ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 07:41
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު: ފޮޓޯ: ޓްވިޓާރ
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު: ފޮޓޯ: ޓްވިޓާރ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރުން ފަސްކުރަން އެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އަލީ ވަހީދު
އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ކަމަށް ރައީސް ޔާމީނާއި، އިލެކްޝަންސް ކޮމިޝަނުންނާއި، ޕީޕީއެމުން ވަނީ ގަބޫލުކޮށްފައި
އިންތިޚާބުގެ ނަތީޖާއާ މެދު ޕީޕީއެމްގެ މެމްބަރުން މާޔޫސްވިއަސް ރައްޔިތުންގެ އަޣުލަބިއްޔަތަށް އިހުތިރާމް ކުރަންޖެހޭ
އިންތިޚާބުގެ ނަތީޖާ ފަސްކުރަން އުޅުމަކީ ރާއްޖޭން ބޭރުގެ އެކި ޕްރެޝަރުތައް ކުރިމަތިވެ، މުޅި ގައުމުގެ ސުލްހަ މަސްލަސްކަން ގެއްލިގެންދާނެ

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކުރަން ޕީޕީއެމުން އިލެކްޝަން ކޮމިޝަނުގައި އެދިފައިވާތީ އެ ޕާޓީގެ ސުލޫކީ ކޮމިޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި އިސްކޮށް އުޅުއްވި އަލީ ވަހީދު މިހާރު އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިވެފައިވާއިރު، އިންތިޚާބުގެ ނަތީޖާ ފަސްކުރަން ޕީޕީއެމުން ހުށަހެޅި ހުށަހެޅުމާ ދެކޮޅު ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ނިމިގެން ދިޔަ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ކަމަށް ރައީސް ޔާމީނާއި، އިލެކްޝަންސް ކޮމިޝަނުންނާއި، ޕީޕީއެމުން ގަބޫލުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް ފެންނައިރު، މާފަހުން އިންތިޚާބުގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ، އީސީ އަށް މައްސަލަ ހުށަހެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނަ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއާ މެދު ޕީޕީއެމްގެ މެމްބަރުން މާޔޫސްވިއަސް ރައްޔިތުންގެ އަޣުލަބިއްޔަތަށް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ. ޒިންމާދާރުކަމާ އެކު، ސުލްހަ މަސްލަސްކަން ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ފަސްކުރަން އުޅުމަކީ ރާއްޖެއިން ބޭރުގެ އެކި ޕްރެޝަރުތައް ކުރިމަތިވާނެ ކަމެއް ކަމަށާއި، މުޅި ގައުމުގެ ސުލްހަ މަސްލަސްކަން ގެއްލިގެންދާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރާ ނަމަ، ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކުރުމަށް އެޕާޓީން މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބާ ގުރޫޕަށް ނިހާން ފޮނުވި މެސެޖުތަކެއް ސުކްރީން ޝޮޓްތަކެއް ސޯޝަލް މީޑިއާއަށް ވަނީ ލީކް ވެފައެވެ. މި މެސެޖުތަކުގައި ނިހާނު ވިދާޅުވެފައި ވަނީ ވޯޓުލެވޭ މީހުންގެ ގޮތުގައި ގެޒެޓްކުރި ލިސްޓްގައި ނަން އޮވެފައި، ވޯޓުލާން ދިޔަ އިރު، އެހެން ތަނެއްގައި ނަން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށެވެ. އަދި މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މި ފަދަ މައްސަލަތައް ހުރިތޯ ބަލައި، އެ މައްސަލަތައް ވީހާ ވެސް ޕާޓީއަށް ފޮނުވައިދިނުމަށް ނިހާން ވަނީ އެދިފައެވެ. 

އާދީއްތަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި 233،877 ފަރާތަކުން ވަނީ ނިކުމެ ވޯޓްލާފައެވެ. އެ ގޮތުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 134،616 ވޯޓް ލިބުނު އިރު، އެމަނިކުފާނާ ވާދަ ކުރެއްވި ރައީސް އަބްދުﷲ ޔާމީނަށް ލިބިފައި ވަނީ 96،132 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 03:53
އަހްމަދު
ހުސް ބޯވާ