ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 21:11
ތިނަދޫ އެމްއެންޔޫ ކެމްޕަސްގައި ގާއިމުކޮށްފައިވާ އިންތިހާބުގެ މަރުކަޒު ކައިރީގައި ޖަނަރޭޓަރެއް
ތިނަދޫ އެމްއެންޔޫ ކެމްޕަސްގައި ގާއިމުކޮށްފައިވާ އިންތިހާބުގެ މަރުކަޒު ކައިރީގައި ޖަނަރޭޓަރެއް
ޙުސައިން ޙަސަން
ރިޔާސީ އިންތިހާބު 2018
ކަރަންޓް ކަނޑާލަފާނެތީ ތިނަދޫ އަލިކުރަން ރައްޔިތުން ތައްޔާރުވެފައި
އެ މަސައްކަތަށް ޓީމުތަކެއް ވަނީ ހަދާފައި

ރިޔާސީ އިންތިހާބުގެ ވޯޓު ގުނަމުންދާ ވަގުތު، ގދ. ތިނަދޫ އިން ކަރަންޓް ކަނޑާލަފާނެތީ ރައްޔިތުންގެ އަމިއްލަ ހަރަދުގައި ޖަނަރޭޓަރުތަކާއި އެމެޖެންސީ ލައިޓްތައް ތައްޔާރީ ހާލަތަކަށް ގެނެސްފިއެވެ.

ހުވަދޫގެ އެންމެ އާބާދީ ބޮޑު ރަށް، ތިނަދޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަފާނެތީ، ވޯޓުލާ މަރުކަޒުތައް އަލިކުރުމަށްޓަކައި ބައެއް އާލާތްތައް މަރުކަޒުތަކުގެ ކައިރިއަށް ގެންދަނީ ޖަމާ ކުރަމުންނެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގެ ތިނަދޫ ކެމްޕަސް ކައިރި އަށް ޖަނަރޭޓަރެއް ވަނީ ގެންގޮސްފައެވެ. އަދި ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި ވަގުތުން އެ ސަރަހައްދު އަލިކުރެވޭ ގޮތަށް އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި ވޯޓު ގުނުން ކުރިއަށް ގެންދިއުމަށްޓަކައި ބައެއް ސަރަހައްދުތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމެޖެންސީ ލައިޓުތައް ފޮނުވާފައެވެ. އެގޮތުން އޮފިޝަލުންނަށް ފޮނުވި އިދާރީ ތަކެއްޗާ އެކު، ގިނަ އަދަދެއްގެ އެމެޖެންސީ ލައިޓުތައް އެކި ސަރަހައްދުތަކަށް ވަނީ ފޮނުވާފައެވެ. ނަމަވެސް ވޯޓުލާ ހުރިހާ މަރުކަޒުތަކަކަށް އެމެޖެންސީ ލައިޓް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައެއް ނުވެއެވެ.

ތިނަދޫގައި ތިބި "ރާއްޖެއެމްވީ"ގެ ނޫސްވެރިންނަށް މައުލުމާތު ދެމުން އެ ރަށު މީހަކު ބުނީ އިލެކްޝަނުން ބޭނުން ވެއްޖެ ކޮންމެ ހާލަތެއްގައި އެ ރަށުގެ ވޯޓުލާ މަރުކަޒުތަކަށް އެހީތެރިވެދިނުމަށް ޓީމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ޕާޓީތަކުގެ ހަރަދުގައި އެފަދަ މަރުކަޒުތައް "އަލިކޮށް" ބެލެހެއްޓުމަށް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން ޖަނަރޭޓަރާއި އެމެޖެންސީ ލައިޓުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް