ކ. މާލެ
|
22 ސެޕްޓެންބަރ 2018 | ހޮނިހިރު 15:49
ފުވައްމުލަކު ސިޓީ
ފުވައްމުލަކު ސިޓީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިޚާބު: ފުވައްމުލަކު ރައްޔިތުން ގޮތެއް ނިންމައިފި!
ވޯޓުލުމުގެ ހައްގު 7426 މީހުންނަށް ލިބިފައިވޭ
ފުވައްމުލަކު ސިޓީގައި 10 ވޯޓު ފޮށި ބަހައްޓާނެ
މާލޭ ސިޓީގައި ދެ ވޯޓު ފޮށި ފުވައްމުލަކު ރައްޔިތުންނަށް ބެހެއްޓޭނެ

ޏ. ފުވައްމުލަކުން ސަނާ މުހައްމަދު

ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ތަފާތު އެއް އަތޮޅަކީ ފުވައްމުލަކެވެ. ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުގެ އިތުރުން ރަށުގެ ރައްޔިތުންނަކީ ވެސް އަމިއްލަ ވަންތަ ގޮތްތަކެއް ލިބިފައިވާ ބައެކެވެ. ރަށުގެ އާބާދީގައި 13،000 މީހުން ހިމެނޭ އިރު ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 7،426 މީހުންނަށެވެ. މާލޭގައި ފުވައްލުމަކު ސިޓީއަށް ނިސްބަތްވާ 1،700 މީހުން ވޯޓުލާ އިރު އެސިޓީގައި  ތިބެ 5،726 މީހުން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާނެއެވެ. ދަނޑިމަގު، ދިގުވާންޑު، ހޯދަޑު، މާދަޑު، މާލެގަން، މިސްކިތްމަގު، ފުނާޑު އަދި ދޫޑިގަން އަވަށުގެ ރައްޔިތުން ވެސް ތިބީ މާދަމާގެ ވޯޓަށް ފިސާރި ތައްޔާރުވެގެންނެވެ. ފުވައްމުލަކު ސިޓީގައި 10 ވޯޓު ފޮށި ބަހައްޓާއިރު މާލޭގައި އެސިޓީގެ ރައްޔިތުންނަށް ހާއްސަ ދެ ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެ.

އިންތިހާބާ ގުޅޭ ގޮތުން އެރަށުގެ ރައްޔިތަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި، މާދަމާ ވޯޓުލާއިރު އެންމެ ބޮޑު ތާއީދެއް ލިބިގެންދާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ކަމަށެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް 45 ޕަސެންޓް ޕީޕީއެމް އަށް ވެސް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ދެ ކެންޑިޑޭޓަށް ވެސް ތާއިދު ހޯދުމަށް ފޯރިއާ އެކީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު ފިޔާތޮއްޓާއި ރީންދޫ ޖަގަހަތަކުން ވެސް ލައުޑް ސްޕީކަރުގައި ކެންޑިޑޭޓުންނަށް ސަނާ ކިޔުން ވަނީ ގަދަވެފައެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކި ފުވައްމުލަކު ރައްޔިތަކު ކިޔައިދިން ގޮތުގައި، ރައީސް އަބްދުﷲ ޔާމީނަށް ވޯޓުދިނުމުގެ އެއްވެސް ވިސްނުމެއް ނެތެވެ.

"އެންމެ ފަހުން ރައީސް ޔާމީން ވަޑައިގެން މިރަށުގައި ކުރައްވާނެ އެއްވެސް ކަމެއް ވިދާޅެއް ނުވޭ. މި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މިރަށަށް މާބޮޑު ކަމެއް ކޮށްދީފައެއް ނުވޭ. ފުޓްސަލް ކުދި ކުދި ދަނޑުތަކެއް އެޅުން ފިޔަވާ ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް،" ހިންހަމަނުޖެހުމާ އެކު ކިޔައިދިނެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކި އެހެން މީހަކު ކިޔައިދިން ގޮތުގައި ވޯޓުދޭން ބަލާއިރު ފުވައްމުލަކަށް ތަރައްގީ ގެންނާނެ ވެރިއަކު ބޭނުންވެއެވެ.

"ހުޅުމާލެ ފަދަ ތަންތަން ނުލާހިކު ފާސްޓްކޮށް ތަރައްގީ ކުރަނީ. މިރަށަކީ ބޮޑު ރަށެއް. ސިޓީއެއް. އެކަމަކު ސިޓީއަކަށްވީ ނަމުން. އާބާދީވެސް ބޮޑު ރަށެއް. އެކަމަކު ނަރުދަމާއެއް ވެސް ގާއިމް ކުރެވިފައެއް ނެތް،" ފުވައްމުލަކު ރައްޔިތަކު ކިޔައިދިނެވެ.

ފުވައްމުލަކު ސިޓީގައި އަލަށް ވޯޓުލާ ޒުވާނަކު ކިޔައިދިން ގޮތުން ވޯޓުލުމަށް މާބޮޑު ޝައުގެއް ނެތް ކަމަށެވެ.

"އަސްލު ފުވައްމުލަކަށް ނެތް އެއްވެސް ވަރަކަށް ކަމެއް ކޮށްދީފައެއް. ދެން  އަސްލު ހިތަށް އަރާ ލާރިއަށް ވޯޓު ވިއްކާލާނީއޭ ވެސް. އެފަދަ ބައެއް އޮފަރތައް މިހާރު ޕާޓީތަކުން އެބައާދޭ،" އޭނާ ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި ވޯޓު ވިއްކުން ރަށު ތެރޭގައި ކޮންމެވެސް ވަރަކަށް ހިނގަމުން އެބަދެއެވެ. އެގޮތުން ވަކި ކެނޑިޑޭޓަކަށް ވޯޓު ދީފި ނަމަ ފައިސާ ދިނުމަށް ޝަރުތުކުރާ ކަމަށެވެ. އަދި އެގޮތަށް ވޯޓުލާ މީހާ ވޯޓުލީކަން ކަށަވަރު ކުރުމަށް ވަކި ކަންތައްތަކެއް ކުރުމަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އިންތިހާބުގެ ފޯރީގައި އެންގެ ގިނަ އަދަދެއްގެ ޒުވާނުން ތާއީދު ކުރާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް. ތަންކޮޅެއް ހަރު އުމުރުގެ މީހުން ޔާމީނަށް ތާއީދު ކުރަނީ،" މީހަކު ކިޔާދިނެވެ.

ރަށުގައި އިންތިހާބުގެ ފޯރި ގަދަވި ނަމަވެސް، ފިކުރު ތަފާތު ވެގެން މިރަށުގައި ހަމަނުޖެހުން ނުހިނގާ ކަން ފާހަގަކުރެވެއެވެ. ރަށުގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި ވޯޓުގެ ފޯރިއާ އެކުގައި ހަމަނުޖެހުން އުފައްދައި، ގުޅުން ކަނޑާލުމަކީ ކުރާނެ ކަމެއް ނޫނެވެ.

ކޮންމެއަކަސް އިންތިހާބަހަށް 24 ގަޑި އިރަށް ވުރެ ކުޑަތަންވެފައިވާ އިރު ރަށުގައި ވޯޓުލުގެ ހައްގު ލިބިފައިވާ ގިނަ ބަޔަކު ވޯޓުލުމަށް ވަނީ ތައްޔާރުވެފައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް