ކ. މާލެ
|
18 އޮކްޓޯބަރ 2018 | ބުރާސްފަތި 11:17
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް
މުހައްމަދު ޝަރުހާން
ރިޔާސި އިންތިޚާބު 2018
ޗައިނާ އާއި ސައުދީން ވެސް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިޙަށް މަރުހަބާ ކިޔައިފި
ސައުދީ އާއި ޗައިނާ އިން ވަނީ ރައީސް ޔާމީނުގެ ސަރުކާރާ އެކު ގާތް ގުޅުމެއް ބާއްވާފައި

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހަށް ޗައިނާ އާއި ސައުދީ އަރަބިއްޔާ އިން މަރުހަބާ ކިޔައިފިއެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ ޗައިނާގެ ފޮރިން މިނިސްޓްރީ އިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި އެ މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއަންގް ވިދާޅުވީ، އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގައި ކާމިޔާބު ހޯއްދަވާފައި ވާތީ އިބޫ އަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ގެންގް ޝުއަންގް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކު ގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހި ވެގެން ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެ ގޮތުން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ރާއްޖެއާ އެކު އިތުރު ގިނަ މަސައްކަތްތަކެއް ހިންގޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ވެސް ގެންގް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި އިބޫ މިއަދު ވިދާޅުވީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ވެސް އެމަނިކުފާނާ ގުޅުއްވައި މަރުހަބާ ވިދާޅުވި ކަމަށާއި ކަންކަމުގައި އެއްބާރުލުން ދެއްވަން ތިއްބެވިކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ. ސައުދީ އަކީ ވެސް ރައީސް ޔާމީނުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ.

އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ، 58 އިންސައްތައާ އެކު ޖުމްލަ 134,616 ވޯޓު ކާމިޔާބު ކުރައްވައި ގެންނެވެ. މި ވޯޓުގައި މިހާރު ވެރިކަމުގައި ހުންނެވި އަދި ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ކެމްޕެއިން ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައި ގެންފައި ވަނީ 96،132 ވޯޓެވެ.

ޗައިނާ އިން އިބޫ އަށް މަރުހަބާ ކިޔާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް ބައްދަލު ކުރެއްވުމަށް ވެސް އިބޫ އަށް ދައުވަތު ދެއްވާފައި ވެއެވެ. އިބޫ ވަނީ އެ ދައުވަތު ގަބޫލު ކުރައްވާފަ އެވެ. މީގެ އިތުރުން އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިތުރުން އަވަށްޓެރި ސްރީ ލަންކާ އާއި އަދިވެސް އެތައް ގައުމަކުން ގެންދަނީ އިބޫ އަށް މަރުހަބާ ކިޔަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް