ކ. މާލެ
|
25 ސެޕްޓެންބަރ 2018 | އަންގާރަ 17:05
ވޯޓުލުމަށް ރައްޔިތުން ކިޔޫގައި
ވޯޓުލުމަށް ރައްޔިތުން ކިޔޫގައި
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
އިންތިޚާބުން ފެނުނީ ދިވެހިންގެ ކެތްތެރިކަން
ދިވެހި ރައްޔިތުން ދެއްކި ނަމޫނާއަށް ތައުރީފު ހައްގު

ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ދިވެހިން ރީތި ނަމޫނާ ދައްކުވައިދީފިއެވެ.

ހަލަބޮލިވާނެ ކަމަށް ބެލެވުނު އިންތިޚާބު، ފެށިގެން ނިމުނުއިރުވެސް ރައްޔިތުންގެ ކިބައިން ފެނުނީ ކެތްތެރިކަމެވެ. އިންތިޚާބުގެ ފޯރި ގަދަވެފައި އޮތަސް، ވޯޓު މަރުކަޒުތަކުން އެއްވެސް ހަމަނުޖެހުމެއް ފެނިފައެއް ނުވެއެވެ. އިންތިޚާބުގައި ވާދަކުރި ދެ ޕާޓީން ވެސް މަސައްކަތް ކުރަމުން ދިޔައީ ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނެރުމަށެވެ. ދެ ޕާޓީގެ އުއްމީދަކަށްވެސް ވެފައި އޮތީ އިންތިޚާބު ކާމިޔާބު ކުރުމެވެ. 

ކޮރަޕްޝަނާއި ފަސާދަ އަދި އަނިޔާވެރިކަން އިންތިޚާއަށް ގޮސް، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ކަންފަތިކުރަމުން ގޮސްފައިވާއިރު، ރައްޔިތުން އެދޭ ބަދަލު ގެނައުމަށްޓަކައި ރައްޔިތުން ތިބީ އިންތިހާއަށް ބޭނުންވެފައެވެ. އެހެންވެ، ވޯޓްލާން ގޮސްތިބި މީހުންގެ ސަފުގައި ކިތަންމެ އިރެއް ހޭދަކުރަންޖެހުނަސް އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޅަދަރިމައިންނަށް ފުރުސަތު ދިނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އިލެކްޝަންސް ކޮމިޝަންގެ ޓެބްލެޓްތައް ލަސްވެ، ވޯޓު ކިޔޫ ދިގު ވެގެން ދިޔަ އިރުވެސް ކިޔޫގައި ތިބި މީހުންގެ ހިތްހަމަ ނުޖެހުމެއް، ރުޅިވެރިކަމެއް، އަދި ހަމަނުޖެހުމެއް ނުދައްކައެވެ. އެންމެންވެސް އިސްކުރީ، ދިވެހިން އެދޭ ބަދަލު ގެނައުމަށްޓަކައި ކެތްތެރިކަމެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 263،135 މީހުން ތިބިއިރު، ވޯޓްލާފައި ވަނީ 233،877 މީހުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލައެއް، އަދި ޝަކުވާއެއްވެސް ލިބިފައި ނުވާއިރު އިންތިޚާބުގެ ކަންތައްތައް ދިޔައީ އަމާން އޮމާން ކަމާއެކުއެވެ. މި ނަމޫނާ ފެނިގެން ދިޔުމަކީ ހެޔޮ ބަދަލެކެވެ. ރައްޔިތުން ތަސައްވަރު ފުދިގެން އަންނަ ކަމުގެ ހެއްކެކެވެ. 

"ގާޒީ ސްކޫލުގެ ލައިންގައި ހަ ގަޑިއިރު ބައެއް މީހުން ތިބި. އެހެންވެ، ދެ މީހަކު އަނބުރައިގަނެގެން ވެއްޓުނު. ފަހުން އައިސް އަލުން ވޯޓުލީ އެއްވެސް ޝަކުވާއެއް ނެތި،" ގާޒީ ސްކޫލުގެ ކިޔުއެއްގައި ވޯޓުލުމަށް ގޮސް ހުރި މީހަކު ބުންޏެވެ.

މެލޭޝިއާގެ ކިޔޫގައިވެސް ބައެެއް މީހުން 6 ގަޑިއިރާއި 8 ގަޑިއިރު ހޭދަކުރަން ޖެހުނެވެ. ލަންކާގެ ކިޔޫގައި ބައެއް މީހުން 12 ގަޑިއިރު މީހުން ތިބެން ޖެހުނެވެ. އާންމު ގޮތެއްގައި ކިޔޫގައި ދެ ގަޑިއިރު ހޭދަކުރަން ޖެހުނެވެ.

ކިޔޫގައި ތިބެންޖެހުނު ވަގުތު ގިނަވެގެން ދިޔައިރު، ހެޔޮއެދޭ ބައެއް ފަރާތްތަކުން ފެނާއި ކާބޯތަކެތި ބަހަމުން ދިޔައެވެ. 

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ފަސްކަމުގައި ފުލުހުންގެ ދައުރު އޮތް ކަމަށް ތުހްމަތުކުރި ނަމަވެސް، މި ފަހަރު ފުލުހުންގެ ފަރާތުން ވެސް އެފަދަ ކަމެއް ފެނިގެން ނުދެއެވެ. ރައްޔިތުން އެދޭ ބަދަލު ގެނައުމަށް ފުލުހުން ވެސް ބޭނުންވިއެވެ. ނަމަވެސް މިފަހަރު އެފަދަ އެއްވެސް ކަމެއް ނުފެނެއެވެ. ވޯޓް މަރުކަޒުތަކާއި ރަށުތެރޭގައި ވެސް އަމާން ބަލަހައްޓަމުން ދިޔައެވެ. 

ދިވެހި ރައްޔިތުން ދެއްކި ނަމޫނާއަށް ތައުރީފު ހައްގެވެ. އައްސަރިބަހާއި ސާބަހެއެވެ. މިފަހަރުގެ އިންތިޚާބުން ފެނިގެން ދިޔައީ ދިވެހިންގެ އެއްބައެއް ވަންތަކަމާއި ކެތްތެރިކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް