ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 11:25
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވާހަކަދައްކަވަނީ
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ރައީސް ޔާމިންގެ ފަހަތުގައި ތިބީ ފީ ދޮންކޭލާއި، ބާ ޓިނު: ރޮޒެއިނާ
ރައީސް ޔާމީންނާއި މިސަރުކާރުގެ އާނިޔާވެރިކަން ރައްޔިތުންނަށް އޯކޭއެއް ނޫން
ގައުމު އަނދަވަޅަށް ވެއްޓިގެންދާއިރު ދިވެހިން ބަލަން ނުތިބޭނެ
ތަރައްގީގެ ނަމުގައި ގެންނަ ވައްކަމާއި ކޮރަޕްޝަން ބޭނުމެއް ނުވޭ

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަހަތުގައި ތިބީ ފީ ދޮންކޭލާއި، ބާ ޓިނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ ރައީސް ޔާމީނާއި މިސަރުކާރުގެ އާނިޔާވެރިކަން ރައްޔިތުންނަށް އޯކޭ ނޫން ކަމަށާއި، ވައްކަމާއި ފަސާދަ ވެސް އޯކޭ ނޫން ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ ގައުމު އަނދަވަޅަށް ވެއްޓިގެންދާއިރު ދިވެހިން ބަލަން ނުތިބޭނެ ކަމަށާއި، ހުރިހާ ރައްޔިތުން މިއަދު ތިބީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ އެކުގައި ކަމަށެވެ. މިއަދު ރައީސް ޔާމިންގެ ފަހަތުގައި ތިބީ ފާ ދޮންކޭލާއި، ބާ ޓިނު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ މިސަރުކާރުން ތަރައްގީއަށް ހިންގާ ހުރިހާ މަޝްރޫއެއްގެ ބޮޑުބައެއް ދަނީ ބައެއް މީހުންގެ ޖީބަށް ކަމަށާއި، ތަރައްގީގެ ނަމުގައި ގެންނަ ވައްކަމާއި ކޮރަޕްޝަން ބޭނުންނުވާ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ ގައުމުގެ ރައީސް އެއްގެ ހައިސިއްޔަތުން ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން ޖެހޭ ކަމަށާއި، އެކަން ކުރަނީ ވެސް ރައްޔިތުންގެ ފައިސާއިން ކަމަށެވެ. އަދި ވެރިކަމަށް މީހަކު އައްޔަން ކުރަނީ ވައްކަން ކުރަން ނޫން ކަމަށާއި، އެއީ ރައްޔިތުންނާއި ގައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރާ ކަމެއް ކަމަށެވެ.

"ގާލްފްރެންޑަށް މޯބައިލް ފޯނެއް ގަންނަން އަޅުގަނޑުމެންގެ މަންމަ ދަބަސް ޖަހައިގަނެގެން ގޮސް އޭގެން ގާލްފްރެންޑަށް ފޯނެއް ގަންނާކަށް ބޭނުމެއް ނޫން. ދަރިން ގެއްލިގެން އެދަރިން ހޯދުމަށް މަގުމައްޗަށް ރޯން ތިއްބާ ދެލޮލަށް ޕެޕާރ ސްޕްރޭޖެހީމަ އެ އޯކޭއެއް ނޫން. އެޑްވާންސް ކޮށް ވައްކަން ކުރީމަ އޯކޭއެއް ނޫން" ރޮޒެއިނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވައި ރޮޒެއިނާ ވިދާޅުވީ އައްޑޫގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ފަށައި ދިނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށާއި، ފްލެޓް ހަދަން ފެށީ ވެސް ރައީސް ނަޝީދުގެ ދައުރުގައި ކަމަށެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ވެސް ފަށައި ދިނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ނިންމާފައިވާ ޕްރޮޖެކްޓްތައް ހުޅުވަނީ އެކަމެއް ކޮށްފައި ހުރީ ރަނގަޅަށްތޯ ބެލުމަށް ފަހު ކަމަށާއި، އެޚިދުމަތް ރައްޔިތުންނަށް ލިބޭތޯ ކަށަވަރު ކުރާ ކަމަށެވެ. ނަމަވެސް ރައީސް ޔާމިން ނިންމަވާ ޕްރޮޖެކްޓްތައް ހުޅުވަނީ ޓެބްލެޓުން ކަމަށާއި، އެޚިދުމަތް ލިބޭތޯ ނުވަތަ ނުލިބޭތޯ ވެސް ބަލައިނުލާ ކަމަށެވެ.

"ޓެބްލެޓުން މަޝްރޫއުތައް ނިންމާލިއަސް ރައީސް ޔާމީނަށް އެތަންތަނުގެ ހާލަތެއް ނޭނގެ. ފެނާއި ނަރުދަމާގެ ނިންމުން ފާހަގަކުރިއިރު ރައީސް ޔާމިންނަށް އެނގިވަޑައި ނުގަންނަވާ ރައްޔިތުންގެ ގެތަކަށް ޚިދުމަތް ނުލިބޭ ކަމެއް" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރައްޔިތުން ގޮތް ނިންމާ ދުވަސް ވަރަށް ކައިރިވެފައިވާ ކަމަށާއި، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބަލިކޮށް ރައްޔިތުން އެދޭ ކަހަލަ ވެރިކަމެއް ކުރިއަށް އޮތް 5 އަހަރަށް ގާއިމްވެގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
21 ސެޕްޓެންބަރ 2018 | ހުކުރު 13:20
މެޑަމް އައިޝާ
ހޭ ބަހައްޓާ އިދިކޮޅުގަ ތިބީ ރިޓަޔާ މީހުން