ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 14:47
ރިޔާސީ އިންތިހާބުގައި މީހަކު ވޯޓުލަނީ
ރިޔާސީ އިންތިހާބުގައި މީހަކު ވޯޓުލަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވޯޓު ނުލާ މީހުންގެ އަދަދު 28،000 ވުރެ ގިނަ!
2013އަށް ވުރެ މިފަހަރު ވޯޓުނުލާ މީހުން ގިނަ
މިފަހަރު ވޯޓުލާން ނުކުތީ 88.8 ޕަސެންޓް މީހުން
2013ގައި ވޯޓުލާން ނުކުތީ 91.4 ޕަސެންޓް މީހުން

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުނުލާ މީހުންގެ އަދަދަށް ވުރެ މިފަހަރު އިންތިހާބުގައި ވޯޓުނުލާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން، 88.8 ޕަސެންޓް މީހުން ވަނީ ވޯޓު ދީފައެވެ. ނަމަވެސް 2013 ވަނަ އަހަރުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް އުޅެނީ 91.4 ޕަސެންޓުގައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މިދިޔަ އާދީއްތަ ދުވަހު ވޯޓު ނުލަނީ 28,258 މީހުންނެވެ. އެއީ 2013 ވަނަ އަހަރުގެ ފަހު ބުރުގައި ވޯޓު ނުލާ މީހުންގެ އަދަދަށް ވުރެ 37 ޕަސެންޓް އިތުރު އަދަދެކެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ނުލާ މީހުންގެ އަދަދަކީ 20,544 އެވެ.

މިފަހަރުގެ އިންތިހާބުގައި އަލަށް ވޯޓުލީ ޒުވާނުންގެ އަދަދު 24،000 ވުރެ ގިނައެވެ. އަދި 2013 ވަނަ އަހަރު އަލަށް ވޯޓުލީ ޒުވާނުންގެ އަދަދު 30،000 ވުރެ ގިނައެވެ.

އިންތިހާބު އޮބްޒާވްކުރި ފަރާތްތަކުން ބުނެފައި ވަނީ ވޯޓުނުލާ މީހުންގެ އަދަދު އިތުރުވެފައި ވަނީ ބައެއް މީހުންގެ އައިޑީ ކާޑު ގަތުމާއި ރީ ރަޖިސްޓްރޭޝަންގެ މައްސަލަތަކާއި އިންތިހާބާމެދު އިތުބާރު އުފެއްދިފައި ނެތުމުން ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބޮޑު ފަރަގަކުން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވީ ރައީސް އަބްދުﷲ ޔާމީނަށް ލިބުނު ވޯޓަށް ވުރެ، 38،523 ވޯޓުން ކުރި ހޯދައިގެންނެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އިބޫއަށް ލިބިވަޑައިގެންނެވީ 134،146 ވޯޓެވެ. އަދި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 95،623 ވޯޓުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް