ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 17:38
އެއަރޕޯޓްގައި ހުންނަވައި ޝެއިޚް އިލްޔާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އެއަރޕޯޓްގައި ހުންނަވައި ޝެއިޚް އިލްޔާސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
އަދިވެސް ދައްކަން ގިނަ ވާހަކަތަކެއް އެބަހުރި
ރައީސް މައުމޫނަށް އެންމެ ބޮޑު އަދަބު ދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް ޝަހީމް ވިދާޅުވި

ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުވާކުރައްވައި ވިދާޅުވި ކަމަށް އައްޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

މެލޭޝިއާއަށް ވަޑައިގަންނަވަން، މިއަދު ހެނދުނު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން، އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އެނގިވަޑައިގަތުމާއި ގުޅިގެން އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝެއިޚް އިލްޔާސް ވިދާޅުވީ ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ހުވާކުރައްވައި ޝެއިޚް ޝަހީމް ވިދާޅުވެފައިވާ ކަމަށާއި، އަދި އެ މައްސަލަ އެގޮތަށް ރައީސް ޔާމީން ނިންމަވައިފި ނަމަ މަޤާމުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އޭރު ޑރ. ޝަހީމް ހުންނެވީ އިސްލާމީކް މިނިސްޓަރުކަމުގެ މަޤާމުގައެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ ކާނަލް ނާޒިމްގެ މައްސަލައިގައި ވެސް ކަންތައް ހިނގާފައިވާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަން މިއަދު މަޖުބޫރުވީ ހާލަތު ދިމާވި ގޮތުން ކަމަށެވެ. އަދިވެސް ދައްކަވަން ގިނަ ވާހަކަތަކެއް ހުރި ކަމަށާއި، ކަންތައްތައް ދާ ގޮތުން އެ ވާހަކަތައް މިއަދު ހަވީރުން ފެށިގެން ހާމަކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ކައިރީގައި އަޅުގަނޑުގެ އަޚް ޑރ. ޝަހީމް ހުވާކޮށްފައި ވިދާޅުވީ، ފްރޭމްކޮށްފައި އޮތް މައްސަލައެކޭ، ތިމަންނަ މި މައްސަލަ މިގޮތަށް ނިންމައިފިއްޔާ ވަގުތުން އިސްތިއުފާ ދޭނަމޭ އެންމެ މިނިޓަކަށް ނުހުންނާނަމޭ. މިހާ އަނިޔާވެރި ބަޔެކޭ، ހަންޑްރެޑް ޕަސެންޓް ރޭވުމެއްގެ ދަށުން ކުރާ ކަމެކޭ،" އިލްޔާސް ވިދާޅުވިއެވެ.

ޝަހީމްގެ ބަސްމަގު މިއަދު ބަދަލުވެފައިވާ ކަމަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވީ ޖަލުގައި ހައްޔަރުކޮށްފައިވާ ލީޑަރުންގެ ތެރެއިން އެއްވެސް ލީޑަރަކަށް ނު ދޭނެ ފަދަ "ގަދަފަދަ އަދަބު" ރައީސް މައުމޫނަށް ދެއްވާނެ ކަމަށް ރައީސް ޔާމީން އޭނާގެ ގާތް އަޚަކު ކައިރީ ވިދާޅުވެފައިވާ ކަމަށް ޝަހީމް އިލްޔާސް ގާތު ވިދާޅުވެފައިވާ ކަމަށެވެ.

މި ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާ ކަމަށް ޝެއިޚް ޝަހީމް ވިދާޅުވަމުން ގެންދެވި ކަމަށެވެ. ޝަހީމަށް ކެރިވަޑައިގަންނަވާ ނަމަ، އެ ވާހަކަތައް ވިދާޅުނުވާ ކަމަށް އާންމުންގެ ކުރިމަތީގައި ހުވާކުރައްވައި ޑރ ޝަހީމް ވިދާޅުވާން ކެރޭނެތޯ އިލްޔާސް ވަނީ ވިދާޅުވެފައެވެ.

ޝެއިޚް އިލްޔާސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ "އަނިޔާވެރިކަމުގެ" ވާހަކަ ޝަހީމް އެތައް ފަހަރަކު ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ އެ "އަނިޔާވެރި" ސަރުކާރުގެ ދިފާއުގައި ހުންނަވަނީ ކީއްވެތޯ އިލްޔާސް ވަނީ ސުވާލު އުފައްދަވާފައެވެ.

ޝެއިޚް އިލްޔާސްގެ މި ތުހުމަތުތަކާ ގުޅޭ ގޮތުން ޑރ. ޝަހީމްގެ ބަހެއް ހޯދުމަށް ފޯނު ކުރުމުން ފޯނަށް ޖަވާބުނުދެއްވާތީ އާއި އަދި މެސެޖަށް ވެސް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން، ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އައްޑުއަތޮޅުގެ ގަމުން ފުރައިގެން ލަންކާ މަގުން މެލޭޝިޔާއަށް ފުރާވަޑައިގަތުމަށް އެއަރޕޯޓަށް ވަޑައިގެންނެވުމުންނެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ޝެއިޚް އިލްޔާސް ދެއްކެވި ވާހަކަތަކަކާ ގުޅިގެން ފުލުހުން ވަނީ ޝެއިޚް ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ. އޭރު ޝެއިޚް ހުންނެވީ މެލޭޝިޔާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
22 ސެޕްޓެންބަރ 2018 | ހޮނިހިރު 10:34
މަރޭ
އިލިޔާސުމެން ސޭހުންނޭ ކިޔަސް ފެންވަރު މިހުރީ. އެކުވެރިން ނާއެކު ދެކެވިފަ ހުރި ވަހަކަތަށް ވެސް ހިފަހަށްޓާ ލުމުގެ ހިތްވަރެއް ނެތް..