދާ ހިލާފުވެ ކުރައްވާފައި ވަނީ ކޮން ޓްވީޓެއްކަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

މި މަހުގެ 13 ވަނަ ދުވަހު ޝަމީމު ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާއިރު ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާނެއް ވެސް ނަގާފައި ވެއެވެ.

ޝަމީމަކީ މި ފަހުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ވަކީލެވެ. އެގޮތުން މިހާތަނަށް ދެ ފަހަރެއްގެ މަތިން އޭނާ ސަސްޕެންޑް ކޮށްފައިވާއިރު، އެންމެ ފުރަތަމަ ފަހަރު ސަސްޕެންޑް ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އޭގެ ފަހުން ސަސްޕެންޝަން އުވާލައި ހުއްދަ ދިނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިއަހަރުގެ ޖެނުއަރީގައެވެ.

އޭގެ ފަހުން މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ވެސް އޭނާ ސަސްޕެންޑް ކުރިއިރު، އަނބުރާ ހުއްދަ ދީފައި ވަނީ ޖުލައި މަހުގައެވެ.

ޝަމީމް މަތީ ތައުލީމް ހާސިލް ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ. އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަކީ ޝަމީމާއެކު ކިޔަވާ ވިދާޅުވާން މިޞްރުގައި އުޅުއްވި ބޭފުޅެކެވެ.

މީގެ އިތުރުން ޝަމީމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުލްއުގޫބާތަށް އެންމެ ފަރިތަ އެއް ގާނޫނީ ވަކީލެވެ. ޝަމީމު ވަނީ ގާނޫނުލްއުގޫބާތަށް އަމަލު ކުރަން ފެށުމުގެ ކުރިންނާއި ފަހުން ވެސް އެ ގާނޫނަށް ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތަކެއް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް