ކ. މާލެ
|
24 ސެޕްޓެންބަރ 2018 | ހޯމަ 05:52
އިންތިޚާބަށް ފަހު އުފާ ފާޅުކުރުމަށް ބޭއްވި އެއްވުމުގައި އިބޫ އާއި ފައިސަލް
އިންތިޚާބަށް ފަހު އުފާ ފާޅުކުރުމަށް ބޭއްވި އެއްވުމުގައި އިބޫ އާއި ފައިސަލް
މުހައްމަދު ޝަރުހާން
ިރިޔާސީ އިންތިޚާބު 2018
އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
ތާރީޚުގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ރިޔާސީ ކެންޑިޑޭޓަކަށް އިބޫ
އަތޮޅުތަކަށް ނިސްބަތްވާ ފުރަތަމަ ރައީސް
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ލޯތްބެއް

މިއަދު ބޭއްވި އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން އާ ވާދަކުރައްވައި، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވައިގެން ތާރީޚްގެ މުޅިން އާ ސޮފުހާއެއް ފައްޓަވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހިޔަނިފުޅުގައި، 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސިޔާސީ ހުރިހާ ވާދަވެރިންނާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންނާއި އާއިލާގެ ބޭފުޅުން ޖަލަށް ލާފައިވާއިރު، އިންތިޚާބުން ރައީސް ޔާމީން ބަލިވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރަނީ އެމަނިކުފާނުގެ މައްޗަށް ތުހްމަތުކުރާ އަނިޔާވެރިކަމާއި ހިޔާނާތާއި ފަސާދައިގެ އަމަލުތަކެވެ.

އިބޫ އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ ވަގުތީ ނަތީޖާ  ދައްކާ ގޮތުގައި 58 ޕަސެންޓު ވޯޓުންނެވެ. އެއީ 125000 އަށް ވުރެ ގިނަ ވޯޓެވެ. 

 

 
 
ވޯޓް ލުމަށް ގިނަ ބަޔަކު ކިޔޫގައި

މި ނަތީޖާއަކީ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބެއްގައި ކެންޑިޑޭޓަކަށް ލިބިވަޑައިގެންނެވި އެންމެ ގިނަ ވޯޓަށެވެ.  މި ކާމިޔާބީއާއެކު އިބޫ ވެގެންދާނީ ޖުމްހޫރީ ހަޔާތުގައި ރައީސްކަން ކުރައްވާ އަތޮޅުތަކަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއަށެވެ.

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އާއި ދެ ވަނަ ރައީސް އިބްރާހިމް ނާސިރާއި ތިން ވަނަ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ހަތަރު ވަނަ ރައީސް މުހައްމަދު ނަޝީދާއި ފަސް ވަނަ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ހަ ވަނަ ރައީސް އަބްދުﷲ ޔާމީނަކީ ވެސް މާލެއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ.

ދިވެހިރާއްޖޭގެ ހަތްވަނަ ރައީސުލްހުމްހޫރިއްޔާގެ ގޮތުން އިބޫ އާއި އެ މަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް މަގާމުގެ ހުވާ ކުރައްވާނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. މީގެ ކުރިން ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ހަމަވިޔަސް، ރައީސް ޔާމީންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17 އަށެވެ. އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތިން ބުރު ބޭއްވުން ފަސްވެގެން ދިއުމުންނެވެ.

 

އިންތިޚާބުގެ ކާމިޔާބީ އިއުލާނުކުރެއްވި ޕްރެސް ކޮންފަރެންސް އަށް ފަހު

ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހަށް، އެހެން ލީޑަރުން ތާއިދު ކުރައްވާފައިވާއިރު، މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސް ވުމަށް ގާނޫނީ ބާރު ގެނައުމަށް ވަނީ ނިންމަވާފަ އެވެ.

 

އިބޫ އަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ކިހިނެއް؟

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެ ވަކި ބޭފުޅެއްގެ ނަންފުޅު އިޢުލާން ކުރެއްވުމުގެ ކުރިން، އިބޫ ނިސްބަތްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވައިގެން ޓިކެޓް ހޯއްދަވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އޮތުމާއެކު، އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާނޭ ކަމުގެ ބިރާއެކު، ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫ އަށް ދިނުމަށް، އއ. އުކުޅަހުގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސްއިން ފާސްކުރި އެވެ.

އަދި ފައިސަލަށް ރަނިން މޭޓްކަން ލިބިވަޑައިގަތީ، ޖުމްހޫރީ ޕާޓީގެ ތެރޭގައި ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައެޅުމަށް އެ ޕާޓީގެ ކޮންގްރެސްގައި ވޯޓް ދެނީ

ތަރައްގީ އާއި އަނިޔާވެރިކަން.

ރައީސް އަބްދުﷲ ޔަމީނާ ދެކޮޅަށް އެންމެ ބޮޑަށް ތުހްމަތުކުރާ ވާހަކައަކީ އަނިޔާވެރިކަމާއި ހިޔާނާތާއި ފަސާދައިގެ މައްސަލަތަކެވެ. ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހްމަތު އޮތެވެ. އަދި ދިވެހި ތާރީޚުގައި އެންމެ ބޮޑު ޚިޔާނާތެއް ހިންގާފައި ވަނީ މި ސަރުކާރުން ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގެންފައިވާއިރު، އެ މަނިކުފާނު ތުހްމަތު އެ ކުރެއްވި އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ޑޮލަރުގެ ތެރެއިން އެ މަނިކުފާނުގެ އެކައުންޓަށާއި ގެއަށް ފައިސާ ވެދެފައިވާ ކަމަށް ތުހްމަތުކުރެ އެވެ. އަދި އެކަމަށް އަމިއްލަފުޅަށް އިޢުތިރާފުވެ ވަޑައިގަންނަވާފައިވާ އިރު، އެ ތުހްމަތުތައް ފަހުން އެ މަނިކުފާނު ތަކުރާރުކޮށް ދޮގުކުރައްވަ އެވެ.

ރައީސް އަބްދުﷲ ޔަމީނަށް ތާއިދު އިތުރުކުރެއްވުމުގެ ގޮތުން އެ މަނިކުފާނު ދައްކަވަނީ ބްރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ޓަވަރާއި މާލޭގެ ރިންގް ރޯޑާއި ހުޅުމާލޭ 2 ވަނަ ފިޔަވަހި އެވެ. މީގެ އިތުރުން ރަށްރަށުގައި ހަދާފައިވާ މަގުތަކާއި ބަނދަރުތަކެވެ. ކޮންކްރީޓުގެ ތަރައްޤީ ކަމަށް ބުނާ ކަންކަމެވެ.

އިބޫގެ ފުރަތަމަ ދުވަސް

ވެރިކަމަށް ހޮވިވަޑައިގަތުމަށް ފަހު އިބޫ ކުރައްވާނެ ފުރަތަމަ ތިން ކަންތައް

  1. ސިޔާސީ ހައްޔަރީން މިނިވަންކުރުން
  2. ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން މަސައްކަތް ފެށުން
  3. ސުވާލު އުފެދިފައިވާ މަރުގެ މައްސަލަތަކުގެ ތަހްގީގު އަލުން ފެށުން

 

ކެމްޕޭނުގައި އިބޫ މިސްޓޭކެއް ނުހައްދަވާ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިބޫ އާއި ފައިސަލް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފައިވާއިރު، އިބޫ އެކަނި 154 ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވެވި އެވެ. ރިޔާސީ ކެމްޕޭނުގައި ރައީސް ޔާމީން، ކެމްޕޭން ދަތުރުތަކުގެ ބަދަލުގައި ދައުލަތުގެ ޚަރަދުގައި ވަޑައިގެންނެވީ މަޝްރޫއުތައް ފެއްޓެވުމަށާއި އިފްތިތާހްކުރެއްވުމަށެވެ. ރައީސް ޔާމީންގެ ގިނަ ވާހަކަފުޅުތަކުން އެ މަނިކުފާނަށް ގިނަ ފާޑުކިޔުންތަކެއް އައިސްފައިވާއިރު، އިބޫ މުޅި ކެމްޕެއިން ނިންމަވާލެއްވީ ރައްދުގައި ހަމަލާތަކެއް ނުދެއްވައި ސިޔާސަތުތައް ހާމަކުރައްވަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 ސެޕްޓެންބަރ 2018 | ހޯމަ 07:11
ޝާން
އިބޫ އަށް ވެދުން ސަލާމް. އެއްވެސް ހާލެއްގައި ޔާމީނާއި ޑީލް ހަދާ ޔާމީން ރާއްޖެ ދޫކޮށްދާން ނުވަތަ ޔާމީން ހިންގި ޖަރީމާތަކަށް ޖަވާބުދާރީ ނުކޮށް މައާފުދީ ދޫނުކުރުމަށް ދިވެހި ރައްޔަތެއްގެ ހައިސިއްޔަތުންނާއި އިބޫ އަށް ވޯޓް ދިންމީހެއްގެ ހައިސިއްޔަތުން އިލްތިމާސްކުރަން. އިބޫ ވެފައިވާ ވައުދާއި އެއްގޮތަށް ބައިތުލްމާލުން ވައްކަންކުރި އަދި ކަރަޕްޝަން ގެ އަމަލެއް ހިނަގާފައިވާ ކޮންމެ މީހަކު އެެކަމަށް ޖަވާބުދާރީ ކުރުވުމަށް ވެސް އެދި ދަަންނަވަން.