ރިޔާސީ އިންތިޚާބުގެ ކަވަރޭޖަށް ހދ ކުޅުދުއްފުއްޓަށް ދާން ތައްޔާރުވެގެން ގެއިން ނުކުތީވެސް ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. އޮފީހަށް ވަންތަނުން ކައުންޓަރުން ޓިކެޓް ދިއްކޮށްލީމާ އަރާ ނަރުގަނޑުކޮޅުގައި ޖެހޭ ވަރުވިއެވެ. ޓިކެޓް ނަގާފައި އޮތް ތަނުގެ ސަބަބުންނެވެ. އުތުރަށް މޫސުމް ގޯސްވަރު ހިތަށް އަރާފައެވެ. ސީދާ ކުޅުދުއްފުށީ އެއަރޕޯޓަށް ދެވެން އޮއްވައި ހަނިމާދޫއަށް ގޮސް ގަދަ ކަނޑެއް ހުރަސްކޮށްފައި ކުޅުދުއްފުއްޓަށް ދާން ޖެހޭތީއެވެ.
އައި ރުޅީގައި ވަގުތުން އެޗްއާރު މެނޭޖަރަށް ގުޅައިފީމެވެ. ފޯނު ހަމަ ނެގުމާއެކު ބުނެވުނީ މީދެން މީހުން ކަންކުރާ ގޮތް ހެއްޔޭއެވެ. ގައިމު އޮފީހަށްވެސް ޚަރަދު ބޮޑުވާނެ ނޫންހޭ އިތުރު ލޯންޗެއްވެސް ހިފަން ޖެހޭނެ ނޫންހޭބުނެ ތިޔައޮތީ ތިކަން ކުރެވިފައޭވެސް ބުނެފީމެވެ. އެޗްއާރު މެނޭޖަރަށްވެސް ހުރީ ވާނުވާ ނޭނގިފައެވެ. ފަތިވަރު އަމުނާލީމާ އޭނާ ބުނީ ވެގެން ތިއުޅެނީ ކީއްހެއްޔޭއެވެ.
ކުޅުދުއްފުށީގައި އެއަރޕޯޓެއް އޮއްވާ ހަނިމާދޫއަށް ޓިކެޓް ނެގިއިރު ވީގޮތެއް ނޭނގޭހޭ އަހައިފީމެވެ. އެޗްއާރު މެނޭޖަރުވެސް ކުރީ ސުވާލެކެވެ. ކުޅުދުއްފުށީ އެއަރޕޯޓެއް އެބައޮތް ހެއްޔޭއެވެ. އާއެކޭ ރައީސް ޔާމީން ތެމިފޯވެގެން ހުރެ އެއަރޕޯޓް ހުޅުވައިފިއޭ ވަކިކޮޅަކަށް ޖެހުނަސް ތިޔައީ ބޮޑުވަރޭވެސް ބުނެފީމެވެ. އަނެއްކާވެސް އެޗްއާރުން ކުރީ ސުވާލެކެވެ. ތިޔަ އެއަރޕޯޓުގެ ޓިކެޓް ވިއްކާ އޮފީހެއް ދައްކަބަލާށެވެ. ކުޅުދުއްފުޓަށް މީހުން ގޮވައިގެން ދާން ހަމަޖައްސާފައި އޮތް ފްލައިޓެއް ދައްކަ ބަލާށެވެ.
ގަޑި ޖެހޭތީ އިތުރަށް ޒުވާބުކުރަން ނޫޅެ ފޯނު ކަނޑާލާފައި އެއަރޕޯޓަށްދާން ނައްޓާލީމެވެ.
ޗެކިންގ ކައުންޓަރަށްގޮސް އެތާނގައި އިން މަންޖެ ގާތުގައިވެސް އަހައިފީމެވެ. ކުޅުދުއްފުއްޓަށް ދާ ފްލައިޓަކުން ޖާގައެއް ނެތް ހެއްޔޭ ބުނެފީމެވެ. އެމަންޖެވެސް ރަކިގޮތަކަށް ހީލާފައި ބުނީ މާ މަޖާ ވާހަކައެކެވެ. ކުޅުދުއްފުށީގައި ޖައްސާފައި ހަނިމާދޫއަށް ލަގެޖް ބަލާ ދާ ގޮތަށް ފޮނުވާލަ ދީފާނަމެވެ. އެމަންޖެގެ ލާނެއްކަމާހުރެ އިތުރަށް އެއްޗެއް އަހާކަށް ނުކެރުނެވެ.
ޗެކިން ނިންމާލާފައި އެންބުރިލިތަނުން އެއަރޕޯޓުގައި އުޅޭ ރައްޓެއްސަކާ ދިމާވުމުން ގާތްވެލާފައި އަހައިފީމެވެ. މިއަދު ކުޅުދުއްފުށީ ފްލައިޓްތައް ފުލްވީ ހެއްޔެވެ. އޭނާވެސް ބުނީ ކޮންތާކު އޮތް އެއަރޕޯޓެއް ހެއްޔޭއެވެ. ރައްޔިތުންނަށްޓަކައި ބޯ ވާރޭގައި ހުންނަވައިގެން ރައީސް ޔާމީން އެރަށުގައި އެއަރޕޯޓް ހުޅުވައިދެއްވައިފިއެވެ. އަހަރެން އެޚަބަރުވެސް ހެދީމެވެ. ކުޅުދުއްފުށީ މީހުންވެސް ތިބީ އުފަލުން ފޮޅިފައޭވެސް އޭގައި ލިޔުނީމެވެ.
އޭނާ ބުނީ އެއީ އެއަރޕޯޓެއް ނޫނެވެ. އެއީ ތާރުއެޅި މަގެކެވެ. ރަންވޭއަކަށް އަދި އެއަރޕޯޓެއް ނުކިޔާނެކަމަށްވެސް އޭނާ ބުންޏެވެ. އެތަނުގައި ޓަރމިނަލެއް އެބަހުރިތޯއާ ޓަވަރެއް ހުރިތޯވެސް އޭނާ އެހިއެވެ. އެސެކިއުރިޓީ ޗެކް ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. ލަގެޖް ބާލާ ދޫކޮށް އަރުވާ ހަދާނެ ތަނެއް ނެތެވެ. އެއަށްވުރެ ބޮޑަށް ފްލައިޓަށް ތެޔޮ އެޅޭނެ ގޮތަކާ އަލިފާނުގެ ހާދިސާއެއް ހިނގައިފިއްޔާ ޚިދުމަތްދޭނެ ތަނެއް ނެތި އެއަރޕޯޓަކަށް ނުވާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އެތެރޭގެ އުދުހުންތަކަށް މިގެންގުޅޭ ވަރުގެ ފްލައިޓަކީ ވިނަގަނޑުމައްޗަށްވެސް ޖެއްސޭވަރުގެ އެއްޗެހި ކަމަށެވެ. މަޖީދީމަގުންވެސް ޖާގަ ލިބެންޏާ އެތަނަށްވެސް ޖެއްސިދާނެ ކަމަށެވެ. އެކަމަކު އޭރަކުން އަދި އެއީކީ އެއަރޕޯޓެކޭ ނުކިޔާނެ ކަމަށެވެ.
ކޮންމެއަކަސް ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅައިފިއެވެ. ޓެސްޓް ފްލައިޓް ޖެއްސިތާ ދެވަނައަށްވީ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެން ރަސްމީކޮށް އެއަރޕޯޓް ހުޅުވަންވެސް ހުޅުވީއެވެ. ރައީސް ޔާމީން ކަންކުރައްވަންވީމާ ކޮންމެ ކަމެއްވެސް ކުރައްވަން ވީއެވެ. ސިވިލް އޭވިއޭޝަންގެ ހަމަތަކަކާއި ހުންނަންވީ ވަކި ފެންވަރުތަކެއް އަދި ކޮންމެހެންވެސް ފުރިހަމަވާންޖެހޭ ވަކި ކަންތައްތަކެއް ހުރެއެވެ. ކުޅުދުއްފުށީގައި ހުޅުވި އެއަރޕޯޓުގައި އެއިން އެއްވެސް ކަމެއް ނެތެވެ. ހަމައެކަނި ތާރު އެޅި ރަންވޭ ގަނޑެކެވެ. އެފަދަ ތަނަކަށް ބޯޓު ޖައްސައި އަދި އެއީ އެއަރޕޯޓެކޭ ބުނެ ހުޅުވި ގޮތަކާމެދުވެސް ސުވާލު އުފެދެއެވެ.