ކ. މާލެ
|
22 ސެޕްޓެންބަރ 2018 | ހޮނިހިރު 23:22
އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު
އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދަނީ ކޮމިޝަންނާއި ރައްޔިތުންނާ ދެމެދު އޮންނަން ޖެހޭ ގާތްކަން ނެތުމުން: ފުވާދު
ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައްޔިތުންނަށް ނޭނގޭ
ޓެބްލެޓް މެދުވެރިކޮށް ވޯޓު އޮޅުވައެއް ނުލެވޭނެ
ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުން ކުރުން މުހިންމު

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާ މެދު ރައްޔިތުން ސުވާލު އުފައްދަނީ ކޮމިޝަންނާއި ރައްޔިތުންނާ ދެމެދު އޮންނަން ޖެހޭ ގާތްކަން ނެތުމުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ފުވާދު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މަސައްކަތްކުރަނީ މީޑިއާއާ ދުރުގައި ކަމަށާއި، ކޮމިޝަން މަސައްކަތްތައް ކުރިއަށްދާ ގޮތް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.

ޓެބްލެޓް މެދުވެރިކޮށް ވޯޓު އޮޅުވާލާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ފުވާދު ވިދާޅުވީ ގާނޫނުގައި އޮންނަ ގޮތަށް ޓެބްލެޓް ބޭނުން ކުރާ ނަމަ ވޯޓު އޮޅުވާ ނުލެވޭނެ ކަމަށެވެ. ފުވާދު ވިދާޅުވީ ނަތީޖާ ޓެބްލެޓަށް އެންޓާރ ކުރާނީ މާފަހުން ކަމަށާއި، ވޯޓު ގުނުމަށް ފަހު ރައްޔިތުންނަށް ފެންނަ ގޮތަށް އެތާނގައި ނަތީޖާ ޝީޓު ބަހައްޓަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފުވާދު ވިދާޅުވީ ވޯޓުލުމަށް ގޮސް ވޯޓުބޫތުގައި ދެމިނެޓަކަށް މަޑުކުރަން ނުޖެހޭ ކަމަށާއި، ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކަށް ބަދަލު ނާންނާނެ ކަމަށެވެ. ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަށް ބަދަލު އަންނާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ދޮގު ކަމަށާއި، އެއީ ރައްޔިތުން މާޔޫސްކުރުމަށް ފަތުރާ ވާހަކަތަކެއް ކަމަށް ވެސް އެނާ ވިދާޅުވިއެވެ. ވޯޓުލުމަށް ބޮޑު ކިޔުއެއް އޮންނައިރު ވޯޓުލާ ބޫތުގައި މަޑުކުރާ ނަމަ ކިޔު ދިގުވެ އެކަމުގެ ދަތިކަން އެންމެނަށް ފޯރާނެ ކަމަށް ވެސް ފުވާދު ވިދާޅުވިއެވެ.

ވޯޓުލުމުގައި ރައްޔިތުން ސަމާލުވުމަށް ދޭންޖެހޭ ކަންތައްތަކަށް އަލިއަޅުއްވާލައްވައި ފުވާދު ވިދާޅުވީ ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުން ކުރުން ވެސް މުހިންމު ކަމަށާއި، ފާހަގަ ޖަހާއިރު ގޮޅީގެ ތެރޭގައި ރަނގަޅު ފާހަގައެއް ޖެހުމުން ރަނގަޅުވާނެ ކަމަށެވެ. ވޯޓުލުން ފެށުމާއެކު ވީހާ ވެސް އަވަހަށް ވޯޓުލާން ދިއުމަށް އެދޭ ކަމަށް ވެސް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ މިކަންކަމަށް ސަމާލުކަން ދީފިނަމަ ދެން ހުރި ކަންކަން ރަނގަޅުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް