ކ. މާލެ
|
17 އޮކްޓޯބަރ 2018 | ބުދަ 21:30
ހައްޔަރުކުރި އެސްއޯ ފުލުހުން މާލެއަށް ބާލަނީ
ހައްޔަރުކުރި އެސްއޯ ފުލުހުން މާލެއަށް ބާލަނީ
ޓްވިޓަރ
ބަންދުކުރި އެސްއޯ ފުލުހުން
ގޭ ބަންދުގައި ތިބި އެސްއޯ ފުލުހުންގެ މުއްދަތު މުރާޖައާ ކުރަން ކޯޓަށް ހުށަހަޅައިފި
ބަންދުގެ މުއްދަތު އެންމެފަހުން އިތުރުކުރީ މިމަހުގެ 14 ވަނަ ދުވަހު
މުއްދަތު ރިވިއު ކުރަން ހުށަހެޅީ ކްރިމިނަލް ކޯޓަށް

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ގޭބަންދު ގައި ތިބި ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންގެ ބަންދުގެ މުއްދަތު ރިވިއު ކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އެ މީހުންގެ ޤާނޫނީ ވަކީލު ނާޒިމް ޢަބްދުއް ސައްތާރު ވިދާޅުވީ ކުއްލި ޙާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ އެ މީހުންގެ ބަންދުގެ މުއްދަތު މުރާޖައާ ކޮށް ދިނުމަށް އެދި އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައިވާ އެސްއޯ ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ޝަރުތުތަކަކާ އެކު މިއަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކަމާ ގުޅުން ހުރި އެއްވެސް ފަރާތަކާ އެކު ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެޑްރެސް ބަދަލުވާ ނަމަ ކޯޓަށް އެންގުމަށެވެ.

ޖަލު ބަންދުގައި ތިބި އަށް ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފައި ވާއިރު، އެމީހުންގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ހިލާފު ވެއްޖެ ނަމަ އަލުން ޖަލަށް ބަދަލުކުރާނެ ކަމަށް ވެސް އަންގާފައި ވެއެވެ.

އޭގެ ފަހުން 30 ދުވަހުން 30 ދުވަހުން މުއްދަތު ޖަހަމުން ގޮސް އެންމެ ފަހުން މުއްދަތު ޖަހާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ހައްޔަރު ކޮށްފައިވާ ފުލުހުންގެ ތެރޭގައި ހިމެނެނީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިން އާއި، ސްޓޭޝަން އިނިސްޕެކްޓަރ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.

އެ ފުލުހުން މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ. ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމިކަން އަންގައި އެ ފުލުހުންނަށް ފޮނުވާފައިވާ ލިއުމުގައި ވާގޮތުން އެ ފުލުހުންގެ މައްޗަށް ތުހުމަތު ކުރަނީ އެ ފުލުހުން އިތުރު ބަޔަކާއި ބައިވެރިވެގެން، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ޤާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލަން އުޅުނު ކަމަށެވެ.

މިމައްސަލާގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ވެސް މަޤާމުން ވަކިކޮށް ފަހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ. ބަންދުގައި ހުރި އަރީފް ވަނީ ރޭ ދޫކޮށްލާފައެވެ. އެސްއޯ ފުލުހުންގެ މުއްދަތު މުރާޖައާ ކުރުމަށް ހުށަހަޅާފައި މިވަނީ ސިޔާސީ ހައްޔަރީން ދޫކޮށްލަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް